އާލިއާ ބަޓް ރާއްޖެ އަތުވެއްޖެ
އާލިއާ ބަޓް ރާއްޖެ އަތުވެއްޖެ

ބޮލީވުޑްގައި މިހާރު އެންމެ ގަދަޔަށް ފިޔަޖަހާ ޒުވާން ބަތަލާ އާލިއާ ބަޓް، ޗުއްޓީއެއްގައި އޭނާގެ އާއިލާއާ އެކު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އާލިއާއާ އެކު އޭނާގެ ބައްޕަ އަދި މަޝްހޫރު ފިލްމު ޕްރޮޑިއުސަރު-ޑައިރެކްޓަރު މަހޭޝް ބަޓް އާއި މަންމަ ސޯނީ ރާޒްދާން އަދި ދައްތަ ޝާހީން ބަޓް ވެސް ރާއްޖެ އެވެ.

މަހޭޝް ބަޓް ވަނީ އެމީހުން ހުުޅުލޭގެ ވީއައިޕީ ލައުންޖްގައި ތިއްބާ ނަގާފައިވާ ފޮޓޯއެއް ޓުވީޓްކޮށްފަ އެވެ.

މިއީ އާލިއާގެ މަންމަގެ 60 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުން އާލިއާ ދިން ދަތުރެއް ކަމަށް ތަންކޮޅެއް ކުރިން އާލިއާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

އާލިއާ ރާއްޖޭގައި ހޭދަކުރަނީ ކިތައް ދުވަސްކަމެއް އަދި ތިބެނީ ކޮން ރިސޯޓެއްގައި ކަމެއް ސާފެއް ނުވެ އެވެ.

އާލިއާ، 23، ރާއްޖެ މި އައީ ވަރުން ދަވަންއާ އެކު އޭނާ ކުޅޭ "ބަންދްރީނާތު ދީ ދުލްހަނިޔާ"ގެ ޝޫޓިން ނިންމާލުމަށް ފަހު އެވެ. އަދި އޭނާގެ އެންމެ ފަހުގެ ފިލްމު "ޑިއާ ޒިންދަގީ" އަށް އިންޑިއާގެ އެކި ހިސާބުތަކުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ދުވަސްވަރެއްގަ އެވެ.

ހިންދީ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ސިފަކުރާ ގޮތުގައި އާލިއާ އަކީ މިފަހަކަށް އައިސް ފިލްމީ ދުނިޔެއަށް ނުކުތް ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި ބަތަލާ އެވެ.