08 ޑިސެމްބަރ 2021 - 12:15

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން، އެންމެ ފަހުން ދެކުނު އެފްރިކާ އިން ފެނިފައިވާ އޮމިކްރޯން ބާވަތުގެ ވައިރަސް، މީގެ ކުރީގެ ވައިރަސްތަކަށް ވުރެ ނުރައްކާތެރި ނޫން ކަމަށް، މިހާތަނަށް ލިބުނު މައުލޫމާތުތަކުން ހާމަވެއްޖެ އެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި، މިހާރު 50 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައިވާ އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހަކީ، މިހާރު ފެނިފައިވާ އެހެން ބާވަތްތަކުގެ ކޮވިޑް ވައިރަހަށް ވުރެ ހަލުވިކޮށް ފެތުރޭ ވައިރަހެކެވެ. ނަމަވެސް، މިހާތަނަށް ފެނިފައިވާ ކޮވިޑް ވައިރަހުގެ ބާވަތްތަކަށް ވުރެ އޮމިކްރޯންގެ ނުރައްކާތެރިކަން ބޮޑު ކަމަށް، މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން ނުދައްކަ އެވެ.
ސައެންސްވެރިން ވިދާޅުވާ ގޮތުގައި އޮމިކްރޯން ބާވަތުގެ ވައިރަހުގެ ނުރައްކާތެރިކަމާ މެދު ސާފު ޖަވާބެއް ދެވޭނީ މިހާރު ކުރަމުންދާ ދިރާސާތަކުގެ ނަތީޖާ ލިބުމުންނެވެ. އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެނިފައިވާ ގައުމުތަކުގެ ތެރެއިން އިނގިރޭސި ވިލާތާއި ނޯވޭގެ އިތުރުން ދެކުނު އެފްރިކާ އިން މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، އޮމިކްރޯންއަކީ މާ ނުރައްކާތެރި ބާވަތެއް ނޫން ކަމަށް ދެއްކިޔަސް، އެ ވައިރަހުގެ ހަގީގަތް އެނގެން ދުވަސްކޮޅެއް ނަގާނެ އެވެ.
ކޮވިޑް-19 ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން މިހާތަނަށް އެންމެ ހަލުވިކޮށް ފެތުރޭ ބާވަތެއް ކަމަށް އެނގިފައި އޮތީ، އިންޑިއާ އިން ފެނިފައިވާ ޑެލްޓާ ބާވަތުގެ ވައިރަހެވެ. ނަމަވެސް ދެކުނު އެފްރިކާ އިން ފެނިފައިވާ އޮމިކްރޯން ބާވަތުގެ ވައިރަސް، ޑެލްޓާ ބާވަތުގެ ވައިރަހަށް ވުރެ ހަލުވިކޮށް ފެތުރޭ ކަމަށް، މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގެ އެވެ.
ދެކުނު އެފްރިކާގެ އިތުރުން އެންމެ ގިނަ ބައެއްގެ ހަށިގަނޑުން އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެނިފައިވަނީ ނޯވޯ އިންނެވެ. އެ މީހުންގެ ހަށިގަނޑަށް އޮމިކްރޯން ބާވަތުގެ ކޮވިޑް ވެކްސިން އަރާފައިވަނީ، ކްރިސްމަސް ޕާޓީއެއް ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.
އެ މީހުންނަށް ފަރުވާ ކުރި ޑޮކްޓަރުންނާ ހަވާލާދީ ޓެލެގްރާފް ނޫހުން ބުނެފައިވާ ގޮތުގައި، އެ މީހުންނަށް ކޮވިޑް ޖެހިފައިވަނީ އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހުން ކަމަށް ވިޔަސް، އެމީހުންގެ ހަށިގަނޑުން ފެނިފައިވަނީ ބަލީގެ ވަރަށް ކުދިކުދި އަލާމާތްތަކެކެވެ. އޭގެ ތެރެއިން އެންމެ މީހަކުގެ ވެސް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭން ނުޖެހޭ ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވެ އެވެ.
ޕާޓީގެ މަސައްކަތުގައި އުޅުނު މީހުންގެ ތެރެއިން 60 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 13 މީހަކަށް ކޮވިޑް ޖެހިފައިވަނީ އޮމިކްރޯން ބާވަތުގެ ވައިރަހުންކަން، ތަހުލީލުތަކުން ވަނީ ކަށަވަރުކުރެވިފަ އެވެ. އެމީހުންގެ ހަށިގަނޑުން ފެނުނު އަލާމާތްތަކަކީ ހުން އައުމާއި ބޮލުގައި ރިއްސުމާއި ކެއްސުމާއި ގައިގައި ރިއްސުމެވެ.