ނޫމަރާ ފަރަށް އެރި ބާޖު 61 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
ނޫމަރާ ފަރަށް އެރި ބާޖު 61 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ދެހާސް ނަވާރަ ވަނަ އަހަރު ށ.ނޫމަރާ ފަރަށް އެރި "މެރިން ޕަވާ 2317" ބޯޓުގެ ވެރިފަރާތް 61.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެއް މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

ނޫމަރާގެ ބަނދަރު ހަދަން ގެނައި "މެރިން ޕަވާ 2317" ބާޖު އެރަށު ނެރުމައްޗާ ދިމާލު ފަރަށް އެރީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެ ސަރަަހައްދަށް ކައިރިކުރަން އުޅުމުގެ ތެރޭގައި ނެރުމައްޗަށް ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ވި އެވެ.

އީޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބާޖު ނޫމަރާ ފަރަށް އެރުމުގެ ސަބަބުން ސީދާ ގޮތެއްގައި ފަރުގެ 1،632 އަކަމީޓަރު ސަރަހައްދަށް ގެއްލުން ލިބިފައިވާ ކަމަށް އެ އެޖެންސީން ކުރި ސާވޭން އެނގިފައިވާ ކަމަށެވެ. އެހެންވެ، ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް 61،681،316ރ. އިން ބާޖުގެ ވެރިފަރާތް ޖޫރިމަނާކުރީ އެވެ.

މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ބާޖުގެ ދިވެހިރާއްޖޭގެ އެޖެންޓު، ރޮހޮފް ޕްރައިވެޓް ލިމިޓެޑަށް އެންގީ އިއްޔެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ބާޖު ފުންކޮށް، އެ ސަރަހައްދަށް ފެތިފައި އޮތް ބޯޓުގެ ބައިތައް ނަގައި ނިމުނީ މިދިޔަ މަހު އެވެ.