ބިދޭސީ ޓީޗަރަކު އިސްލާމް ފޮތެއް އެއްލާލި ކަމަށް ބުނާ ވާހަކަ އެޑިއުކޭޝަނުން ދޮގުކޮށްފި
ބިދޭސީ ޓީޗަރަކު އިސްލާމް ފޮތެއް އެއްލާލި ކަމަށް ބުނާ ވާހަކަ އެޑިއުކޭޝަނުން ދޮގުކޮށްފި

ގއ. ކޮނޑޭ ސްކޫލުގައި މަސައްކަތްކުރާ އިންޑިއާގެ ޓީޗަރަކު އިސްލާމް ފޮތެއް ބިންމައްޗަށް ވައްޓާލުމުގެ އިތުރުން ދަރިވަރުން ލައްވައި ކަރުދާހުން ކްރިސްމަސް ޓްރީއެއް ހެދުވި ކަމަށް ބުނާ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.

އެ ޓީޗަރު "ނަރަކަވެރި ފޮތާ ދުރުވެ، ސުވަރުގެ ފޮތާ ގާތް ވާން" ދަރިވަރުން ގާތުގައި ބުނި ކަމަށާއި އިސްލާމް ފޮތެއް ބިންމައްޗަށް ވައްޓާލި ކަމުގެ ތުހުމަތު ބައެއް ބެލެނިވެރިން ވަނީ ކޮށްފަ އެވެ. އަދި ކުދިން ލައްވައި ކަރުދާހުން ކްރިސްމަސް ޓްރީ ހެދުވި ކަމަށް ވެސް ބުނެފައިވެ އެވެ.

މި ތުހުމަތުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ "މިހާރު" އަށް ވިދާޅުވީ، ޓީޗަރު ގަސްތުގައި ފޮތް ވައްޓާލީ ނޫން ކަމަށާއި ހިސާބު ފޮތަކާއި އިސްލާމް ފޮތެއް މޭޒެއް މަތީގައި އޮއްވާ އަތުން ޖެހިގެން އިސްލާމް ފޮތް ވެއްޓުނީކަން، އެ މިނިސްޓްރީން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އެ ފޮތް ވެއްޓުމުން ފޮތް ނަގައި އަލުން މޭޒުމަތީގައި ބޭއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިސްލާމް ފޮތާ ގުޅުވައި ޓީޗަރު ދެއްކި ކަމަށް ބުނާ ވާހަކަތައް ވެސް އޭނާ ދެއްކި ކަން މިނިސްޓްރީން ބެލި ބެލުމުން އެނގިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުދިން ކައިރީގައި ވެސް މިއީ މިވެނި ކަހަލަ ފޮތެކޭ އެކަހަލަ ވާހަކައެއް ދެއްކި ކަމަކަށް ވެސް އަޅުގަނޑުމެން ބެލި ބެލުމުން އެނގިފައެއް ނެތް،" އަހުމަދު އަލީ ވިދާޅުވި އެވެ.

އާޓް ގަޑީގައި ކުދިން ލައްވައި އެ ޓީޗަރު ކަރުދާހުން ކްރިސްމަސް ޓްރީއެއް ހެދުވި ކަމަށް ބުނާ ވާހަކައާ ގުޅިގެން އޭނާ ވިދާޅުވީ، އެއީ ކަރުދާހުން ބެންޔަން ޓްރީއެއް ހަދަން ކުދިންނާ ހަވާލު ކުރުމުން އެ ކުދިން އަމިއްލަ އަށް ހެދި އެއްޗެއް ކަމަށެވެ.

"އެ ކުދިން އަމިއްލަ އަށް ހެދި އެއްޗެއް. އެއްގޮތަކަށް ވެސް ޓީޗަރު ކްރިސްމަސް ޓްރީ ދައްކާފައި މިއީ ކްރިސްމަސް ޓްރީއޭ، މިއަދު ހަދާނީ މީއްޗޭ، އެކަހަލަ ކަމެއް ނޫން،" އަހުމަދު އަލީ ވިދާޅުވި އެވެ.

މި ތުހުމަތުތައް އަމާޒުވި ޓީޗަރަކީ ކޮނޑޭ ސްކޫލުގައި 12 އަހަރު މަސައްކަތް ކޮށްފައިވާ މުވައްޒަފެއް ކަމަށާއި މީގެ ކުރިން މިފަދަ މައްސަލައެއް ޖެހިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަހުމަދު އަލީ ވިދާޅުވީ، ދީނާ ހިލާފު މާނައެއް ދޭހަވާ ފަދަ ކަމެއް ވެސް ޓީޗަރުން ނުކުރަން އަބަދު ވެސް މިނިސްޓްރީން އިލްތިމާސް ކުރާ ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ "ކިޑްސް ސްޕޯޓްސް ފެސްޓިވަލް"ގެ ނަމުގައި ކްލިކް ކޮލެޖުން ބޭއްވި ހަރަކާތެއްގައި ނަސާރާ ދީނުގެ ލަވައެއް ކަމަށް ބުނާ ލަވައެއް ޖެހި މައްސަލަ ހޫނުވެ، އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ. ކްލިކް ކޮލެޖުން ބުނެފައި ވަނީ އެ ލަވަ ޖެހީ ގަސްތުގައި ނޫން ކަމަށެވެ.