އަނބިމީހާ ފިރިމީހާގެ ބަނޑަށް ވަޅި ހަރައި ޒަހަމްކޮށްލުމުން ސީރިއަސް ހާލަތުގައި!
އަނބިމީހާ ފިރިމީހާގެ ބަނޑަށް ވަޅި ހަރައި ޒަހަމްކޮށްލުމުން ސީރިއަސް ހާލަތުގައި!

އަނބިމީހާ ވަޅި ހެރުމުން ފިރިމީހާ އަށް ލިބުނު ފުން ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީގެން 34 އަހަރުގެ ފިރިހެނަކު މިދިޔަ ހޯމަ ދުވަހު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭނާ އަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ވިދާޅުވި ނަމަވެސް ލިބިފައި ހުރި ޒަހަމްތަކެއް ސާފެއްނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގައި ފިރިހެނެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ރިޕޯޓު މިދިޔަ ހޯމަ ދުވަހުގެ ރޭ ލިބިފައިވާ ކަމަށެވެ. އެކަން އިތުރަށް ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ހަމަނުޖެހުން ހިނގީ ދެމަފިރިންގެ ދެމެދުގަ އެވެ. އަދި އަނބިމީހާ ފިރިމީހާގެ ބަނޑަށް ވަރަށް ފުންކޮށް ވަޅި ހެރި ކަމަށް ވެ އެވެ. އޭގެ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ.

އަންހެން މީހާއަކީ ނަފްސާނީ ބައްޔަށް ޑޮކްޓަރަށް ދައްކައި ފަރުވާ ކުރަމުން އަންނަ މީހެއްކަން ވެސް އެނގިފައިވެ އެވެ.