11 ޑިސެމްބަރ 2016 - 15:40

ތަފާތު އެކި ވިޔަފާރިތަކުގެ ހުރިހާ ކަމެއް އެކައްޗަކުން ކުރެވޭ އެންމެ ޒަމާނީ ކްލައުޑް ބޭސްޑް ސިސްޓަމެއް، ދިވެހި ކުންފުންޏެއް ކަމަށްވާ ފިއެސް އިން މިދިއަ ހުކުރުދުވަހު ތައާރަފްކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ނެރެދެއްވި "އައިޑީޒެޑް ލިންކް.ކޮމް" ސިސްޓަމްގައި މައިގަނޑު ތިން ބައެއް ހިމެނެ އެވެ. އެއީ ފިހާރަތަކުގައި ބޭނުންކުރާ ޒަމާނީ ޕީއޯއެސް ސިސްޓަމަކާއި އެކައުންޓްސް ސިސްޓަމެއް އަދި ޓޫރިސްޓް ހޮޓާތަކުގައި ބޭނުންކުރާ ރިޒަވޭޝަން ސިސްޓަމެކެވެ.

އޭގެ ތެރޭން ޕީއޯއެސް ސިސްޓަމްގައި، އާއްމުކޮށް ބޭނުންކުރާ ސިސްޓަމްތަކާ ހިލާފަށް ހުރިހާ ކަމެއް ކުރަނީ އިންޓަނެޓް މެދުވެރިކޮށެވެ. ފިހާރައިގެ އިންވެންޓްރީ އާއި ވިކުރާ ރައްކާކޮށްފައި ހުންނަނީ ކްލައުޑް ސިސްޓަމެއްގަ އެވެ. އަދި މި ސިސްޓަމާ އެކު ތައާރަފްކޮށްފައިވާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް، ވިޔަފާރި ކުރަން ފިހާރަ އަށް ދިއުމުގެ ކުރިން ބޭނުންވާ މުދަލަކަށް އޯޑަރު ދިނުމާއި ގަންނަ މުދަލުގެ ބިލު ފޯނަށް އޮޓަމެޓިކުން ލިބޭނެ ގޮތް ހެދެ އެވެ.

"މިހާރު ގިނަ ސިސްޓަމްތައް މި ހުންނަނީ އޮފްލައިންކޮށް، ސޮފްޓްވެއާއެއްހެން މަސައްކަތް ކުރާ ގޮތަށް. އެހެންވެ، ކޮމްޕިއުޓަރަށް މައްސަލަ ދިމާވާ ފަހަރު ރައްކާކޮށްފައި ހުންނަ މައުލޫމާތު ގެއްލުން ފަދަ ކަންކަން އެބަ ހިނގާ،" ފިއެސްގެ ސީއީއޯ އިކުރާމް ހަސަން ވިދާޅުވި އެވެ.
"ސަލާމަތީ ގޮތުން ވެސް އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ ކްލައުޑް ޓެކްނޮލޮޖީ އަޅުގަނޑުމެން މި ބޭނުންކުރަނީ. ޑޭޓާގެ ރައްކާތެރިކަމާ މެދު އެއްވެސް ޝައްކެއް ނޯންނާނެ."
އެކައުންޓިން ސިސްޓަމްގައި ކުންފުންޏެއް ނުވަތަ ފިހާރައެއްގެ ހިސާބު ބެލެހެއްޓުމާއި އެ ނޫން ވެސް އެކައުންޓިން ދާއިރާއާ ގުޅޭ ހުރިހާ މުއާމަލާތްތަކެއް ފަސޭހަކަމާ އެކު ރެކޯޑް ކުރެވެ އެވެ. މި ސިސްޓަމް ވެސް މަސައްކަތް ކުރަނީ އިންޓަނެޓް މެދުވެރިކޮށް، ކްލައުޑް ސިސްޓަމެއްގެ ތެރޭންނެވެ. އެހެންވެ، ހުރިހާ މައުލޫމާތެއް ރައްކާކޮށްފައި ހުންނަނީ ކްލައުޑުގަ އެވެ.
ތިން ވަނަ ބައެއްގެ ގޮތުގައި ހިމަނާފައިވާ ރިޒަވޭޝަން ސިސްޓަމަކީ ވެސް އިންޓަނެޓް މެދުވެރިކޮށް މަސައްކަތް ކުރާ އަދި ކްލައުޑާ ގުޅާލާފައިވާ ސިސްޓަމެކެވެ. މި ސިސްޓަމްގައި ހޮޓަލެއްގެ ފްރަންޓް ޑެސްކަކުން ކުރަން ޖެހޭ ހުރިހާ ކަމެއް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި ބުކިން ހެދުމާއި ހޮޓަލަށް ޗެކިންވުން އަދި ޗެކްއައުޓް ވުމުގެ ކަންކަން ބެލެހެއްޓުމުގެ އިތުރަށް، މުވައްޒަފުންނާ ގުޅުން ހުރި މައުލޫމާތުތައް ރައްކާކޮށް، ބެލޭނެ ގޮތް ވެސް ވަނީ ހަދައިފަ އެވެ.
"އަގޯޑާ، ބުކިން.ކޮމް ފަދަ އޮންލައިން ބުކިން ނެޓްވޯކްތަކާ ގުޅާލަން ވެސް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން. އެއީ ދެވަނަ ފިޔަވަހީގެ ގޮތުގައި އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" އިކުރާމް ވިދާޅުވި އެވެ.
ހަފުތާއެއް ވަންދެން ހިލޭ ބޭނުންކުރެވޭ "އައިޑީޒެޑް ލިންކް.ކޮމް" އަށް ސަބްސްކްރައިބް ކުރުމަށް ދެ ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ އެވެ. އެއީ 180 ޑޮލަރަށް ދޭ ހަ މަސްދުވަހުގެ ޕެކޭޖަކާއި 300 ޑޮލަރަށް ލިބޭ އެއް އަހަރުގެ ޕެކޭޖެކެވެ.
"އައިޑީޒެޑް ލިންކް.ކޮމް"ގައި އަދި ތައާރަފްކޮށްފައި ވަނީ ޕީއޯއެސް ސިސްޓަމްގެ ބައި އެކަންޏެވެ. އެކަމަކު، އިކުރާމް ވިދާޅުވި ގޮތުގައި، އެކައުންޓިން ސިސްޓަމާއި ރިޒަވޭޝަން ސިސްޓަމް ވަރަށް އަވަހަށް ހުޅުވާލާނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ސޮފްޓްވެއާ ފާމް ކަމަށްވާ ފިއެސް އިން ވަނީ އެކި ކަހަލަ ވިޔަފާރިތަކަށް ބޭނުންވާ ސިސްޓަމްތައް ކުރިން ވެސް ތަރައްގީކޮށްދީފަ އެވެ. މާލޭގެ އެންމެ ބޮޑެތި ސުޕަމާޓުތަކުގައި ވެސް ބޭނުންކުރަނީ އެ ކުންފުނީގެ ރީޓެއިލް ސިސްޓަމެވެ.