08 ޑިސެމްބަރ 2021 - 08:05

އާދިއްތަ ދުވަހާ ގުޅޭ
މުޅީން އެހެން ވާހަކައެކެވެ. އަނެއްކޮޅުން، މަލްސާއަށް ވާހަކަދެއްކުނީ ވަރަށް ގާތްކޮށެވެ. އެއީ ކީއްވެގެންކަން މަލްސާއަށް އެނގެއެވެ.
"ކުރީ ދުވަހުގެ ކޮފީއަށް ޝުކުރުއަދާކުރަން މި ގުޅާލީ،" އިނގެރޭސިބަހުން މަލްސާ ބުންޏެވެ. "އޭރު ފިނިވެފަ ހުރިވަރުން ހަނދާންނެތުނީ. މާފުކުރާނެކަމަށް ހީކުރަން."
ހަގީގަތުގައި މަލްސާއަށް އިހުސާސްކުރެވުނީ މޫސުމުގެ ފިންޏެއް ނޫނެވެ. އެކަމަކު އެ ވާހަކަ އެ ވަރަށް ތިލަނުކުރީއެވެ.
"އެއީ އެއްވެސް ކަމެއް ނޫން!" ހީނލައިފައި އަދޭޝް ބުންޏެވެ. "ކަސްޓަމަރުން ހިތްހަމަޖައްސައިދިނުމަކީ އަހަރެންގެ ވާޖިބެއް."
"އެހެންތަ؟ ހޮޓަލުގެ މެނޭޖަރުގެ ހައިސިއްޔަތުން ކުރި ކަމެއްތަ އެއީ؟" މަލްސާ ސުވާލުކުރިއެވެ.
އަދޭޝް އަކަށް ވަގުތަކުން ޖަވާބެއް ނުދެވުނެވެ. މަލްސާ އެ ކަހަލަ އެއްޗެއް ބުނެފާނެކަމަށް ތައްޔާރު ނުވެ ހުރެވުނީމައެވެ. މެނޭޖަރެއް ނޫނީ އަދޭޝްގެ އޮންނާނީ ކޮން ހައިސިއްޔަތެއްބާއޭ އަދޭޝް ހިތަށްއެރިއެވެ.
"ކީކޭ؟" އަދޭޝް އެހިއެވެ.
"ދެން އެ ވާހަކަ އިހަށް ބާއްވާ! ނޫރަލިޔާ ބަލާލަން ކިހިނެއް ހަދަންޖެހޭނީ؟" މައުލޫ ބަދަލުކޮށްލަމުން މަލްސާ ސުވާލުކުރިއެވެ. "މިބުނީ، ތަން ރަނގަޅަށް ދަންނަ، ވަރަށް މަޖާ ގައިޑެއް ލިބިދާނެހޭ؟ ރީތިކޮށް ވާހަކަދައްކާ، ރަނގަޅަށް އިނގެރޭސި އެނގޭ، އިތުބާރުކުރެވޭ، ލާރިއަށް ވުރެ މަސައްކަތަށް އިސްކަންދޭ، ލަންކާ މީހެއް ބޭނުމީ."
މަލްސާ ކިއީ އަދޭޝްގެ ހުންނަ ސިފަތަކެވެ. އަދޭޝް އަކަށް އެ ކަން ފާހަގައެއް ނުވިއެވެ. ވާނީ ވެސް އެހެންނެވެ. މަލްސާއަކީ މެހުމާނެކެވެ. އަންބެކެވެ. މަންމައެކެވެ. އެހެން ގައުމެއްގެ، އެހެން ދީނެއްގެ މީހެކެެވެ. ބައްދަލުވީ އެންމެ ފަހަރަކުއެވެ. އަދޭޝްއަށް މަލްސާ ފެނުނީ ވަރަށް މަޑުމަޑުން ހުންނަ، ބަސްމަދު ކުއްޖެއް ގޮތުގައެވެ.
"ތި ހުރިހާ ސިފައެއް ހުރިި މީހަކު ހުންނާނެބާ؟" އަދޭޝް އެހިއެވެ.
"ތިހިރީނު!" މަލްސާ ބުނެލިއެވެ.
އަދޭޝް ދެވަނަ ފަހަރަށް ހުއްޓުންއެރިއެވެ. އެކަމަކު އެ ފަހަރު އަދޭޝްއަށް ކޮންމެވެސް އެއްޗެއް ވިސްނުނެވެ. ފެހި ސިގުނަލެއް ފެނުނެވެ. މަލްސާއަކީ އަދޭޝް ހީކުރި ކަހަލަ އަންހެނެއް ނޫނެވެ. ބޭރުން ފެންނަ މިޒާޖާ އަސްލާ މާ ބޮޑަށް ވެސް ތަފާތެވެ.
ވިލްދާން ހޮޓަލަށް އައި އިރު ހޫނު ފެނުގެ މައްސަލަ ހުރީ ހައްލުވެފައެވެ. ނާހިދު ހުއްޓައި ނުލައި ދައްކަމުން ގެންދިޔައީ އޭނައަށް ފެނުނު ބައިވަރު ގެރިތަކެއްގެ ވާހަކައެވެ. ވިލްދާން ދެއްކީ ފެނާރުގެ ވާހަކައެވެ. ފެނާރުން ފެން ފައިބާ ހާމަ ސަރަހައްދެއް ފެނިގެން އެ ތަނުގައި ބައިވަރު ފޮޓޯތައް ދެބަފައިން ނަގައިފައި ހުއްޓެވެ.
"އަހަރުމެންނަށް ލިބުނު ކާރުގެ ޑުރައިވަރު ވަރަށް ފައްކާ،" ނެގި ފޮޓޯތައް ދައްކަމުން ވިލްދާން ބުންޏެވެ. "އޭނައަށް އެނގޭ އެންމެ ސަޅިކޮށް ވޯޓާފޯލް ފެންނާނެ ދިމާ. ހިނގާބަލަ ރަނގަޅު ގައިޑެއް ހޯދައިގެން ބުރެއް ޖަހާލަން. ގަރުނަކުން އެއް ފަހަރު މި ކަހަލަ ތާކަށް މި އާދެވެނީ. ތިހެން އަބަދު ރޫމްގަ އޮންނާކަށް ނުވާނެއްނު."
"ތި ވާހަކަދައްކާށޭ މި އުޅެނީ،" ލިބުނު ފުރުސަތުގެ ބޭނުން މަލްސާ ހިފިއެވެ. "ހޮޓްވޯޓަރގެ ކަންތަކުގަ މެނޭޖަރަށް ގުޅުނު ވަގުތު އޭނަ ފެނުގެ ވާހަކަޔާ، މި ތަނަށް ފެން ގެންނަ ގޮތުގެ ވާހަކަޔާ ދެއްކި ގޮތުން އަހަންނަށް ހީވީ އޭނައަށް ވަރަށް ރަނގަޅަށް ނޫރަލިޔާ އެނގެޔޭ. އޭނަ އެއްބަސް ވެސް ވެއްޖެ އޭނަގެ އޯފް ގަޑީގަ ސައިޓްސީންއަށް ދާން. އޭނަގެ ކާރުގަ. ފްރީކޮށް."
"ސަޅި!" ވިލްދާން ބުނެލިއެވެ.
އެ ރޭ ވެސް އަދޭޝްއާއި މަލްސާގެ މެދުގައި މެސެޖުތައް ބަދަލުކުރެވުނެވެ. ވާހަކަދެކެވުނީ ރޭވެމުންދިޔަ ދަތުރާ ބެހޭ ގޮތުންނެވެ. މަލްސާ ކޮންމެ އެއްޗެއް ވެސް ބުނަނީ ދެ މާނަ ނެގޭ ގޮތަށެވެ. އެއީ މަލްސާ ގަސްތުގައި ފޮނުވި ސިގުނަލުތަކެކެވެ. އަދޭޝްގެ ވާހަކަތަކުން އެނގުނު ގޮތުގައި އޭނަ އުޅެނީ މީހަކާ އިނދެގެންނެވެ. އެ ކައިވެންޏަކީ އާއިލާ ތެރެއިން ހަމަޖެހުނު ކައިވެންޏެކެވެ. ރަނގަޅަށް ނުފޯދި، ފަތްތައް ގުރުޑުވެފައިވާ ގަހެކެވެ. ރޫޅުމުގެ މަގުމަތީގައިވާ ގުޅުމެކެވެ. ވާހަކަދައްކައި ނިމުމަށް ފަހުގައި ހުރިހާ މެސެޖެއް މަލްސާ ފުހެލިއެވެ.
ތަންބަލަން ނުކުތް ދަތުރުގައި މަލްސާ އެރީ ކާރުގެ ފަހަތު ސީޓަށެވެ. ވިލްދާން ބޭންދީ ކުރީގައެވެ. އެއީ ވެސް ބޭނުމަކު މަލްސާ ކުރި ކަމެކެވެ. ދަތުރަށް ފެށުމާ އެކު، މަލްސާ ފެންނަ ގޮތަށް ކާރުގެ ކުރީ ލޯގަނޑު އަދޭޝް އަނބުރައިލިއެވެ. އެއީ މަލްސާ އުންމީދުކުރި ގޮތެވެ. ވިލްދާންނަކަށް ކަނޑެއްފަޅެއް ނޭނގެއެވެ. ވިލްދާންގެ ކަމަކީ ފޮޓޯނަގައި މީސްމީޑިޔާއަށް ފޮނުވުމެވެ. މަލްސާގެ ހިތް އެހެން ދިމާއަކަށް ދީލިފާނެކަމަކަށް، ދުވަހަކު ވެސް ވިލްދާން ހިޔެއް ނުކުރެއެވެ. ވިލްދާންގެ ނަޒަރުގައި މަލްސާއަކީ ހިތަކަށް ލިބިފައިވާ، ވިލްދާންގެ އަމިއްލަ މިލްކެކެވެ. އުމުރުދުވަހަށް ވެސް އެ ކަން އޮންނާނީ އެހެންނެވެ. މަލްސާގެ ޒިންމާއަކީ ދަރިފުޅު ބެލުމެވެ. އަންބެއްގެ ވާޖިބު އަދާކުރުމެވެ. މަލްސާގެ ހިތަކު ލޯބީގެ ވިންދެއް ނުޖަހާނެއެވެ. މަލްސާ ދެކޭ ހުވަފެނެއް ނުވަތަ ކުރާ އުންމީދެއް ވެސް ނޯންނާނެއެވެ. ހަޔާތުގެ ޒަރޫރީ ހުރިހާ ބޭނުމެއް ވިލްދާން ފުއްދައިދެއެވެ. އެ ނިމުނީއެވެ.
ލޯގަނޑު މެދުވެރިކޮށް އަދޭޝް ކިތަންމެ ފަހަރަކު މަލްސާއަށް ހިނިތުންވިއެވެ. މަލްސާ ވެސް އެ ފަދައިން ރައްދުދިނެވެ. ބަހުރުވައެއް ނެތަސް، ދެ ހިތް ދެމެދު އޮލަވާހަކަތަކެއް ދެކެވުނެވެ. މާނައިން ފުރިގެންވާ ލަފުޒުތަކެއް ހިތުގައި ކަނޑައިނެގުނެވެ. ލޯތްބެއްގައި ދުވަން މަލްސާ ބޭނުންވި ވަހަކީ އެއީއެވެ. ދެ މީހުންގެ މެދުގައި އުފެދުނު ލޯބީގެ ހުޅުގަނޑަށް ވައިޖައްސައިދިނީ ނޫރަލިޔާގެ އެ ކާރު ދަތުރެވެ. ފުރަތަމަ ނަޒަރުން އުފެދުނު ލޯބި ފައްކާވާން ނެގީ ކުޑަ ވަގުތުކޮޅެކެވެ.
އެ ދަތުރުގައި ނޫރަލިޔާގައި ހޭދަކުރީ އެންމެ ހަތަރު ދުވަހެވެ. މަލްސާ ކުރިން ހީކުރީ، މީހެއް ދެކެ ލޯބިވެ އެ ލޯބީގައި ކުލަޖެހެން ހަފުތާތަކެއް ނުވަތަ މަސްތަކެއް ނަގާނެ ކަމަށެވެ. އެތައް އަހަރެއްގެ ވަރުގަދަ ގުޅުމެއް ދެތިން ގަޑިއިރު ތެރޭގައި އެފުށްމިފުށަށް ޖެހިދާނެކަމަކަށް ކުރިން ގަބޫލެއް ނުކުރެވެއެވެ. އޭގެ ޖަވާބު މަލްސާއަށް ލިބުނީ ފަހުންނެވެ. ދެމިއޮތީ ހަމަ އެކަނި ކައިވެންޏެވެ. ލޯބީގެ ހުޅުކޮޅު ނިވުނުތާ އަހަރުތަކެއް ވެއްޖެއެވެ.
ނޫރަލިޔާ ދަތުރުން މަލްސާއާއި ވިލްދާނަށް ކުރެވިފައިވާ ތަޖުރިބާ ހާސްބައި ތަފާތެވެ. ވިލްދާނަށް އެ ކަން އެނގުނީ، އެންމެ އަކުރެއް ވެސް ވައްޓައި ނުލައި މަލްސާ ކިޔައިދިނީމައެވެ. ހަޔާތުގެ ފީތާ ފަހަތަށް އޮޅާލައި، ފިކުރުހިންގައިލުމުން ކުރިން ފާހަގަ ނުކުރެވޭ ކިތަންމެ ކަމެއް ވިލްދާނަށް ފާހަގަކުރެވުނެވެ. އެއީ މަލްސާ ކުއްލިއަކަށް ފޯނުގައި ތަތްވިތަތްވުމެވެ. ވިލްދާނަށް ނިދޭ އިރު ވެސް މަލްސާ "ޓީވީބަލަން" އިންނަކަމެވެ. ވިލްދާނަށް ވުރެ ކުރިން މަލްސާ ހޭލާކަމެވެ. ކުރިޔަށް ވުރެ މާ ބޮޑަށް މަލްސާ އުފާވެފައި ހުންނަކަމެވެ. އިރުއިރުކޮޅާ މަލްސާގެ ފޯނަށް މެސެޖު އަންނަކަމެވެ. ފޯނަށް ބަލަހައްޓައިގެން މަލްސާ އިންނަ އިރު ވެސް، ރަކި ހިންޏެއް އައިސްފައި އިންނަކަމެވެ. އެ ހުރިހައި ކަމެއް ވެސް ވިލްދާނަށް ފާހަގަކުރެވުނީ ފަހުންނެވެ.
"ތި ކުރީ ވަރަށް ކަޑަކަމެއް!" ފުން ނޭވައެއް ބޭރުކޮށްލުމަށް ފަހު ވިލްދާން ބުންޏެވެ. "އަހަރެން ހަމަ ހައިރާންވެއްޖެ!"
"ސީރިޔަސްކޮށް؟" މަލްސާ ބުނެލިއެވެ. "އެކަމަކު މީން ދުވަހަކު ވެސް އަހަރެން މިހާ ހެޕީއެއް ނުވޭ! ކުރިމަތީ ހުންނަ މީހާ ކެއަރ ނުކުރާ ވަރަށް ލަންކާގަ ހުރި މީހަކަށް ކެއަރ ކުރެވޭނީ ކިހިނެއް؟ އަޅެ ބުނެލަބަ! އެކަމާ އަހަރެން މާ ހައިރާންވޭ! އެންމެ ރަނގަޅު. އަހަރެންގެ މޫނަށް ވިލްދާން އެންމެ ފަހުން ބަލައިލީ ކޮން ދުވަހަކު؟"
މަލްސާއަށް ބުނެވުނީ ވިލްދާން ފޫހިވެގެން ގޮސް ހަލާކުވާ ވަރުގެ އެއްޗެކެވެ. ވިލްދާންގެ މޫނުމަތިން އެ ކަން އެނގުނެވެ.
"އެއްކަލަ ފާޑަށް ޑައިލޮގު ކިޔަން ފެށީ،" ޗޮކެއްކަނޑައިލައިފައި ވިލްދާން ބުންޏެވެ. "އަހަރުމެން މީ އިނދެގެން އެއް ކޮޓަރީގަ އުޅޭ ކަޕްލްއެއް. ކޮންމެ ދުވަހަކު އެތައް ފަހަރަކު އަހަންނަށް މަލްސާގެ މޫނު ފެނޭ."
"ފެނުމާ ބެލުމާ އެއީ ދޭއްޗެކޭ ވިލްދާން،" ކެތްތެރިކަމާ އެކުގައި މަލްސާ ބުންޏެވެ. "ނުވިސްނޭނެ ވިލްދާނަކަށް. އަހަންނާ ހަތަރުކަޅި ހަމަކޮށް ވިލްދާން ބަލައިލި ނަމަ ވިލްދާނަށް ފާހަގަކުރެވޭނެ އަހަރެން މިހާރު ކިހާ ހެޕީކަން. އަހަރެން ދުވަހަކު ވެސް ބުނިންތަ އަހަންނަށް އެއްވެސް އެއްޗެއް ގަނެދޭށޭ؟ ނުބުނަމެއްނު! ކޯޗެއް އަހަރެން ބޭނުންވީ؟"
"ނޭނގެ މަށަކަށް. ހަމަ މިހާރު ތިކަން ހުއްޓާލާ!" ވިލްދާން އަމުރުކުރިއެވެ. "އެހެން ނޫނީ އަހަރެން ޖެހޭނީ.."
"އަހަރެން ވަރިކޮށްފާނަންތަ؟" ވިލްދާނަށް ވުރެ ކުރިން މަލްސާ ބުންޏެވެ. "ވިލްދާން އެއްގޮތަކަށް ވެސް މަ ބިރުގަންނަވަން ވަރިކުރާ ވާހަކަ ނުދައްކައްޗޭ! އަހަރެން މި ބުނަނީ އަހަރެން ވަރިކޮށްދޭށޭ! މި އެނދުން ވިލްދާން ފައިބާށޭ!"
އެ ހިސާބުން ވިލްދާން ދައްކަން އުޅުނު ވާހަކަ ހުއްޓުނެވެ. ހިތި ހަގީގަތާ ވިލްދާން ކުރިމަތިލާންޖެހުނީއެވެ. ކައިވެނި ރޫޅާލުމުން އޭގެ ގެއްލުން ލިބޭނީ ވިލްދާނަށެވެ. މަލްސާއަކަށް ނޫނެވެ. ގޮތް ހުސްވެ ހާލުގައި ޖެހޭނީ ވެސް ވިލްދާނެވެ. ވަރުގެކޮޅަށް ނަލަހެދިގެން އޮފީހަކަށް ނުދެވޭނެއެވެ. ދޮވެއިސްތިރިކޮށް ކާންދޭނެ މީހަކު ނުހުންނާނެއެވެ. އެއީ، ވިލްދާން ކުރިން ވިސްނި ކަންތައްތަކެއް ނޫނެވެ. ވިލްދާނަކީ، އެއް އިރެއްގައި ވެސް މަލްސާގެ ހަށިގަނޑުގެ އެއް ބަޔެއް ނޫނެވެ. ގާތް އެކުވެރިއެއް ނޫނެވެ. ސައިކަލު ފަހަތަށް އަނބިމީހާ ލައިގެން ބުރުޖަހާ މީހެއް ވެސް ނޫނެވެ. ކޮންމެހެން ދާންޖެހޭ ތަންތަނަށް ގެންދެއެވެ. އެ ނިމުނީއެވެ. މަލްސާއަކީ ވިލްދާންގެ ގާނޫނީ އަނބިމީހާއެވެ. ފިރިމީހާއަށް ޒިންމާތައް އަދާކޮށްދޭން ޖެހޭ މީހާއެވެ. ފުރަތަމަކޮޅު މަލްސާއަށް ވަރަށް އުނދަގޫވިއެވެ. ދުރުދުރުން ޝަކުވާ ވެސް ކުރެވުނެވެ. ސަމާސައިގެ ސިފައިގައި އެތައް ކަމެއް ފެންމަތިކުރިއެވެ. ސައިކަލުދުއްވައިލަން ނުގެންދާ ވާހަކައެވެ. އެއްވެސް ކަމެއްގައި މަލްސާގެ މަޝްވަރާ ނާހާ ވާހަކައެވެ. ކައިވެނިޕާޓީތަކަށް މަލްސާއާ އެކުގައި ނުދާ ވާހަކައެވެ. ލޯބިވާ ވާހަކަ ބުނުން ވިލްދާން ހުއްޓައިލައިގެން މަލްސާ އެ ވާހަކަ ވެސް ދެއްކިއެވެ. ވިލްދާން ބެލީ އެއީ ހެއްވާ ވާހަކައެއްކަމުގައެވެ. އެންމެ ފަހުން މަލްސާ ވަރުބަލިވީއެވެ. ބުނެކިޔައިއާދޭސްކޮށްގެން ކަންކަން ކުރުވުން މަލްސާ ހުއްޓައިލީއެވެ. މަލްސާ ހިމޭންވީއެވެ.
"ދެން ހިނގާ ނިދަމާ!" ގޮތްދޫކުރާ ރާގެއްގައި ވިލްދާން ބުންޏެވެ. "މަލްސާ ވިސްނާ! އަހަރެން ވެސް ވިސްނާނަން!"
އޮށޯތުމުގެ ބަދަލުގައި، ކައިރީގައި ހުރި ވަތްގަނޑެއް ހުޅުވައިލައިފައި މަލްސާ ދިއްކޮށްލީ ވަރިފޯމެވެ.
"ފުރާލާ! އަހަރެން ފޯމުލައިދޭނަން." މަލްސާ އެދުނެވެ.
ނުނިމޭ