08 ޑިސެމްބަރ 2021 - 10:08

ބާލިން (ޑިސެމްބަރު 8) - ޖާމަން ބުންޑެސްލިގާގައި އެންމެ ފަހުން ބޮރޫޝިއާ ޑޯޓްމަންޑާއި ބެޔާން މިއުނިކް ބައްދަލުކުރި މެޗުގައި ރެފްރީކަން ކުރި ފީލިކްސް ޒްވޭޔާ އަށް ފާޑުކީ މައްސަލައިގައި ޑޯޓްމަންޑުގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް ޖޫރިމަނާ ކުރަން ޖަރުމަނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.
އެ މެޗުގައި ޑޯޓްމަންޑުން ޕެނަލްޓީއަކަށް ކުރި އެޕީލްގައި ރެފްރީ ޒްވޭޔާ ޕެނަލްޓީ ދީފައެއް ނުވެ އެވެ. ނަމަވެސް ފަހުން ބެޔާނަށް ވަނީ ޕެނަލްޓީއެއް ދީފަ އެވެ. ބެޔާނުން މި ޕެނަލްޓީ ކާމިޔާބުކޮށް، މެޗުން ތިން ޕޮއިންޓް ހޯދައިގެން އެ ޓީމު ވަނީ ލީގުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ވެސް ނަގައިފަ އެވެ.
މެޗު ނިމުމަށް ފަހު ބެލިންހަމް ވަނީ ރެފްރީގެ ނިންމުންތަކާ މެދު ނުރުހުން ފާޅުކުރުމާ އެކު، މީގެ ކުރިން ރެފްރީ ޒްވޭޔާގެ މައްޗަށް ސާބިތުވި މެޗްފިކްސިން މައްސަލައަކަށް ރިއާޔަތްކޮށް އޭނާގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދައިފަ އެވެ.
ބެލިންހަމްގެ މައްސަލަ ބެލުމަށް ފަހު ޖަރުމަން އެފްއޭއިން އޭނާ ޖޫރިމަނާކުރީ 40،000 ޔޫރޯ (45،000 ޑޮލަރު) އިންނެވެ. ޖޫރިމަނާއާ އެކު އިތުރު ސަސްޕެންޝަނަކާ ނުލައި ބެލިންހަމް ސަލާމަތްވެފައިވާއިރު، ޑޯޓްމަންޑުން ވަނީ މި މައްސަލައިގައި އެޕީލް ނުކުރަން ނިންމައިފަ އެވެ.
މިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް ބެލިންހަމް ގެނައީ އިނގިރޭސި ޗެމްޕިއަންޝިޕުގެ ބާމިންހަމް ސިޓީއަށް 30 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއް ދައްކައިފަ އެވެ. އޭރު އޭނާގެ އުމުރަކީ 17 އަހަރެވެ.
ޑޯޓްމަންޑުގެ ފުރަތަމަ 11 ގައި މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ބެލިންހަމް ވަނީ އިނގިރޭސި ސީނިއާ ގައުމީ ޓީމަށް ވެސް މިހާތަނަށް 10 މެޗު ކުޅެދީފަ އެވެ. އޭނާ ވަނީ މި އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވެސް އިނގިރޭސި ގައުމީ ޓީމަށް ކުޅެފަ އެވެ.