މަހުލޫފް ބޭސްފަރުވާ އަށް މިރޭ އިންޑިއާ އަށް ފުރަނީ
މަހުލޫފް ބޭސްފަރުވާ އަށް މިރޭ އިންޑިއާ އަށް ފުރަނީ

ޖަލަށް ލާފައިވާ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ ބޭސްފަރުވާ އަށް މިރޭ އިންޑިއާ އަށް ފުރަން ނިންމާފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

އިންޑިއާގައި ފަރުވާ ހޯދަން ކަރެކްޝަނަލް ސާވިސްއިން މަހްލޫފަށް ދިނީ 10 ދުވަހުގެ މުއްދަތެކެވެ. އެހެންކަމުން އެ މުއްދަތު ހަމަވުމުން މަހްލޫފް ރާއްޖެ އަންނަން ޖެހެ އެވެ. އެކަމަކު ބޭސްފަރުވާގެ މުއްދަތު އިތުރު ކުރަން ބޭނުންނަމަ، އެކަމަށް ހުށަހެޅުމުގެ ފުރުސަތު މަހްލޫފަށް އެބައޮތެވެ.

ކަރެކްޝަންސްއިން ދިން މުއްދަތުގެ ތެރޭގައި މަހްލޫފް ރާއްޖެ އަންނާނެ ކަމަށް އާއިލާއިން ބުނެ އެވެ.

މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) މިއަދު ވިދާޅުވީ ކަރެކްޝަނަލް ސާވިސްއިން ދިން މުއްދަތުގެ ތެރޭގައި މަހްލޫފް ރާއްޖެ އަންނާނެ ކަމަށެވެ.

"ވީހާވެސް އަވަހަކަށް ބޭސް ފަރުވާ ނިންމާފައި އެނބުރި ރާއްޖެ ވަޑައިގެން ހުކުމް ތަންފީޒުކޮށްގެން މިނިވަންވެ، ރައްޔިތުންނަށް ހިދުމަތްކުރަން މަހްލޫފް ބޭނުންވަނީ،" ނަޒޫ ވިދާޅުވި އެވެ.

ފުލުހުންގެ އަމުރަށް ކިޔަމަން ނުވުމުގެ ދެ މައްސަލައެއް ސާބިތުވެ 10 މަހަށް ޖަލަށް ލާފައިވާ މަހްލޫފް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މިދިނީ، އޭނާ އަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ، އެ ހުއްދަ ލިބޭތޯ އާއިލާ އިން ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅިތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.

މަހުލޫފް އެލާޖިކްވުމުގެ މައްސަލަ ސީރިއަސްވެ، ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރުން ވެސް ވަނީ ލަފާ ދީފަ އެވެ. އޭނާގެ އާއިލާއިން ބުނި ގޮތުގައި މަހުލޫފްގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށެވެ. ހަމާއި ލޮލުގެ ބައްޔަށް ބޭސް ބޭނުންކޮށް، ކަރުގެ މައްސަލައެއްގައި ފިޒިއޮތެރަޕީ ހަދާފައިވާއިރު، އެއީ މަހްލޫފަށް އެކަށީގެންވާ ފަރުވާ ނޫން ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.

މަހުލޫފްގެ މައްޗަަށް ހުކުމްކޮށްފައިވާ ގޮތާ މެދު އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށް، ޖަލުގައި ހުރެ އޭނާގެ ސިއްހީ ހާލަތު ގޯސްވަމުން ދާތީ، ގޭބަންދަށް ބަދަލު ކުރުމަށް އެ ޖަމިއްޔާ އާއި މަހްލޫފްގެ އާއިލާއިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވެންނެވިކަމާއި ފުލުހުންގެ ބަންދުގައި ހުންނެވިއިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހައްދަވައި، ފިލަން އުޅުއްވި ކަން ސާބިތުވެ، ވަކިވަކިން އިއްވި ދެ ހުކުމުގައި، މަހްލޫފް ޖަލަށް ލީ 10 މަސް ދުވަހާއި 24 ދުވަހަށެވެ.

މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ދެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވާއިރު، އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ.