އަނެއްކާ ވެސް ރެކޯޑެއް، އެއް ދުވަހުން 6،200 ޓޫރިސްޓުން
އަނެއްކާ ވެސް ރެކޯޑެއް، އެއް ދުވަހުން 6،200 ޓޫރިސްޓުން

ކޮވިޑްގެ ފަހުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހަށް މިދިޔަ އާދިއްތަ ދުވަސްވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މިދިޔަ އާދިއްތަ ދުވަހު 6،269 ޓޫރިސްޓުން އައި ކަމަށެވެ. އެންމެ ފަހުން އެންމެ ގިނަ ޓޫރިސްޓުން އައީ މިދިޔަ އޮކްޓޫބަރު މަހުގެ ދުވަހެއްގަ އެވެ. އެ ދުވަހު ރާއްޖެ އަށް އައީ 6،197 ޓޫރިސްޓުންނެވެ.

މި އަހަރު ފެށުނު އިިރު އެވްރެޖްކޮށް ރާއްޖެ އަށް 4،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެހެން ނަމަވެސް މެއި މަހު ކޮޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ޓޫރިސްޓުންގެ އަދަދު ދުވާލެއްގެ މައްޗަށް އައި ވަރު ވަނީ 1،000-1،500 ކުޑަވެފަ އެވެ. އޭގެ ފަހުން ޖުލައި މަހު ދުވާލެއްގެ މައްޗަށް އައި ޓޫރިސްޓުން ވަނީ އިތުރުވެފަ އެވެ.

ޓޫރިސްޓް އެރައިވަލްގެ ރެކޯޑެއް ހެދި އިރު ސަރުކާރުން ބަޖެޓުގައި ކަނޑައެޅި ޓާގެޓް ކަމަށްވާ އެއް މިލިއަން ޓޫރިސްޓުން އޮކްޓޫބަރު މަހު ވަނީ ހަމަވެފަ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ވަނީ 1.1 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. ސަރުކާރުގެ އާ ޓާގެޓަކީ މި އަހަރު ނިމޭ އިރު ރާއްޖެ އަށް 1.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދުގެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ އިރު، މިދިޔަ އާދިއްތަ ދުވަހު ވަނީ ރާއްޖެއިން ކޮވިޑްގެ ވޭރިއެންޓް އޮމިކްރޮން ފެނުނުކަން އެޗްޕީއޭއިން އިއުލާނުކޮށްފަ އެވެ. އެހެންވެ ބައެއް ގައުމުތަކުން ވަނީ ރާއްޖެ އަށް އަންނަ މީހުން އަނބުރާ ގައުމަށް ގޮސް ކަރަންޓީނުވާން ޖެހޭނެ ކަން ހާމަކޮށްފަ އެވެ. އަދި ރާއްޖެ އަށް މި ވަގުތު އެންމެ ގިނަ ޓޫރިސްޓުން އަންނަ އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އަށް ކުރާ ދަތުރުތައް ފަސްކުރަން ވަނީ ފަށައިފަ އެވެ.