ސީރިއާގެ ތަދުމުރުން އައިއެސް ހުއްޓުވައިފި
ސީރިއާގެ ތަދުމުރުން އައިއެސް ހުއްޓުވައިފި

ދިމިޝްގު (ޑިސެމްބަރު 11) - ސީރިއާގެ ގަދީމީ ސިޓީ ތަދުމުރަށް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން ވަދެ އެ ސިޓީ އަނެއްކާވެސް އެ މީހުންގެ ބާރުގެ ދަށަށް ގެންދަން އުޅެނިކޮށް ރަޝިޔާ ސިފައިން އެކަން ހުއްޓުވައިފި އެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނީ އެ ގައުމުގެ ވައިގެ ސިފައިންގެ ބޯޓުތަކުން އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް 60 ހަމަލާދީފައިވާ ކަމަށެވެ. އަދި ސީރިއާގެ މެދުތެރޭ ސިޓީން އައިއެސްގެ 300 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަށް މަސްކުރިން ތަދުމުރުން ބޭރުކޮށްލި އައިއެސް އިން މީގެ ހަފުތާއެއްހާ ދުވަސްކުރިން ވަނީ އެ ސިޓީ އަށް ހަމަލާދޭން ފަށައިފަ އެވެ. ޔުނެސްކޯގެ ހެރިޓޭޖް ލިސްޓުގައި ހިމަނާފައިވާ ތަދުމުރުގެ އިރުން އޮންނަ އެއާޕޯޓް ވެސް ހަނގުރާމަވެރިން ފަށާލި އެވެ.

މިދިޔަ އަހަރުގެ މެއި މަހު އައިއެެސް އިން ވަނީ ހިމްސް ޕްރޮވިންސްގެ ބޮޑު ބައެއް ހިފައިފަ އެވެ. އޭގެ ތެރޭގައި އެ ޕްރޮވިންސްގެ ތަދުމުރު ވެސް ހިމެނެ އެވެ. އެ ސިޓީގެ ގަދީމީ ވަރަށް ގިނަ އެއްޗެއްސަށް އައިއެސް އިން ވަނީ ގެއްލުން ދީފަ އެވެ. ނަމަވެސް މި އަހަރުގެ މާޗު މަހު އައިއެސްގެ ހަނގުރާމަވެރިން ވަނީ ސީރިއާ ސިފައިން ހަމަލާދީ ނެރެލައިފަ އެވެ. އެ ފަހަރު ވެސް ރަޝިޔާގެ ވައިގެ ސިފައިންގެ އެހީތެރިކަން ސީރިއާ ސިފައިންނަށް ފޯރުކޮށްދިނެވެ.