07 ޑިސެމްބަރ 2021 - 12:01

މިޔުނިކް (ޑިސެމްބަރު 7) - ބެލޮންޑިއޯ އެވޯޑް ހަފުލާގައި، ހަތްވަނަ ފަހަރަށް އެވޯޑް ހޯދި ލިއޮނެލް މެސީ ދެއްކި ވާހަކަ އަކީ ހުސް ވާހަކަތަކަކަށް ނުވުން، އެދޭ ކަމަށް ބަޔާން މިޔުނިކް ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ ބުނެފި އެވެ.
"ފްރާންސް ފުޓްބޯލް" މެގަޒިން އިން މިދިޔަ މަހު 29 ގައި ބޭއްވި ބެލޮންޑިއޯ އެވޯޑް ހަފުލާގައި މެސީ ބުނެފައި ވަނީ، މިދިޔަ އަހަރުގެ ބެލެންޑިއޯ އެވޯޑްގެ ޓްރޮފީ ލެވޮންޑެސްކީ ލިބެން ޖެހޭނެކަން ގަބޫލު ކުރާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ބެލޮންޑިއޯ އެވޯޑް ދީފައެއް ނުވެ އެވެ. އެކަމަކު ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިދިޔަ އަހަރު ހޯދީ ލެވޮންޑޮސްކީ އެވެ.
މެސީގެ އެ ވާހަކަތަކާ ގުޅިގެން، މިފަހަރު ބެލެންޑޯ އެވޯޑްގައި މެސީގެ ފަހަތުން ދެވަނަ އަށް ދިޔަ ލެވޮންޑެސްކީ ބުނީ އޭނާ އެދެނީ މެސީ ދެއްކި ވާހަކަތަކުގައި އިހްލާސްތެރިކަމާ އެކު ދެމިހުރުން ކަމަށެވެ.
"އަހަރެން ކޮންމެހެނެއް ނެތް 2020 ގެ ބެލޮންޑިއޯ އެވޯޑް މިހާރު ލިބިގަތުމުގެ ޝައުގުވެރިކަމެއް،" ލެވޮންޑެސްކީ ބުންޏެވެ. "އަހަރެން އެދެނީ މެސީ ދެއްކި ވާހަކައިގައި އިހްލާސްތެރިވުން. އެ ވާހަކަ ތަކަކީ ހުސް ވާހަކަތަކެއް ކަމުގައި ނުވުން."
ލެވޮންޑެސްކީ ބުނީ އެވޯޑްގައި މިފަހަރު އެއް ވަނަ ނުލިބުމުން ދެރަވި ކަމަށެވެ. މިދިޔަ ސީޒަންގައި ލެވޮންޑެސްކީ ވަނީ ބަޔާން މިޔުނިކްއާ އެކު ބުންޑެސްލީގާ، ޔޫއެފާ ސުޕަ ކަޕް، އަދި ކްލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.
"އެހާ ކައިރިން މެސީއާ ވާދަކޮށްފައި އެވޯޑް ނުލިބުނީމަ ދެރަވި،" ލެވޮންޑެސްކީ ބުންޏެވެ. "އެކަމަކު އޭނާ ކުޅޭގޮތާ އޭނާގެ ކާމިޔާބުތަކަށް އަހަރެން އިހްތިރާމް ކުރަން. އޭނާއާ އެހާ ގާތުން ވާދަކުރެވުނީމަ އެކަމުން ދައްކައި ދެނީީ އަހަންނަށް އިތުރު ހަރުފަތްތަކަށް ވާސިލުވުމުގެ ގާބިލުކަން ހުރިކަން."