ކަނޑުގެ މުހިއްމު ސަރަހައްދުތައް ދެނެގަތުމުގެ ސާވޭއެއް ފަށައިފި
ކަނޑުގެ މުހިއްމު ސަރަހައްދުތައް ދެނެގަތުމުގެ ސާވޭއެއް ފަށައިފި

އިގްތިސާދީ ގޮތުންނާއި ސަގާފީ ގޮތުން އަދި އިކޮލޮޖިކަލް ގޮތުން ރާއްޖޭގެ ކަނޑުތަކުގެ އެންމެ މުހިއްމު ސަރަަހައްދުތައް ދެނެގަތުމުގެ ސާވޭއެއް މިއަދު ފަށައިފި އެވެ.

ސަަރުކާރާއި "ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން" ގުޅިގެން ކުރިއަށް ގެންދާ "ނޫ ރާއްްޖެ" ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ އެ ސާވޭޭގައި ބަލާނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރާ އެކި ފަރާތްތަކުން އެ ސަރަހައްދުތައް ބޭނުންކުރާ ގޮތެވެ. އެކަމަށްޓަކައި މަސްވެރިންްނާއި ޓޫރިޒަމް ދާއިރާގެ މީހުންނާ ސުވާލުކޮށް މައުލޫމާތު އެއްކުރާނެ އެވެ.

"ނޫ ރާއްޖެ" ޕްރޮގްރާމްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، ކަނޑުގެ ސަރަހައްދު ބޭނުންކުރާ ގޮތްް ދެނެގަންނަން ކުރާ "އޯޝަން ޔޫޒް ސާވޭ" ހަ މަސް ދުވަހަށް ދެމިގެން ދާނެ ކަމަށެވެ. އެ ސާވޭގެ މަގްސަދަކީ، ބަޔާނުގައި ބުނިގޮތުގައި ކަނޑުތައް ބޭނުން ކުރާނެ ގޮތުގެ ސްޕެޓިއަލް ޕްލޭން ތައްޔާރުކުރުމުގައި، މުޖުތަމައުގެ ބައިވެެރިވުން ހޯދުމެވެ. ކަނޑުތައް ބޭނުންކުރާ އެކި ދާއިރާތަކުގެ މީހުން ހިމެނޭ ގޮތުން ސާވޭ ޓީމުން އެތައް ހާސް ބަޔަކާ ސުވާލުކޮށް، މައުލޫމާތު އެއްކުރާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ސާވޭގައި މައުލޫމާތު އެއްކުރާނެ ދާއިރާތަކަކީ މަސްވެރިކަމާއި ޓޫރިޒަމާއި ރެކްރިއޭޝަނާއި އިމާރާތް ކުރުމުގެ ދާއިރާ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން އެންމެ ބޮޑަށް ބޭނުން ހިފޭ ސަރަަހައްދުތައް ދެނެގަންނާނީ، ސާވޭގައި ފަރުދުންގެ ފަރާތުން ހޯދައި މައުލޫމާތު އެއްކޮށްގެން އުފައްދާ ހީޓްމެޕަކުންނެވެ. އެ ޗާޓް އެކުލަވައިލާނީ އެމެރިކާގެ ޔުނިިވާސިޓީ އޮފް ކެލިފޯނިއާގެ މެކްކްލިންޓަން ލެބުންނެވެ.

ރާއްޖޭގެ ކަނޑުގެ މާހައުލުގެ ބޭނުން، ދެމެހެއްޓެނިވި ގޮތެއްގައި ހިފުމަށްޓަކައި ސަރުކާރުން ތައްޔާރުކުރާ މެރިން ސްޕެޓިއަލް ޕްްލޭން އެކުލަވައިލުމުގައި އެ ސާވޭ އިން އެއްކުރާ މައުލޫމާތު ބޭނުންކުރާނެ އެވެ. ހިމާޔަތްކުރާނެ އިތުރު ސަރަހައްދުތައް ދެނެގަތުމަށް ވެސް އެ ސާވޭގެ މައުލޫތު ބޭނުންކުރާނެ އެވެ.

ފިޝަރީޒް މިިނިސްޓަރު ޑރ. ހުސަައިން ރަޝީދު ހަސަން ވިދާޅުވީ، އެ މުހިއްމު ސާވޭ އަށް އެންމެން ވެސް އެއްބާރުލުން ދޭން އެދިވަޑައިގަންނަވާ ކަމަށާއި މިއީ ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތައް ބޭނުންކުރާގޮތް ވަކިވަކިންް ދެނެގަންނަ ފުރަތަމަ ފަހަރު ކަމަށެވެ.

"އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރުމާއި ދެމެހެއްޓެނިވި ގޮތަކަށް އެ ވަސީލަތްތައް މެނޭޖްކުރަން މި ސާވޭގައި އެއްކުރާ މައުލޫމާތު ވަރަށް މުހިއްމު ވާނެ،" އޭނާ ވިދާޅުވި ކަމަށް ބަޔާނުގައި ބުންޏެވެ.

އޯޝަންް ޔޫޒް ސާވޭ އަށް އާއްމުންގެ ޚިޔާލު ފުޅާ ދާއިރާއެއްގައި ހޯދުމަށްޓަކައި، އެ މައުލޫމާތު އޮންލައިންކޮށް އެއްކުރާނެ އިންތިޒާމި ވަނީ ހަމަޖައްސައިފަ އެވެ. އޮންލައިންކޮށް ސާވޭގައި ބައިވެރިވެވޭނީ https://www.nooraajje.org/oceanusesurvey އިންނެވެ.