ބައެއް ފްލެޓްތަކަށް ދަބަރު ފެން ލިބޭ ކަމުގެ ޝަކުވާ
ބައެއް ފްލެޓްތަކަށް ދަބަރު ފެން ލިބޭ ކަމުގެ ޝަކުވާ

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ބައެއް ޓަވަރުތަކުގައި ހަރުކޮށްފައި ހުރި އިސްކުރުތަކުން ދަބަރު ފެން އަންނާތީ އެ ފެނުގެ ރައްކާތެރިކަމާ މެދު އެތަނުގައި އުޅޭ މީހުން ސުވާލު އުފައްދައިފި އެވެ.

އެނގިފައިވާ ގޮތުގައި އެޗް14 ގެ ބައެއް ފްލެޓްތަކުގެ ސިންކުގައި ހަރުކޮށްފައި ހުރި އިސްކުރާއި ފާހާނައިގެ މޫނު ދޮންނަ ތަށީގައި ހުންނަ އިސްކުރުން ވެސް އަންނަނީ ވަރަށް ބޮޑަށް ދަބަރު ކުލައިގައި ހުރި ފެނެވެ. އެތަނުގައި އުޅޭ ބައެއް މީހުން ވަނީ ހިޔާ ޔޫނިއަންގެ ނަމުގައި ހިންގަމުން އަންނަ ވައިބާ ގްރޫޕުގައި ވެސް މި ތަނުން ދަބަރު ފެން އަންނަ ވީޑިއޯ އާންމު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބައެއް މީހުންނަކީ ކެއްކުމުގައި ވެސް ސަޕްލައި ފެން ބޭނުންކުރާ ބަޔަކަށްވާއިރު އެކަމާ ގުޅިގެން ހިޔާ ޔޫނިއަނުން ކުރި ޓްވީޓެއްގައި ވަނީ އެތަނުގައި ހުރި ފެން ތަހުލީލުކޮށް އެއީ ބޭނުންކުރަން ރަނގަޅު ފެނެއްތޯ ކަށަވަރުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އެމްޑަބްލިއުއެސްސީ އަށް ގޮވާލައިފަ އެވެ.

ދަބަރު ފެން އެޗް14 ޓަވަރުގެ އިތުރުން އެހެން ޓަވަރުތަކުން ލިބޭ ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު ފްލެޓްގައި އުޅޭ ބައެއް މީހުން ބުނާ ގޮތުގައި އެތަނުގައި އުޅެން ފެށިތާ ކައިރީ ދެ ތިން ދުވަހު އެގޮތަށް ދަބަރު ފެން ލިބުނު ނަމަވެސް ފެން ބޭނުންކުރަން ފެށުމުން ފެނުގެ ކުލަ ވަނީ ސާފުވެފަ އެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން އެމްޑަބްލިއުއެސްސީ އިން ބުނީ ފެނުގައި މައްސަލައެއް އުޅޭ ނަމަ، އެ ކުންފުންޏަށް އެކަމުގެ ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އެކަމަކު އެފަދަ މައްސަލައެއް މިހާތަނަށް ރިޕޯޓްކޮށްފައިވާ ކަމެއް ސާފެއް ނުވި އެވެ.

ފެނުގައި އުޅޭ މައްސަލައިގެ ރިޕޯޓްކުރުމުން އެ ކުންފުނިން ގޮސް، އެކަމެއް ބަލާނެ ކަމަށް ވެސް ބުންޏެވެ.

ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރުގެ ތިރީގައި އެމްޑަބްލިއުއެސްސީން "ހެލްޕް" ޑެސްކެއް ބަހައްޓާފައިވާއިރު މިތަނުން ފެން ބިލާއި އަދި ފެނާއި ގުޅޭ އިތުރު މައުލޫމާތުތައް ހޯދޭނެ އެވެ.