07 ޑިސެމްބަރ 2021 - 09:39

ޖަރުމަން ބުންޑެސްލިގާގައި ބޮރޫޝިއާ ޑޯޓްމަންޑް އެންމެ ފަހުން ބެޔާން މިއުނިކާ ބައްދަލުކުރި މެޗަށް ފަހު، އެ މެޗުގެ ރެފްރީ ފީލިކްސް ޒްވޭޔާއާ ގުޅޭ ގޮތުން ޑޯޓްމަންޑުގެ ޖޫޑް ބެލިންގްހަމް ދެއްކި ވާހަކަ އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ތަހުގީގު ކުރަން ފަށައިފި އެވެ.

މެޗަށް ފަހު ސްވިޑެންގެ ސްޓްރީމިން ޗެނަލަކާ ވާހަކަ ދައްކަމުން ޑޯޓްމަންޑުގެ 18 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ބެލިންގްހަމް ވަނީ މެޗު އެއްވަރުވެފައި ވަނިކޮށް، ޑޯޓްމަންޑަށް ލިބެން ޖެހޭ ކަމަށް އޭނާ ގަބޫލުކުރާ ޕެނަލްޓީއެއް ރެފްރީ ނުދީ، ފަހުން ބެޔާން އަށް ޕެނަލްޓީއެއް ދިން ކަމަށް ބުނެފަ އެވެ. ބެޔާން މެޗުން މޮޅުވީ ރޮބާޓް ލެވަންޑޯސްކީ ޖެހި މި ޕެނަލްޓީންނެވެ.
ނަމަވެސް މައްސަލަ ހޫނުވީ، އޭގެ ކުރިން ރެފްރީ ޒްވޭޔާގެ މައްޗަށް ސާބިތުވެފައިވާ މެޗް ފިކްސިންގެ މައްސަލައެއްގެ ވާހަކަ ދެއްކުމުންނެވެ. އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅޭ ބެލިންގްހަމް ވަނީ މެޗުގައި ރެފްރީގެ ނިންމުންތަކާ ނުރުހުން ފާޅުކޮށް، ރެފްރީގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައިފަ އެވެ.
"މީގެ ކުރިން ވެސް މެޗް ފިކްސިންގައި އުޅުނު މީހަކާ ޖަރުމަނުގައި ކުޅޭ (ކުލަބް ފުޓުބޯޅައިގެ) އެންމެ ބޮޑު މެޗުގެ ރެފްރީކަން ހަވާލު ކުރީމާ ކޮން އުންމީދެއް އޮންނާނީ؟" މެޗަށް ފަހު ބެލިންގްހަމް ބުންޏެވެ.
ޖަރުމަން އެފްއޭގެ ކޮންޓްރޯލް ކޮމިޓީން ވަނީ އިންޓަވިއުގައި ބެލިންގްހަމް ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އެ އިދާރާއަށް ވީހާވެސް އަވަހަކަށް ޖަވާބުދާރީވާން އަންގައިފަ އެވެ.
ބެލިންގްހަމްގެ މައްސަލަ އެފްއޭއިން ބަލަމުން ދާއިރު، ޑޯޓްމަންޑުގެ ސްޕޯޓްސް ޑިރެކްޓަރު އަދި އެ ކުލަބުގެ ލެޖެންޑް މައިކަލް ޒޮރޮކް ބުނީ ކުލަބު އެންމެން ވެސް ތިބީ ބެލިންގްހަމްގެ ފަހަތުގައި ކަމަށެވެ.
"އެއީ ވަރަށް ޖަޒުބާތީ ވަގުތުކޮޅެއް، އޭނާ (ބެލިންގްހަމް) ހުރީ ވަރަށް ދެރަވެފައި އަދި ދެއްކީ ވެސް އެންމެނަށް އެނގޭ ހަގީގަތެއްގެ ވާހަކަ،" ޒޮރޮކް ބުނި ކަމަށް، ޖަރުމަންގެ ދުވަހު ނޫހަކުން ރިޕޯޓް ކޮށްފައިވެ އެވެ.
މީގެ އިތުރުން އެ ޓީމުގެ ޗީފް އެގްޒެކެޓިވް ހަންސް ޔޯކިމް ވަޒްކޭ ބުނީ، ބެލިންގްހަމް ދެއްކީ ދޮގު ވާހަކަތަކެއް ނޫން ކަމަށާއި، އޭގެ ސަބަބުން ބެލިންގްހަމް އަށް އަދަބު ލިބެނެވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
"ޖޫޑް (ބެލިންގްހަމް) ދެއްކީ ދޮގު ވާހަކައެއް ނޫން، އެއީ މީގެ ކުރިން ހިނގި ކަމެއް،" ބެލިންގްހަމްގެ ދިފާއުގައި ވަޒްކޭ ބުންޏެވެ. "އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. އެކަމަކު އޭނާ ވާހަކަ ދެއްކީ ހަގީގަތަށް. މިއާ ގުޅިގެން ޖޫޑް އަށް އަދަބެއް ލިބެން ޖެހޭކަމަށް ނުދެކެން."
ރެފްރީ ޒްވޭޔާ ވަނީ 2005 ވަނަ އަހަރު ޖަރުމަން ފުޓުބޯޅައިގައި ހިނގި މެޗް ފިކްސިންގެ ބޮޑު ޖަރީމާއެއްގައި ދައުވާކޮށް، ހަ މަސްދުވަހަށް ފުޓުބޯޅައިން ސަސްޕެންޑް ކޮށްފަ އެވެ. އޭނާ ވަނީ މިކަމުގެ އިސްކޮށް ހުރި އެ ގައުމުގެ ރެފްރީ ރޮބާޓް ހޮއިޒާގެ އެސިސްޓެންޓެއް ގޮތުގައި ރެފްރީކަން ކުރި މެޗެއްގައި ހޮއިޒާ އަތުން ރިޝްވަތުގެ ގޮތުގައި 300 ޔޫރޯ ނަގައިފަ އެވެ.
ބެލިންގްހަމްގެ މައްސަލަ ޖަރުމަން ޕޮލިހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.