"އަޅުވެތިކަމުން ސަލާމަތްވާން" މަގުމައްޗަށް ނުކުންނަން ގޮވާލައިފި
"އަޅުވެތިކަމުން ސަލާމަތްވާން" މަގުމައްޗަށް ނުކުންނަން ގޮވާލައިފި

ރާއްޖެ އޮތީ އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައި ކަމަށް ވިދާޅުވެ, އެކަމުން ސަލާމަތްވުމަށް ރައްޔިތުން މަގުތަކަށް ނިކުމެ އަމަލީ މަސައްކަތް ފަށަން ޖެހިއްޖެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަގަހަ ޖަލްސާގައި ޝިޔާމް ވަނީ މި ސަރުކާރުން އިންޑިއާއަށް ބަރޯސާވާ މިންވަރުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ވެސް ހުރަސް އެޅޭ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ އިޝާރާތްކުރެއްވީ ހުޅުމާލޭގައި މި ސަރުކާރުން އަޅާ 1،700 ހައުސިން ޔުނިޓްގެ މަސައްކަތަށް ކުރިން ޗައިނާ އިން ދޭން އެއްބަސްވެފައި އޮތް ލޯނު އެހީ ނުދޭން ނިންމި ނިންމުމަށެވެ. ޗައިނާ އިން ނިންމި ފަދަ ނިންމުންތައް އެހެން ގައުމުތަކުން ވެސް ނިންމާނެ ކަމަށާއި އެގޮތަށް ދިމާވަނީ ކޮންމެ ކަމެއް އިންޑިއާގެ ހުއްދަ ހޯދައިގެން ކުރަން ޖެހޭތީ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ޗައިނާއެއް ނޫން ހުރިހާ ގައުމަކުން ވެސް އެގޮތަށް ނިންމާނެ ދިވެހި ގައުމާ ދޭތެރޭ. އެއީ ކީއްވެތޯ. އެއީ މިހާރު މިތަނަށް [ރާއްޖެ އަށް] އެހީތެރިކަމެއް ވިޔަސް އިންވެސްޓްމަންޓެއް ހަދަން ވެސް މި ޖެހެނީ އިންޑިއާގެ ހުއްދަ ހޯދަން،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ބާރެއް މިހާރު އެއްވެސް ވަރަކަށް ނެތެވެ. ރާއްޖެއަށް އިންވެސްޓްމަންޓެއް ކުރަން ވިސްނާ މީހަކު ވެސް މިހާރު ފިޔަވަޅު އަޅަނީ ފަހަތަށް ކަމަށާއި އިންޑިއާ އިން ރާއްޖެ ވަރަށް ބޮޑަށް ނިކަމެތިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑާ އެކު ކުރިމަތިވި އިގްތިސޯދީ ދަތިތަކާ އެކު އިންޑިއާ އިން ނެގީ ނާޖާއިޒު ފައިދާ ކަމަށެވެ.

"ނާގާބިލު ވެރިއަކު މި ގައުމުގެ ވެރިކަމާ ހަވާލުވެގެން މި ގައުމުގެ އިގްތިސޯދު ފުނޑާލައިފަ އޮތް އޮތުމުގެ ނާޖައިޒު ފައިދާ މިހާރު ނަގަމުން އެ ގެންދަނީ އަވަށްޓެރި އިންޑިއާ އިން،" އިންޑިއާ އިން ބުނާ ހުރިހާ ކަމެއް ކުރުމަށް މި ސަރުކާރަށް މަޖުބޫރުވެފައިވާކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވި ނަމަވެސް މި ސަރުކާރުން ވޯޓު އޮޅުވާލައިގެން އިންތިހާބު ކާމިޔާބުކުރީ ކަމަށެވެ. އަދި އެކަމުގެ އަޑީގައި އޮތީ ވެސް އިންޑިއާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"އިންޑިއާ އިން ބުނާ ހުރިހާ ކަމެއް ރައީސް އެބަޖެހޭ ކޮށްދޭން. އެއީ މާލީ ނިޒާމުގެ ބާރުވެރި ފަރާތަކީ އިންޑިއާ ކަމަށް ހަދަން ޖެހުނަސް އެއޮތީ އެގޮތަށް ހަދައިފަ. ރާއްޖޭގެ ހުރިހާ ކަނޑުތަކާއި ފަރުތަކުގެ ވެރިފަރާތަކީ އިންޑިއާ ކަމަށް ހަދައިފަ އެ އޮތީ. އެ މީހުން ބޭނުންވާ ސަރަހައްދަކަށް އެމީހުންގެ ސިފައިން ބައިތިއްބައިގެން އެތިބީ،" ޝިޔާމް ވިދާޅުވި އެވެ.

އެ ހުރިހާ ކަމެއްގެ ސަބަބުން "ގައުމު ނެތް" ކަމަށާއި އެކަމުން ގައުމު މިނިވަން ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އިންޑިއާގެ އަޅުވެތިކަމުން ދިވެހިން ސަލާމަތްކުރުމަށް ގޮވާލަމުންދަނީ ރައީސް ޔާމީން ކަމެއް ބޭނުންފުޅުވެގެން ނޫން ކަމަށާއި އެއީ ކުރިއަށް އޮތް ޖީލަށް ގައުމު މިނިވަންކަމާ އެކު ގެންގޮސްދިނުމަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މީގެ ކުރިން އިންޑިއާގެ ޖީއެމްއާރަށް އެއާޕޯޓް ދިން ވަގުތަކީ އަޅުވެތިކަމުގެ އިހްސާސް ކުރެވުނު ދަނޑިވަޅެކެވެ. އޭގައި އޭނާ ފާހަގަކުރެއްވީ ޖީއެމްއާރަށް އެއާޕޯޓް ހަވާލުކުރުމުން ރައްޔިތުން އުޅެން ޖެހުނު ހާލެވެ. އަދި މިހާރު ރާއްޖޭގެ ހާލަތު އޮތް ވަރު އިތުރަށް ގޯސް ކުރަން ބޭނުން ނުވާތީ ހާލަތު ބަދަލުކުރުމަށް މާލޭގެ މަގުތަކަށް ނިކުތުމަށް އޭނާ ގޮވާލެއްވި އެވެ.