06 ޑިސެމްބަރ 2021 - 22:06

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ބެހޭ މައުލޫމާތުތަކެއް ފެންޑޯރާ ޕޭޕާސްއިން ފަޅާއަރުވާލައިފި އެވެ.
ފުއްގިރި ދޫކުރުމައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.
ނުފޫޒު ހުރި ވިޔަފާރިވެރިންނާއި ގައުމުތަކުގެ ވެރިންނާއި އެ މީހުންނާ ގުޅުން ހުރި ފަރާތްތަކުން ހިންގާފައިވާ ސިއްރު މާލީ މުއާމަލާތްތައް ހާމަކޮށްފައިވާ ޕެންޑޯރާ ޕޭޕާސްގައި ތުހުމަތުކޮށްފައިވާ ގޮތުގައި ފުއްގިރި ޑީލްގައި ރިޝްވަތު ދިނުމުގެ ފަހަތުގައި ވަނީ އިންޑިއާގެ ނުފޫޒު ގަދަ ވިޔަފާރިވެރިންގެ ބަޔަކާއި އިންޑިއާގެ ނުފޫޒު ގަދަ ޕްރޮޕަޓީ ޑިވެލޮޕަރެކެވެ.
ފުއްގިރި ކުއްޔަށް ދީފައިވަނީ ބިޑަށް ލުމަކާނުލައި، 1.55 މިލިއަން ޑޮލަރަށް، ދުބާއީ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑަށެވެ. ޕެންޑޯރާ ޕޭޕާސްއަށް ލިބިފައިވާ ޑޮކިއުމަންޓްތަކުން އެނގޭ ގޮތުގައި މި ކުންފުންޏަކީ އިންޑިއާގެ ޕޫނޭގެ ނުފޫޒު ގަދަ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޮސާލޭގެ އާއިލީ ވިޔަފާރިއަކާއި ލޮޖިސްޓިކް ވިޔަފާރީގައި އުޅޭ އެހެން ވިޔަފާރިވެރިއެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނަޝިޕެކެވެ. ބޮސާލޭގެ އާއިލީ ވިޔަފާރިން މި ކުންފުނީގެ 50 ޕަސެންޓް ހިއްސާވެ 8.5 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.
ފުއްގިރި ދިނުމުގައި ރިޝްވަތުގެ ގޮތުގައި 1.17 މިލިއަން ޑޮލަރު ފޮނުވީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާ އޭ އެންޑް އޭ ހޯލްޑިންސް ގްރޫޕް ލިމިޓެޑުން، ޔާމީންގެ އެކުވެރިއަކަށް ކަމަށް ވެސް ބުނެފައިވެ އެވެ. މި ވާހަކަ މިހާރު ކުރިއަށްދާ މި ރަށުގެ މުއާމަލާތާ ގުޅޭ ދައުވާއާ ދިމާވެ އެވެ. ދައުވާގައި ބުނަނީ ރިޝްވަތުގެ ފައިސާ ދިނީ ޔާމީންގެ ގާތް ބޭފުޅެއް ކަމަށްވާ ކްރިކް ރިޒާ މެދުވެރިވެގެންނެވެ. އަދި އެ ފައިސާ ޔާމީންގެ އެކައުންޓަކަށް ޖަމާކޮށް ލޯންޑާކުރި ކަމަށް ތުހުމަތުކުރެ އެވެ. ރިޒާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
ބޮސާލޭ އާއިލާ އަކީ އިންޑިއާގެ އެކި ހިސާބުތަކުގައި ލަގްޒަރީ ހޮޓާތަކުގައި އިންވެސްޓްކޮށްފައިވާ ބައެކެވެ. އަދި މި އާއިލާ ދިރިއުޅެނީ އެމެރިކާގެ ވައިޓް ހައުސް ގޮތަށް ހަދައި "އަވިނާޝް ބޮސާލޭ ޕެލަސް" ގެ ނަން ދީފައިވާ ގެއެއްގަ އެވެ. އަވިނާޝް އާއި ބޮސާލޭ ދުބާއީގައި އިންވެސްޓްކޮށް އިންޑިއާގެ ފޮރިން އެކްސްޗޭންޖް ގާނޫނާ ހިލާފްވި ކަމުގެ ތުހުމަތުގައި މަނީ ލޯންޑަރިންގެ އިންޑިއާ އިން ތަހުގީގު ވެސް ކޮށްފައިވެ އެވެ.
މީގެ ކުރިން، އެމްއެމްޕީއާރްސީ މެދުވެރި ރަށްތައް ވިއްކާލައި އެއިން ވައްކަންކުރި ގޮތުގެ ތަފްސީލްތަކެއް ހާމަކުރި އޯސީސީއާރްޕީގެ އިންވެސްޓިގޭޝަން ރިޕޯޓް "ޕެރަޑައިޒް ލީޒްޑް: ދަ ތެފްޓް އޮފް ދަ މޯލްޑިވްސް" ގައި އެމްއެމްޕީއާރްސީ ޚިޔާނާތުގެ ވާހަކަތައް ގެނެސްފައިވެ އެވެ. އޭގައި ބުނެފައިވާ ގޮތުގައި ސޮލްންޓްސެވޯ ގޭންގުގެ މެމްބަރެއް ކަމަށް ބުނާ އެވްޖެނީ ނޮވިޓްސްކީ އާއި ރަޝިއާގެ ރައީސް ލަޑީމިއާ ޕޫޓިންގެ އަރިސް މީހެއް ކަމަށްވާ ކިރިލް އެންޑްރޮސޮވް ގުޅިގެން އުފެއްދި ވެންޗާ ފަންޑަކާ ގުޅިފައިވެ އެވެ.
ޕެންޑޯރާ ޕޭޕާސް އަކީ އެކި ގައުމުތަކުގެ 600 އަށް ވުރެ ގިނަ ނޫސްވެރިން ބައިވެރިވާ، އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް (އައިސީއައިޖޭ) އަށް އޯފްޝޯ ހިދުމަތް ދޭ 14 ތަނަކުން ލީކުކޮށްފައިވާ މައުލޫމާތެވެ. މި މައުލޫމާތުތައް މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އަންނަނީ އެކި ބައިތަކަށް ބަހާލައިގެން ހާމަކުރަމުންނެވެ.