07 ޑިސެމްބަރ 2021 - 07:37

ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ރާއްޖެ އިން ބޭރުކުރަން ގޮވާލައި، އިދިކޮޅުން އިސްވެ ފަށާފައިވާ ހަރަކާތުގެ ދަށުން "އިންޑިއާ އައުޓް" ޕެޓިޝަނަށް ސޮއި ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ދަތުރުކުރައްވާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅުގެ ޕީޕީއެމް/ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ޝުޖާއު ވިދާޅުވީ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ޕެޓިޝަނަށް ސޮއި ހޯދުމަށް އެމަނިކުފާނާ ރަށްރަށަށް ދަތުރުކުރައްވާނެ ކަމަށެވެ. މި ދަތުރުތަކުގައި އިދިކޮޅުގެ އިސްވެރިން ވެސް ބައިވެރިވާނެ އެވެ.
މިއީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ދެ އަހަރު ފަހުން ޖަލުން މިނިވަންވި ފަހުން ޔަމީން ރައްޔިތުންނާ ބައްދަލުކުރައްވަން ރަށްތަކަށް އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެކަމަކު މި ދަތުރުފުޅު އެމަނިކުފާނު ފައްޓަވާނެ އިރެއް ޝުޖާއު ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑުމެން އަތޮޅު ތެރޭގެ ރަށްރަށަށް އެބަ ދަން ރައީސް ޔާމީނާ އެކީގައި. ތިޔަ ރައްޔިތުން މިވަގުތުން ފެށިގެން ކުރަންވީ ކަމަކީ އަޅުގަނޑުމެން މި ކޯލިޝަނުން ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވައިފައި އޮތް މިނިވަންކަމުގެ ދިފާއުގައި ދިވެހިން މި ޕެޓިޝަނަށް ސޮއި ހޯދުން،" ޝުޖާއު ވިދާޅުވި އެވެ.
ޔާމީން ރަށްރަށަށް ވަޑައިގެން ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވައި ޝުކުރު އަދާކުރައްވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ޕީޕީއެމްގެ މެމްބަރުންނާއި ކުރީގެ މެމްބަރުން އަދި އެކި ކޮމިޓީތަކާއެކު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުންތަކުގައި "އިންޑިއާ އައުޓް" ކެމްޕެއިން ހަރުދަނާ ކުރަން ޔާމީން ވަރަށް ބޮޑަށް އިރުޝާދު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލު ހުކުމުން ޔާމީން މިނިވަންވެ، އެ ރޭ ބޭއްވެވި ފުރަތަމަ ބައްދަލުވުންތަކުގައި އެ މަނިކުފާނު އެދިވަޑައިގެންނެވި އެއް ކަމަކީ މި ހަރަކާތް ވަރުގަދަ ކުރުމެވެ.