މީހަކު ހިފަހައްޓައި އޮރިޔާން ފޮޓޯ ނަގައި ބްލެކްމެއިލްކޮށް ފޭރުނު މީހަކު 15 ދުވަހަށް ބަންދު
މީހަކު ހިފަހައްޓައި އޮރިޔާން ފޮޓޯ ނަގައި ބްލެކްމެއިލްކޮށް ފޭރުނު މީހަކު 15 ދުވަހަށް ބަންދު

ފިރިހެނަކު ހިފަހައްޓައި އޭނާގެ އޮރިޔާން ފޮޓޯ ނަގައި، އޭނާ ބްލެކްމެއިލްކޮށް ފޭރެން އުޅުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް މިއަދު 15 ދުވަސް ދީފި އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ގ. ކަނދުމާގެއާގެ އުމުރުން 31 އަހަރުގެ މޫސާ ދީދީ އެވެ. އޭނާގެ މައްޗަށް ކުރަނީ ފޭރުމާއި އޮރިޔާން ކާޑު އުފެއްދުމާއި ބިރު ދެއްކުމުގެ އިތުރުން ބްލެކްމެއިލް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ ކުށެވެ.

އޭނާގެ މައްޗަށް ކުރެވޭ ކުށްތަކަށް ކްރިމިނަލް ކޯޓުގައި އިންކާރުކުރި ނަމަވެސް ތުހުމަތުކުރެވޭ މިންވަރަށް އެ މައްސަލައިގައި އޭނާއާ ދެކޮޅަށް ހެކި ހުށަހަޅައިފައިވެ އެވެ.

ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އަނިޔާ ލިބުނު ފަރާތުން ވަނީ ކުށުގެ އަމަލުު ހިންގުމުގައި ގްރޫޕަކުން ބައިވެރިވި ކަމަށް ބުނެފަ އެވެ. އަދި އަނިޔާ ލިބުނު ފަރާތުން ތިން މީހެއް އައިޑެންޓިފައި ކޮށްފައިވާއިރު އެ މީހުންނާ އެކު މި މީހާ ހާދިސާ ހިނގި ސަރަހައްދުގައި އުޅޭ ސީސީޓީވީ ފޫޓެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅައިފައިވެ އެވެ.

އެކަމަކު އޭނާ އެންމެ ފުރަތަމަ ކޯޓުގައި ބުނީ އެ ހާދިސާ ހިނގި ދުވަހު އޭނާ މުޅި ދުވަސް އެކީ އުޅުނީ ގޭގައި ކަމަށެވެ. އެކަމަކު ފަހުން އެ ގަޑީގައި ފިހާރައަށް ދިޔަ ކަމަށް ބުނެފައިވެ އެވެ.

އެހެންވެ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ނިންމިއިރު އެމީހާއަކީ އެ ބާވަތުގެ މައްސަލަތަކުގެ ރެކޯޑު ވެސް އޮތް މީހެކެވެ. އަދި ކުށުގެ އަމަލު ހިންގުމުގައި އޭނާ އަމަލީ ގޮތުން ވެސް ބައިވެރިވެފައިވެ އެވެ.