11 ޑިސެމްބަރ 2016 - 13:51

ޒުވާނުންގެ ފަންނުވެރިކަން ދައްކައިލުމަށް ބިލަބޮންގް ސްކޫލުގައި އޮތް "ކައްޓި ހިއްވަރު" ފެސްޓިވަލަށް ރޭ ބަޔަކު ވަދެ، ހަމަނުޖެހުން ހިންގީ މަގުމަތިން މީހުންނާ ފޮށޭ މައްސަލާގައި، އެތަނުގައި ބަހައްޓާފައި ހުރި ޗާޓަކާ ގުޅިގެން ކަން އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ގުރޫޕަކުން ފެސްޓިވަލަށް ވަދެ، އެތަނުގައި ހުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުންދީފަ އެވެ. އަދި އެ މީހުން މާރާމާރީ ހިންގަން މަސައްކަތް ކުރި ނަމަވެސް އޭގެ ކުރިން ފުލުހުން ގޮސް ވަނީ އެކަން ހުއްޓުވާފަ އެވެ.
"މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނީ، ބޭރުން އައި އެ ގުރޫޕް ހިތްހަމަނުޖެހުނީ މަގުމަތިން ދާ އަންހެން ކުދިންނާ ފޮށުމާ ދެކޮޅަށް ތައްޔާރުކޮށްފައި ސްޓޯލެއްގައި ބަހައްޓާފައި ހުުރި ޗާޓަކާ ގުޅިގެން ކަމަށެވެ. އާއްމުންނަށް ވަދެވޭ ގޮތަށް ބޭއްވި މި ފެސްޓިވަލްގައި ޗާޓު ހަދާފައި ވަނީ، މަގުމަތިން ފޮށުމާ ކުރިމަތިލާން ޖެހިފައިވާ މީހުންނަށް، އެކަން ދިމާވި ސަރަހައްދު ފާހަގަވާ ގޮތަށެވެ. އެހެންވެ، މުޅި އެ ޗާޓަށް ބަލައިލުމުން، އެންމެ ގިނައިން އަންހެނުންނާ ފޮށިފައިވާ ސަރަހައްދު އެނގެ އެވެ.
"ބޮޑަށް ހީވަނީ އެ ސަރަހައްދަށް ނިސްބަތްވާ ޒުވާނުންތަކެއް އެކަމާ ހިތްހަމަ ނުޖެހިގެން، ހަމަނުޖެހުން ހިންގަން އުޅުނީ ކަމަށް،" އޭރު ފެސްޓިވަލުގައި ހުރި މީހަކު ބުންޏެވެ.
ފުލުހުން ބުނީ ކައްޓި ހިތްވަރު ފެސްޓިވަލަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު ބަޔަކު ހިފެހެއްޓި ކަމަށާއި އެކަމަކު ނަސޭހަތް ދިނުމަށް ފަހު، އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.
ކުރެހުމާއި ފޮޓޯ ނެގުމާއި އަތްތެރިމަސައްކަތުގެ އިތުރުން މިއުޒިކާއި ލިޔުންތެރިކަން ވެސް ފެނިގެން ދިޔަ، ތިން ދުވަހުގެ މުއްދަތަށް އޮތް އެ ފެސްޓިލަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.