ކޮވިޑްގެ އާ ވޭރިއަންޓް ފެނުމުން ހޮންގްކޮންގުން ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފި
ކޮވިޑްގެ އާ ވޭރިއަންޓް ފެނުމުން ހޮންގްކޮންގުން ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފި

ރާއްޖެއިން ކޮވިޑް-19 ގެ އާ ވޭރިއަންޓް، "އޮމިކްރޯން" ފެނިފައިވާތީ ހޮންގްކޮންގުން ރާއްޖެއަށް ދަތުރުކުރުން މަނާކޮށްފި އެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބަލީގެ އާ ވޭރިއެންޓު ރާއްޖެއިން ފެނުނުކަން ރޭ އިއުލާންކުރިއިރު މި ވޭރިއަންޓަށް ޕޮޒިޓިވްވެފައި ވަނީ ސައުތު އެފްރިކާއިން މިދިޔަ މަހުގެ 21 ވަނަ ދުވަހު ރާއްޖެ އައި ޓޫރިސްޓެކެވެ. އެ ކޭސްގެ ވޭރިއެންޓުގެ މައުލޫމާތު ލިބިފައިވަނީ ޖީނޯމިކް ސީކުއެންސިން ހެދުމަށް މިދިޔަ އަންގާރަ ދުވަހު ބޭރަށް ފޮނުވި ސާމްޕަލްތައް ޓެސްޓުކުރުމުންނެވެ.

އާ ވޭރިއަންޓް ފެންނަމުންދާ ގައުމުތަކުން އެހެން ގައުމުތަކަށް ދަތުރުކުރުން މަނާކުރަމުން އަންނަ މިދަނޑިވަޅުގައި ހޮންގްކޮންގުން ވަނީ އެ ގައުމަށް ދަތުރުކުރުން މަނާ ލިސްޓުގައި ރާއްޖެ ހިމަނައިފަ އެވެ. ރާއްޖޭގެ އިތުރުން މި ލިސްޓުގައި ދެން ހިމެނީ ޓޫނީޝިއާ އާއި ސެނެގަލް އެވެ.

ވޭތުވެދިޔަ 21 ދުވަހުގެ ތެރޭގައި އެ ގައުމުތަކުގައި މަޑުކޮށްފައިވާ، ހޮންގްކޮންގަށް ނިސްބަތް ނުވާ މީހުން މީހުން އެ ގައުމަށް އެތެރެވުން މަނާކޮށްފައިވާއިރު މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އެ ގައުމުތައް ހިމެނޭނީ ގްރޫޕު އޭ ކެޓަގަރީގަ އެވެ. އޭރުން ބޯޑަރު ވަރުގަދަކޮށް، ގައުމުތަކުންދާ ދަތުރުވެރިން ވެސް ކަރަންޓީނުވާން ޖެހެ އެވެ.

އެ ގައުމުގެ ދަތުރުވެރިންނަށް ވެސް ދަތުރުކުރެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ އެވެ. އެކަމަކު އެމީހުން ވެސް 21 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަން ޖެހޭއިރު އެ މުއްދަތުގައި ހަ ފަހަރަކު ޓެސްޓް ކުރާނެ އެވެ.

އާ ވޭރިއެންޓާ ގުޅިގެން ހޮންގްކޮންގުން ރާއްޖެއިން ދަތުރުކުރުން މަނާކުރިއިރު ރާއްޖެއިން ވެސް ވަނީ ދެކުނު އެފްރިކާގެ ގައުމުތަކުން އެ ވޭރިއަންޓު ފެނުމާ އެކު އެގައުމުތަކުން މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށްފަ އެވެ.

ވަކި ގޮތެއް އަންގަންދެން ރާއްޖެ އަށް މީހުން އެތެރެވުން މަނާކުރީ ސައުތު އެފްރިކާ، ނަމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބުވޭ އަދި އެސްވާޓިނީ އިން އަންނަ މީހުންނެވެ. އެކަަމަކު އަވަށްޓެރި އެކި ގައުމުތަކުން މިހާރު ވަނީ މި ވޭރިއަންޓް ފެނިފަ އެވެ.

ދެކުނު އެފްރިކާއިން ރިޕޯޓުކޮށްފައިވާ އޮމިކްރޯން ވޭރިއެންޓަކީ މިހާތަނަށް ފެނުނު އެހެން ވޭރިއެންޓުތަކަށްވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ވޭރިއެންޓެއް ކަމަށެވެ. އެއީ ނުރައްކަލެއް ކުރިމަތިވެދާނެ ވޭރިއެންޓަކަށް ވާތީ އެ ވޭރިއެންޓާ މެދު އިތުރަށް ސަމާލުކަން ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް އިލްތިމާސްކޮށްފަ އެވެ.