06 ޑިސެމްބަރ 2021 - 19:03

ކައިވެނިމަތީގައި ވިޔަސް ނުރުހުމުގައި ހިންގާ ޖިންސީ އަމަލަކީ ރޭޕް [މެރިޓަލް ރޭޕް] ކަމަށް ކަނޑައަޅައި ޖިންސީ ކުށުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މިދިޔަ ހޯމަ ދުވަހު މަޖިލީސް ޖަލްސާގައި ފާސްކުރި ބިލުގައި ވަނީ ރޭޕްކުރުމާއި، ޖިންސީ އަނިޔާ އަދި ޖިންސީ ގޯނާގެ ތަފްސީލު ކަނޑައަޅައި ބަޔާންކޮށްފަ އެވެ. އަދި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށަށް ވެސް އިސްލާހު ގެނެސްފައިވާއިރު ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމުކުރުން ހިމަނައި އެކަމުގެ ހަމަތަކާއި އުސޫލުތައް ވެސް ބިލުގައި ހިމެނެ އެވެ.
ހަމަ މިގޮތަށް، ދިގު މުއްދަތުގެ ޖަލު ހުކުމްތައް އަންނަ "ޖިންސީ އަނިޔާ" އާއި "ޖިންސީ ގޯނާ" ގެ ކުށުގައި ވެސް މިހާރު ވަނީ ގާނޫނުގައި ދެމަފިރިންނަށް އޮތް އިސްތިސްނާ އުނިކޮށްފަ އެވެ.
ކުރިން އޮންނަ ގޮތުން ނަމަ ރޭޕް ކަމަށް ބަލަނީ "ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެ މީހެއްގެ ރުހުމާ ނުލައި ވެއްދުމަށެވެ.
ނަމަވެސް ގާނޫނަށް އިސްލާހު ހުށަހަޅައި ފާސްކުރި އިރު ކޮމިޓީ މަރުހަލާގައި ވަނީ "ދެމަފިރިންގެ މެދުގައި" ވިޔަސް ގާނޫނުގައި ރޭޕްގެ ގޮތުގައި ބެލެވޭނެ ކަމެއް ހިނގައިފި ނަމަ އެއްވެސް އިސްތިސްނާއެއް ނެތި، އެއީ ރޭޕްގެ ގޮތުގައި ބަލަން ހިމަނައިފަ އެވެ.
ޖިންސީ ގޯނާ އާއި ޖިންސީ އަނިޔާ މާނަކުރުމުގައި ވެސް ގާނޫނުގައި ކުރިން އޮތީ ދެމަފިރިން ނަމަ އިސްތިސްނާ ހާލަތުތަކެއް ދީފަ އެވެ. ނަމަވެސް ރައީސް ތަސްދީގުކުރެއްވި ބިލުގައި އެ އިސްތިނާ ވަނީ އުވާލައިފަ އެވެ.
ގާނޫނުގައި ރޭޕް މާނަކުރާ ގޮތް ބަދަލުކޮށްފައި ވާއިރު ހަމަ އެ ގާނޫނުގައި "ރޭޕް ކުރަން އުޅުން" ވެސް އެއީ ކުށެކެވެ. މިކަމުގައި ވެސް ދެމަފިރިން ވިޔަސް އިސްތިސްނާއެއް ނެތެވެ.
ރޭޕްކުރަން އުޅުމުގެ ކުށުގެ އަދަބަކަށް 7-15 އަހަރާ ދެމެދުގެ ޖަލު ހުކުމް ކަނޑައަޅާފައިވެ އެވެ.