ބިދޭސީންގެ ނުސީދާ ވިޔަފާރި ހުއްޓުވާ ބިލު ތަސްދީގު ކުރައްވައިފި
ބިދޭސީންގެ ނުސީދާ ވިޔަފާރި ހުއްޓުވާ ބިލު ތަސްދީގު ކުރައްވައިފި

ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓަރީ ކޮށްގެން ބިދޭސީން ވިޔަފާރިކުރުން ހުއްޓުވަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަނީ އަބްދުލްް ހަކީމް ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގަ އެވެ. މިއީ ދިވެއްސަކު ނިވާފަތްގަނޑަކަށް ވެ ތިބެ ކުރާ ވިޔަފާރިތައް ހުއްޓުވަން ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ހުށަހެޅި ބިލެއް ކަމަށް އޭގައިވެ އެވެ.

އިގުތިސާދީ ކޮމިޓީން ގެނައި ކުދިކުދި ބަދަލުތަކާ އެކު ފާސް ކުރި އެ ބިލުގައިވާ ގޮތުން އާއްމު ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ގެންނަން އެ ބިލުގައި އޮތީ މައިގަނޑު ދެެ ބަދަލެކެވެ. އެއީ ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ ދިވެއްސަކަށް ވުން ލާޒިމު ކުރިމާއި ވިޔަފާރިއެއްގައި ބިދޭސީން ޝާމިލުވާ ކަަމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ގަބޫލު ކުރެވިއްޖެ ނަމަ ވިޔަފާރީގެ ހުއްދަ ބާތިލު ކުރެވޭ ގޮތަށް ހެދުމެވެ.

ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ ދިވެއްސެއްކަން ކަށަވަރު ކުރަން، އަމިއްލަަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ (15) ވަނަ މާއްދާގެ (ނ)ގެ ފަހަތަށް އަކުރެއް އިތުރުކޮށްފައިވާއިރު އެ މާއްދާގެ (ރ)ގެ ގޮތުގައި އިތުރުކުރާ އަކުރުގެ (1) ވަނަ ނަމްބަރުގައި އޮތީ ވިޔަފާރި ހިންގަން ހަވާލުކުރާ ފަރާތަކީ އުމުރުންް 18 އަހަރު ވެފައިވާ ދިވެއްސަކަށް ވާން ޖެހޭނެ ކަމަށެވެ.

ބިދޭސީން ޝާމިލުވާ ކަމަށް ބެލެވޭ ހާލަތުގައި ވިޔަފާރި ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރު ރަޖިސްޓްރާ އަށް ދޭން ބަދަލު ގެންނަނީ ގާނޫނުގެ 12 ވަނަ މާއްދާ އަށެވެ. އޭގައިވާ ގޮތުން ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވެސް ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބޭ ކަމަށް އެކަށީގެންވާ ހެއްކާ އެކު ރެޖިސްޓްރާއަށް ގަބޫލުކުރެވިއްޖެ ނަަމަ ވިޔަފާރި ހުއްދަ ބާތިލުކުރެވޭނެ އެވެ.

މި ބިލު ރައީސް ތަސްދީގުކުރެއްވުމާ އެކު ގާނޫނު ގެޒެޓްގައި ޝާއިއުކޮށްފައިވާއިރު އެއާ ގުޅިގެން އެކުލަވާލަން ޖެހޭ ގަވާއިދުތަކާއި އިސްލާހުކުރަން ޖެހޭ ގަވާއިދުތައް ތިން މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހެ އެވެ.