ފައިސާ އަށް އެސައިންމަންޓް ހެދުން އާންމުވާތީ، ފުލުހުންނަށް މައްސަލަ ހުށަހަޅައިފި
ފައިސާ އަށް އެސައިންމަންޓް ހެދުން އާންމުވާތީ، ފުލުހުންނަށް މައްސަލަ ހުށަހަޅައިފި

ފައިސާ އަށް އެސައިންމަންޓް ހައްދާ މައްސަލަތައް އާންމު ވާތީ، އެ ކަން ތަހުގީގު ކޮށްދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.

އެހެން މީހަކު ލައްވައި ނުވަތަ އަގު ދީގެން އެސައިންމަންޓް ހެއްދުވުމަކީ ގާނޫނީ ކުށެކެވެ. ފައިސާ އަށް އެސައިންމަންޓް ހައްދައިދޭ ކަމަށް ބުނާ އިޝްތިހާރުތައް ސޯޝަލް މީޑިއާގައި މި ދުވަސްވަރު ވަނީ އަނެއްކާ ވެސް އިތުރުވެފަ އެވެ.

އެކަމާ ގުޅިގެން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕްލޭނިން އެންޑް ޕޮލިސީ ޑިޕާޓްމަންޓްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ފައިސާ އަށް އެސައިންމަންޓް ހަދާ މައްސަލަތަކެއް އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެކަން އިއްޔެ ފުލުހުންނަށް އަންގާފައި ވާނެ ކަމަށެވެ.

ދަރިވަރުން އަމިއްލަ އަށް ކުރަން ޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވުމާއި އެފަދަ މަސައްކަތްތައް އަގަށް ކޮށްދިނުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް މި އަހަރު ވަނީ އަމަލުކުރަން ފަށައިފަ އެވެ.

"އެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން، މި ކަހަލަ މައްސަލައެއް މި ހުށަހެޅުނީ އަދި އަލަށް،" އޮފިޝަލް ވިދާޅުވި އެވެ.

"އަގު ދީގެން ވެސް ނުވަތަ ނުދީ ވެސް އެހެން މީހުން ލައްވައި އެސައިންމަންޓް ހަދުވާ މައްސަލަތައް އަޅުގަނޑުމެން ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ބަލާނެ."

ފައިސާ އަށް އެސައިންމަންޓް ހަދައިދޭ ކަމަށް ބުނެ އިޝްތިހާރު ޖަހައިފައި ހުރި ބައެއް މީހުންނަށް "މިހާރު" އިން ގުޅައި އެއްކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި އާންމުކޮށް އެސައިންމަންޓެއް ހަދައިދޭ އަގު އުޅެނީ 2،000ރ. ވުރެ ވެސް މަތީގަ އެވެ.

ގާނޫނުގައިވާ ގޮތުން މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރަކު އަމިއްލަ އަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި ކުރުވައިފި ނަމަ 5،000ރ. އިން އެ ދަރިވަރަކު ޖޫރިމަނާކޮށް، އަގަށް ނުވަތަ ހިލޭ ވިޔަސް އެފަދަ މަސައްކަތްތައް ކޮށްދޭ މީހުން 10،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

އެފަދަ އަމަލެއް ދަރިވަރަކު ހިންގިތޯ ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް، މަތީ ތައުލީމު ދޭ ކޮންމެ މަރުކަޒެއްގައި ހުންނަން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ. އެ ގާނޫނުގައި ވަނީ ޖޫރިމަނާ ކުރުމަށް ފަހު، މަތީ ތައުލީމު ދޭ މަރުކަޒުގެ ގަވާއިދުގައި ބަޔާންކުރާ އިތުރު ފިޔަވަޅެއް ވެސް އެ ދަރިވަރަކާ މެދު އެޅިދާނެ ކަމަށެވެ.