06 ޑިސެމްބަރ 2021 - 14:28

އެމްބިއުލާންސް ފޮނުވަން ސަރުކާރުން ކަނޑައެޅި ރަށްތަކުގެ ތެރެއިން މިދިޔަ މަހު ގެނައި 20 އެމްބިއުލާންސް އެ ރަށްތަކަށް ފޮނުވަން މިއަދު ފަށައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ރަށްރަށުގައި ބޭނުންކުރަން އެސްޓީއޯ މެދުވެރިކޮށް ގެނައި 20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމެންޓްގެ އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ނިންމައި، މިއަދު ރަށްރަށަށް ފޮނުވަން ފަށާފައިވާ ކަމަށެވެ.
މި ބުރުގައި އެމްބިއުލާންސް ފޮނުވަން ނިންމާފައިވާ ރަށްތަކަކީ ހދ. ކުމުންދޫ، ށ. ބިލެތްފަހި، ށ. ނަރުދޫ، ނ. ފޮއްދޫ، ށ. ކުޑަފަރި، ބ. ކެންދޫ، އއ. މަތިވެރި، އދ. މަންދޫ، އދ. ފެންފުށި، ފ. ފީއަލި، މ. ކޮޅުފުށި، ތ. ވަންދޫ، ތ. ބުރުނި، ތ. ދިޔަމިގިލި، ލ. ކުނަހަންދޫ، ގއ. ކޮލަމާފުށި، ގއ. ނިލަންދޫ، ގދ. ރަތަފަންދޫ، އއ. ބޮޑުފޮޅުދޫ އަދި މ. ދިއްގަރެވެ.
ހެލްތު މިނިސްޓްރީން ވަނީ 96 އެމްބިއުލާންސް ގެންނަން މިދިޔަ ޖޫން މަހު އެސްޓީއޯއާ ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން މަދުވެގެން 60 އެމްބިއުލާންސް މިއަހަރު ރަށްރަށަށް ފޮނުވަން ސަރުކާރުން ބޭނުންވެ އެވެ.
އެސްޓީއޯ މެދުވެރިކޮށް ގަނެފައިވާ 20 އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމެންޓް ގެނައީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. މިހާރު އެ ހުރިހާ އެމްބިއުލާންސްތަކެއް ވަނީ ރަށްރަށް ފޮނުވައިފަ އެވެ.
ބައެއް ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެ، އެ ހިދުމަތް މެދުކެނޑިފައި އޮތުމުން ގިނަ ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ލިބެ އެވެ. ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު ވެސް، އެމްބިއުލާންސް ނެތުމުންނާއި ހަލާކުވެފައި އޮތުމުން ދަތިތަކާ ކުރިމަތިވި އެވެ.