06 ޑިސެމްބަރ 2021 - 14:54

ރާއްޖެއިން ކޮވިޑު-19 ގެ އާ ވޭރިއެންޓް، އޮމިކްރޯން ފެނިފައިވާތީ މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނީ ދެކުނު އެފްރިކާއިން ރިޕޯޓުކޮށްފައިވާ އޮމިކްރޯން ވޭރިއެންޓަކީ މިހާތަނަށް ފެނުނު އެހެން ވޭރިއެންޓުތަކަށްވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ވޭރިއެންޓެއް ކަމަށެވެ. އެއީ ނުރައްކަލެއް ކުރިމަތިވެދާނެ ވޭރިއެންޓަކަށް ވާތީ އެ ވޭރިއެންޓާ މެދު އިތުރަށް ސަމާލުކަން ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް އިލްތިމާސްކޮށްފައިވާކަން އެޗްޕީއޭ އިން ފާހަގަކުރި އެވެ.
ރާއްޖެއިން އެ ވޭރިއެންޓަށް ޕޮޒިޓިވްވެފައިވަނީ ސައުތު އެފްރިކާއިން މިދިޔަ މަހުގެ 21 ވަނަ ދުވަހު ރާއްޖެ އައި ޓޫރިސްޓެކެވެ. އެ ކޭސްގެ ވޭރިއެންޓުގެ މައުލޫމާތު ލިބިފައިވަނީ ޖީނޯމިކް ސީކުއެންސިން ހެދުމަށް މިދިޔަ އަންގާރަ ދުވަހު ބޭރަށް ފޮނުވި ސާމްޕަލްތައް ޓެސްޓުކުރުމުންނެވެ. ރާއްޖޭގައި މީގެ ކުރިން ހެދި ސީކުއެންސިން ޓެސްޓުން ފެނިފައިވަނީ ޑެލްޓާ ވޭރިއެންޓެވެ.
އެޗްޕީއޭއިން ބުނީ އާ ވޭރިއެންޓުގެ މައުލޫމާތުތައް އެއްކުރުމަށް ފަންނީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ވޭރިއެންޓް ފެނިފައިވާ ގައުމުތަކުގައި އެ ބަލި ފެތުރުން އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިފައިވެ އެވެ.
- މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން އަދި އަތް ސާފުކުރުން
- އެކި ހަފްލާތަކާއި އިވެންޓުތައް ބޭއްވުމުގައި ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުން
- އޮފީހާއި މަސައްކަތުގެ މާހައުލުގައި އަބަދު ވެސް މާސްކް އަޅައިގެން އުޅުމާއި އަތް ދޮވުމާއި އާއްމުކޮށް އަތްޖެހޭ ތަންތަން ގިނަ ގިނައިން ސާފުކުރުން އަދި ގައިދުރުކަން ބެހެއްޓުން
- ދަތުރުފަތުރު ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށާއި ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުން
"ވީމާ ހުރިހާ ފަރާތްތަކުން ވެސް މި ކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރަމެވެ. ބަލި ފެތުރުން ކޮންޓްރޯލްކުރުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި އަމަލުކުރުމަށް މި އެޖެންސީން އިރުޝާދުދީފައިވާ ގައިޑްލައިންތަކާއި ފިޔަވަޅުތަކަށް މުހިއްމު ސަމާލުކަމެއް ދިނުމަށް ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
"އާ ވޭރިއެންޓެއްގެ ސަބަބުންނާއި ބަލިން ރައްކާތެރިވުމަށް ފަރުވާ ކުޑަވުމުގެ ސަބަބުން ބަލިފެތުރުން އިތުރުވެ ކޮވިޑު-19 ގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެންމެންގެ އެއްބާރުލުން މުހިއްމުވެ،"