ބޮބް ޑޯލް އަވަހާރަވެއްޖެ
ބޮބް ޑޯލް އަވަހާރަވެއްޖެ

އެމެރިކާގެ ސިޔާސީ މަސްރަހުގައި މަގުބޫލު ބޭފުޅެއް ކަމަށްވާ، ރިޕަބްލިކަން ޕާޓީގެ އިސް ވެރިންގެ ތެރޭގައި ހިމެނޭ ބޮބް ޑޯލް އިއްޔެ އަވަހާރަވެއްޖެ އެވެ.

ދެ ވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާގައި މުހިންމު ދައުރެއް އަދާކުރެއްވި، އަދި ބޮޑެތި ޒަހަމްތަކަކާ އެކު ފުރާނަ ސަލާމަތްވި ބޮބް އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އުމުރުން 98 އަހަރުގަ އެވެ. ބޮބްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ، ބޮބް ޑޯލްއަކީ އެމެރިކާގެ ތާރީޚުން މަދުން ނޫނީ ނުފެންނަ ފަދަ ހިދުމަތްތެރިއެއް އަދި "ވަރަށް އިހުލާސްތެރި ރަހްމަތްތެރިއެއް" ކަމަށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ކެންސަސް ތަމްސީލް ކުރެއްވި މެމްބަރުގެ ގޮތުގައި 35 އަހަރު ހޭދަ ކުރެއްވި ބޮބް ވަނީ 1996 ވަނަ އަހަރުގެ ރިއާސީ އިންތިހާބުގައި، ކުރީގެ ރައީސް ބިލް ކްލިންޓަންއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފަ އެވެ. އަދި 1976ގެ ރިއާސީ އިންތިހާބުގައި ކުރީގެ ރައީސް ގެރަލްޑް ފޯޑްގެ ނައިބު ރައީސެއްގެ ގޮތުގައި ވެސް ވާދަކުރެއްވި އެވެ. އެފަހަރުގެ އިންތިހާބުގައި ފޯޑްގެ މައްޗަށް ކުރި ހޯއްދެވީ ކުރީގެ ރައީސް ޖިމީ ކާޓަރާއި އޭނާގެ ރަނިންމޭޓް ވޯލްޓާ މޮންޑޭލް އެވެ.

ބޮބް އަވަހާރަވި ކަން އިއުލާންކުރަމުން، ބޮބްގެ އަނބިކަނބަލުންގެ ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ބޮބްވަނީ 79 އަހަރު ވަންދެން ގައުމަށް ވަރަށް އިހުލާސްތެރިކަމާ އެކުގައި ހިދުމަތް ކުރައްވައިފަ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ވިދާޅުވި ގޮތުގައި ބޮބް ޑޯލްގެ ގައުމީ ހިދުމަތުގެ ނަމޫނާތަކުން މިހާރުގެ ދަރިންނާއި އަންނަން އޮތް ޖީލުގެ ދަރިން ވެސް ފިލާވަޅު ލިބިގަންނަން ޖެހޭނެ އެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވި ގޮތުގައި ބޮބްއަކީ ހަނގުރާމައިގެ ބަތޮލެއް އަދި ސިޔާސީ ލީޑަރެއްގެ އިތުރުން ގައުމީ ހިދުމަތްތެރިއެކެވެ.