އެއް ގަޑިއިރަށް ވުރެ ކުރު ވައިގެ ދަތުރުތަކުގަައި ބުއިމެއް ނުލިބޭނެ
އެއް ގަޑިއިރަށް ވުރެ ކުރު ވައިގެ ދަތުރުތަކުގަައި ބުއިމެއް ނުލިބޭނެ

ޑޮމެސްޓިކް ދަތުރުތަކުގެ ތެރެއިން އެއް ގަޑިއިރަށް ވުރެ ކުރު ދަތުރުތަކަށް އެއްވެސް ބުއިމެއް ނުދޭން ސިވިލް އޭވިއޭޝަނުން އަންގައިފި އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ކޮވިޑާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް އަޅަން ނިންމައި އާންމުކުރި ސާކިއުލާއާ ގުޅިގެން މޯލްޑިވިއަން އިން ވަނީ މިގޮތަށް އަމަލުކުރަން ފެށިކަން އަންގައިފަ އެވެ.

ޑޮމެސްޓިކް ބައެއް ދަތުރުތަކުގެ ދިގުމިން ބައި ގަޑިއިރަށް ވުރެ ވެސް ކުރެވެ. އާންމު ގޮތެއްގައި އެއް ގަޑިއިރަށް ވުރެ ދިގު ދަތުރުތައް ކުރަނީ ރާއްޖޭން އެންމެ އުތުރާއި ދެކުނަށެވެ.

ސިވިލް އޭވިއޭޝަނުން އާންމުކޮށްފައިވާ ސާކިއުލާގައި ބުނީ ޑޮމެސްޓިކް ދަތުރުތަކުގައި ކޮވިޑްގެ އަލާމާތެއް ހުރިތޯ ކޮންމެ ފަސިންޖަރެއް ވަކިން ބަލަންވާނެ ކަމަށެވެ. އަދި ފަސިންޖަރުން ތިބެން ޖެހޭނީ މާސްކް އަޅައިގެން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ރާއްޖެއިން ވެސް މިހާރު ވަނީ ސައުތު އެފްރިކާ އިން ފެނުނު ކޮވިޑްގެ އޮމިކްރޮން ވޭރިއެންޓް ފެނިފަ އެވެ. އެހެންވެ ރާއްޖެއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެފްރިކާގެ ބައެއް ގައުމުތަކުން މީހުން އައުން މަނާކޮށްފަ އެވެ.