ޖަލުގައި ތިބި ބަންގްލަދޭޝް މީހުން ފޮނުވާލަން އެއްބަސްވުމެއް ހަދަނީ
ޖަލުގައި ތިބި ބަންގްލަދޭޝް މީހުން ފޮނުވާލަން އެއްބަސްވުމެއް ހަދަނީ

ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ބަންގްލަދޭޝްގެ ކުށްވެރިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އެކި ކުށްތަކުގައި ބަންދުކޮށްފައި ބަންގްލަދޭޝްގެ 100 އެއްހާ މީހުން ރާއްޖޭގެ ޖަލުތަކުގައި އެބަތިބި ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން އެ ގައުމަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ ސަފީރު މުހައްމަދު ނަޒުމުލް ހަސަން މިދިޔަ ހޮނިހިރު ދުވަހު ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން "މިހާރު"ން ސުވާލު ކުރުމުން ހޯމް މިނިސްޓްރީ ޑިރެކްޓާ ކޮމިއުނިކޭޝަން ހަފްސީ އަބްދުﷲ މިއަދު ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުން އަންނަ ބަންގްލަދޭޝްގެ ބައެއް ކުށްވެރިން ފޮނުވާލުމަށް ދެ ސަރުކާރުން ސޮއިކުރާ އެއްބަސްވުމެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އެ މީހުން ބަންގްލަދޭޝް ސަރުކާރާ ހަވާލުކުރާނީ ވަކި ޝަރުތުތަކެއް ކަނޑައަޅާފައި ކަމަށް ހަފްސީ ވިދާޅުވި އެވެ.

"ވަކި ކުށްތަކަށް ވުރެ ބޮޑަށް ޝަރުތުތަކެއް މި ކަނޑައަޅަނީ. މިސާލަކަށް ހުކުމް ތަންފީޒު ކުރުމުގެ ވަކި މަރުހަލާތަކެއް ފުރިހަމަކޮށްފައިވުން، ހުކުމުގެ ވަކި ބައެއް އެ ގައުމުގައި ފުރިހަމަ ކުރުން ފަދަ ޝަރުތުތަކެއް ކަނޑައަޅާނެ. މިހާރު ޑްރާފްޓިންގައި އުޅޭތީ އެކަންކަން އަދި ފައިނަލް ނުވޭ،" ހަފްސީ ވިދާޅުވި އެވެ.

މީގެ ކުރިން ގައިދީން ބަދަލު ކުރުމުގެ މިފަދަ އެއްބަސްވުމެއް އިންޑިއާ އާއި ސްރީ ލަންކާ އަދި ތައިލެންޑާ އެކު ވެސް ވެފައިވާ ކަމަށް ހަފްސީ ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ސަފީރާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރާއްޖޭގައި ބަންގްލަދޭޝްގެ 100،000 އަށް ވުރެ ގިނަ މަސައްކަތްތެރިން އުޅެ އެވެ. އޭގެ 50 ޕަސަންޓަކީ ގަވައިދާ ހިލާފަށް އުޅޭ މީހުން ކަމަށް ސަފީރު ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ އެފަދަ ބިދޭސީން ގަވައިދުގެ ތެރެއަށް ގެނައުމާއި ބައެއް ބިދޭސީން އަނބުރާ ފޮނުވާލުމުގެ މަސައްކަތެއް ފަށައިފަ އެވެ. ނަމަވެސް ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާ އެކު އެ މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ނުފަށަ އެވެ.