ސާހިލް: 10 އަހަރުން ރާއްޖޭގެ ބިލިއާޑްގެ އެންމެ އުހަށް
ސާހިލް: 10 އަހަރުން ރާއްޖޭގެ ބިލިއާޑްގެ އެންމެ އުހަށް

މުހައްމަދު ސާހިލް ހަމީދު، ބިލިއާޑް ކުޅެން ފެށީ ކުރީގެ ގަލޮޅު ޔޫތު ސެންޓަރު ހިންގި ދުވަސްވަރު އެތަނުގަ އެވެ. އޭނާ ބުނިގޮތުގައި ޔޫތު ސެންޓަރުގެ ގޯތި ތެރޭގައި އުޅެނިކޮށް ބިލިއާޑް ހޯލަށް އޭނާ ވެއްދީ ބިލިއާޑްގެ މިހާރުގެ ރޭންކިންގެ ހަތަރުވަނަ މުހައްމަދު ޝަރީފެވެ.

"އޭރު ވާނީ 13 އަހަރު. އޭރު ވެސް ގަލޮޅު ޔޫތު ސެންޓަރަށް ގޮސް އުޅެން. އެއްދުވަހު ޔޫތު ސެންޓަރު ގޯތި ތެރޭގައި އިންދާ މުހައްމަދު ޝަރީފް ބުނީ ބިލިއާޑް ކުޅެން އަންނާށޭ. ބިލިއާޑް ހޯލަށް އަޅުގަނޑު ވެއްދީ އޭނާ،" ޝާހިލް، 23، ކިޔައި ދިނެވެ.

އޭގެ 10 އަހަރު ފަހުން އޭނާ މިއަދު ވަނީ ގައުމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ބިލިއާޑް މުބާރާތުގެ ފައިނަލުން އެންމެ ފުރަތަމަ ޖާގަ ހޯދީ ސާހިލް އެވެ. ފައިނަލާ ހަމައަށް ކުރި ދަތުރުގައި އޭނާ އަށް ވުރެ ދޮށީ އަދި ތަޖުރިބާކާރު ކުޅުންތެރިން އޭނާ ބަލިކުރި އެވެ. ރާއްޖޭގެ ރޭންކިންގެ ހަ ވަނަ، ސާހިލް ފައިނަލުގެ ޖާގަ ޔަގީން ކުރީ ރޭންކިންގެ އެއްވަނަ ހުސައިން ޝާޒް މުހައްމަދު 9-3 ފްރޭމުން ބަލި ކުރުމަށް ފަހު އެވެ. އެއީ އެންމެ ފަހުގެ ނައިން ބޯލްގެ ޗެމްޕިއަން ޝާޒް ގައުމީ މުބާރާތުގައި ބަލިވި ފުރަތަމަ މެޗެވެ.

މިރޭ ކުޅޭ ގައުމީ ފައިނަލްގައި ސާހިލްއާ ވާދަކުރަން ޖެހޭނެ ކުޅުންތެރިއެއް ކަށަވަރު ވާނީ މިއަދު ހަވީރު ކުޅޭ ސެމީ ފައިނަލް ދެވަނަ މެޗުގައި ޝާޒް އާއި ހުސައިން ފަޔާޒް ކުޅޭ މެޗުންނެވެ. އެއިން ކޮންމެ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެން ޖެހުނަސް ސާހިލް އަށް އިތުބާރު އެބައޮތެވެ.

ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ މުބާރާތަށް ތައްޔާރުވާން ސާހިލް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެެވެ. އޭނާ ބުނީ މުބާރާތުގެ ކުރިން ކޮންމެ ދުވަހަކު ތިން ގަޑިއިރު ޕްރެކްޓިސް ކުރި ކަމަށެވެ. އަދި ބިލިއާޑް ބޯޑް ކައިރީގައި އިނދެ ކުރާ ޕްރެކްޓިސްތަކުގެ އިތުރުން މެންޓަލީ ތައްޔާރުވުމަށް ވެސް އިސްކަން ދީފައިވާ ކަމަށް ބުންޏެވެ.

މުބާރާތަށް ތައްޔާރުވުމުގެ މަރުހަލާގައި އޭނާ ވަނީ ކުރީގެ ގައުމީ ބިލިއާޑް ކޯޗު ވެލެންޓީނޯގެ އިރުޝާދު ހޯދައިފަ އެވެ.

"ކޯޗު (ވެލެންޓީނޯ) ކައިރިން ވަރަށް ފީޑްބެކް ހޯދިން. ހާއްސަކޮށް އެކިއެކި ޓްރިކްތަކާއި އުނދަގޫ ޝޮޓްތައް ނަގާނެ ގޮތް ކޯޗު ވަރަށް ރަނގަޅަށް ކިޔައިދިން."

ސާހިލް ބުނިގޮތުގައި ޕްރެކްޓިހުގައި ނުވަތަ ހިތްހަމަޖެހުމަށް ކުޅޭ އިރަށް ވުރެ ވާދަވެރި މެޗެއްގައި ކުރިމަތިވާ ޕްރެޝަރު އެތައް ގޮތަކުން ބޮޑުވެ އެވެ.

"ހަގީގަތުގައި ވަރަށް ޕްރެޝާ އިންނާނެ މެޗެއްގައި ވިއްޔާ. އެއީ މި ކުޅެނީ ވާދަވެރި ކުޅުންތެރިޔާއާ ދެކޮޅަށް،" ސާހިލް ކިޔައި ދިނެވެ.

އެ ޕްރެޝަރު ކުޑަ ކުރުމަށް ކުރެވެން އޮތް ކަމަކީ މެންޓަލީ ރަނގަޅަށް ތައްޔާރުވުން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މެޗު އޮންނަ ދުވަސް ދުވަހު ޝެޑިއުލް އަށް އެހެން ކަމެއް ނުހިމަނައި މެޗަށް ވިސްނުން ހުސްކުރާ ކަމަށެވެ.

"އެ ދުވަހު ބަލަން އެހެން ކަމެއް ޝެޑިއުލް އަށް ނުލައިވޭތޯ. ބޭރަށް ނުނިކުމެ ރެސްޓްކޮށް ވަރަށް ގިނަ ވަގުތު ގޭގައި ހޭދަ ކުރާ ދުވަހަަކަށް މެޗު ޑޭ ވާނީ،" ވޯލްޑް ޗެމްޕިއަންޝިޕް 2019 ގެ މުބާރާތުގައި ގައުމީ ޓީމުގައި ހިމެނުނު ސާހިލް ބުންޏެވެ.

އެއްވެސް މުބާރާތެއްގެ ތައްޓެއް ސާހިލް އަށް އަދި އުފުލާލެވިފައެއް ނެތެވެ. އެކަމަކު ގައުމީ މުބާރާތުގައި މިހާތަނަށް އޭނާ އަށް ދެއްކުނު ކުޅުމާ އެކު މުބާރާތާ މެދު ބޮޑު އުންމީދެއް އެބައޮތެވެ. އޭނާ ބުނާ ގޮތުން މިހާވަރަށް ތައްޔާރު ވެވުނު ޑޮމެސްޓިކް މުބާރާތެއް ނެތެވެ. ގައުމީ މުބާރާތް އޭނާ އަށް ހާއްސަވި އަނެއް ސަބަބަކީ ފުރަތަމަ ގައުމީ މުބާރާތުގެ އިތުރުން ރައީސް އަތްޕުޅުން ޗެމްޕިއަނަށް އިނާމު ލިބޭ މުބާރާތަށް ވާތީ އެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.