06 ޑިސެމްބަރ 2021 - 09:19

ހުޅުމާލޭގައި މިހާރު ކުރިއަށް ގެންދާ ކްލަބް މޯލްޑިވްސް ފުޓްސެލް މުބާރާތުގެ އަންހެން ޑިވިޝަންގެ ގުރޫޕް ސްޓޭޖު އެންމެ ފަހު މެޗުގައި ވެމްކޯގެ މައްޗަށް 5-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި ގުރޫޕް ދޭއްގެ އެއްވަނަ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ހޯދައިފި އެވެ.
މެޗަށް ނުކުތް އިރު ވެސް ދެ ޓީމަށް ވެސް އޮތީ ސެމީ ފައިނަލުން ޖާގަ ޔަގީން ވެފަ އެވެ. ޔަގީން ނުވެ އޮތީ ގުރޫޕްގެ އެއްވަނަ ހޯދާނެ ޓީމެކެވެ. ކޮންމެ ޓީމެއް ރޭގައި މޮޅުވި ނަމަވެސް އެ ޓީމަކަށް ގުރޫޕްގެ އެއްވަނަ ލިބޭނެ އެވެ.
ރޭގެ މެޗުގައި އެމްޕީއެލުން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އާމިނަތު ޝާލިޔާ އެވެ. އަނެއް ތިން ލަނޑު ޖެހީ ފާތިމަތު ޖޫޒާން ޒަރީރު، ފާތިމަތު ޝާލިޔާ އަދި ބިދޭސީ ކުޅުންތެރިޔާ ފަޒީލޮވާ އެވެ. ވެމްކޯގެ ލަނޑު ކާމިޔާބު ކޮށްދިނީ އާމިނަތު އަރީޝާ އެވެ.
އަންހެން ޑިވިޝަން ނުވަތަ "18/30 ވިމެން ފުޓްސަލް ފިއެސްޓާ" ގެ ނަމުގައި ކުރިއަށް ގެންދާ މުބާރާތުގެ ގުރޫޕް އެކެއްގެ ދެވަނަ ހޯދައިގެން ޕޮލިސް ކްލަބު ވަނީ ސެމީން ޖާގަ ހޯދައިފަ އެވެ. ޓްރޭޑްގެ މައްޗަށް ޕޮލިސް ކްލަބު ރޭ ކާމިޔާބު ހޯދީ 5-0 އިންނެވެ.
ރޭގެ މެޗުގައި ޕޮލިސް ޓީމުގެ ފަސް ލަނޑުގެ ތެރެއިން، ފާތިމަތު ތީބާ އާއި ލުބުނާންގެ ފޯވާޑް ނެންސީ ވަނީ، ކޮންމެ ކުޅުންތެރިޔަކަށް ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑު ޖެހީ ސެލީން އަލް ހައްދާދު އެވެ. ގުރޫޕް އެކެއްގެ އެއްވަނަ ހޯދީ ސިފައިންގެ ކްލަބެވެ.
ސެމީގައި ސިފައިން ވާދަކުރާނީ ވެމްކޯއާ ދެކޮޅަށެވެ. އެމްޕީއެލް ވާދަކުރާނީ ޕޮލިސް ކްލަބާ ދެކޮޅަށެވެ.