06 ޑިސެމްބަރ 2021 - 07:11

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ވޭރިއަންޓަކާ އެކު މުޅި ދުނިޔޭގައި އަނެއްކާވެސް ވަނީ މި ބަލީގެ ހާލަތު ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން އުފެދިފަ އެވެ. މިހާތަނަށް ސާޅީހަކަށް ގައުމުން މި ވޭރިއަންޓުގެ ކޮވިޑް ބަލީގެ މީހުން ފެނިފައި ވާއިރު އެންމެ ބޮޑު ސުވާލަކީ ކޮވިޑުން ދިފާއުވާން ވެކްސިން ޖަހަފާއި ހުއްޓަސް މި ވޭރިއަންޓުން ވެކްސިނަކީ ބޭކާރު އެއްޗަކަށް ހަދާލަފާނެ ކަމަށް ވެސް ވާހަކަ ދެކެވޭތީ އެވެ.

ދެކުނު އެފްރިކާގެ ބައެއް ޑޮކްޓަރުން ވިދާޅުވެފައިވަނީ އޮމިކްރޮން ވޭރިއަންޓް ޖެހިގެން ބަލިވާ މީހުންގެ ފަރާތުން ފެންނަނީ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށާއި އެ ވޭރިއަންޓް ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހޭ ހާލަތު ވެސް ނާދިރު ކަމަށެވެ. އެކަަމަކު ވައިރަހެއްގެ ހަގީގަތާ މެދު ޔަގީންކަމާ އެކު އެއްޗެއް ބުނަން އެނގޭ ވަރަށް މި ވޭރިއަންޓާ ބެހޭ ދިރާސާތަކެއް އަދި ނުކުރެވެ އެވެ. ސައިންސްވެރިން ބުރަކޮށް އުޅެނީ އެ ކަމުގަ އެވެ.

މި ވޭރިއަންޓް ޖެހުނު މީހުންގެ ފަރާތުން އެއްކޮށްފައިވާ މައުލޫމާތުން އަދި ގޮތެއް ނިންމޭ ވަރަށް މައުލޫމާތު ފުރިހަމައެއް ނުވެ އެވެ.
ވޭރިއަންޓްގެ ހަގީގަތް ހޯދަން މިހާތަނަށް ހޯދާފައިވާ މައުލޫމާތުން، ޔޫރަޕުން ބަލި ޖެހުނު 70 މީހެއްގެ ނަތީޖާ ދައްކަނީ އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބައި މީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. ދެން ތިބި މީހުން ފަރާތުން ބަލީގެ އަލާމާތް ވަރަށް ކުޑަކޮށް ފެނިފައިވެ އެވެ. މިއީ މިދިޔަ ބުރާސްފަތި ދުވަހާ ހަމަޔަށް ޔޫރަޕިއަން ސެންޓަ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން ހާމަކޮށްފައިވާ މައުލޫމާތެވެ.
މި ވޭރިއަންޓް ޖެހުނު މީހުންގެ ތެރެއިން އަދި މިހާތަނަށް އަދި މީހަކު މަރެއް ނުވެ އެވެ. އަދި ހާލު ސީރިއަސްވެ އެޑްމިޓްކުރާކަށް ވެސް ނުޖެހެ އެވެ. ނަމަވެސް ޔޫރަޕިއަން ސެންޓަ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލުން ބުނީ މިއީ ބަލީގެ އަސްލު މަންޒަރު ކަމަށް ބުނަން އެނގޭނީ އެތައް ސަތޭކަ މީހުންނެއްގެ މައުލޫމާތު އެއްކޮށް ދިރާސާކޮށްގެން ކަމަށާއި މިކަމަށް އަދި އެތައް ހަފްތާއެއް ހޭދަވެދާނެ ކަމަށެވެ. ޔޫރަޕްގައި އޮމިކްރޮން ޖެހުނު ގިނަ މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ ޒުވާނުންނަށް ވާތީ އެ މީހުންނަށް ބަލީގެ ނުރައްކާ ކުޑައީ ކަމަށް ވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އާ ވޭރިންޓް ފެނުނު ދެކުނު އެފްރިކާއިން ވަނީ ބަލި ޖެހޭ މީހުންގެ އަދަދު ދެ ގުނަ އިތުރުވެފަ އެވެ. މި މީހުންގެ ހާލަތަށް ބަލާއިރު ވެސް މީގެ ތެރޭގައި ތިބި، ކުރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ ކިބައިން ފެންނަނީ އާދައިގެ އަލާމާތްތަކެކެވެ.
"ދެކުނު އެފްރިކާގެ ބައެއް ހެކިތަކަށް ބަލާއިރު މިއީ ހަމަ އަސްލު ވެސް އާދައިގެ އަލާމާތްތަކެއް ފެންނަ ވެރިއަންޓަކޭ ވެސް ބުނެވިދާނެ. އެކަމަކު އެ ގައުމުގައި ވެސް ބަލި ޖެހޭ ގިނަ މީހުންނަކީ ޒުވާނުން. އެހެންވެ އަދި މިއީ ގޮތެއް ނިންމޭނެ ހާލަތެއް ނޫން،" އެމެރިކާގެ އެޓްލާންޓާގައި ހުންނަ އިމޯރީ ޔުނިވަސިޓީގެ އިންފެކްޝަސް ޑިޒީޒް އެކްސްޕާޓް ޑރ. ކާލޮސް ޑެލް ރިއޯއާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވެ އެވެ.
މި ވޭރިއަންޓުން ގިނަ ބަޔަކަށް ބަލި ޖެހި ވާނުވާ ޔަގީން ނުވާ ހާލަތުގައި އޮތް އިރު ސައިންސްވެރިން ގެންދަނީ ތަހުލީލުތައް ކުރަމުންނެވެ. މި ވޭރިއަންޓްގައި މީގެ ކުރިން ފެނިފައިނުވާ 50 މިއުޓޭޝަން ހިމެނެ އެވެ. މީގެ ތެރެއިން 30 މިއުޓޭޝަނަކީ ކޮރޯނާވައިރަސް އިންސާނުންގެ ސެލްތަކުގައި ތަތްކޮށްލަން ބޭނުންވާ ސްޕައިކް ޕްރޮޓީންގައި ހުރި މިއުޓޭޝަންތަކެވެ. މިހާރު ހުރި ވެކްސިންތައް ޓާގެޓްކޮށްފައި ހުރީ މި ސްޕައިކް ޕްރޮޓީންއަށެވެ.
"އާންމު ގޮތެއްގައި ވައިރަސްއެއް މާބޮޑަށް މިއުޓޭޓް ވުމަކީ އޭގެ އަސްލު ބާރު ގެއްލޭ ކަމަކަށްވޭ،" ފިލަޑެލްފިއާގެ ޕެން އިންސްޓްޓިއުޓް ފޯ އިމިއުނޮލޮޖީގެ ޑިރެކްޓަރު ޑރ. ޖޯން ވެރީ ރޮއިޓާސް އަށް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި އޮމިކްރޮން ވެރިއަންޓްގައި ހުރި ބައެއް ކަންކަމަށް ބަލާއިރު ވައިރަސްއަށް ބަދަލު އައިސް އޭގެ ސްޕައިކް ޕްރޮޓީންގެ ބިހޭވިއާ ބަދަލުކުރުމުގެ ގާބިލްކަން ގެއްލިދާނެ އެވެ.
އޮމިކްރޮން އަކީ އެޗްއައިވީ ފަދަ ބަލިތަކުގެ ސަބަބުން ދިފާއީ ނިޒާމު ހަލާކުވެފައިވާ މީހުންނަށް ކޮވިޑް ޖެހި އެ މީހުންގެ ހަށިގަނޑުގައި އުފެދުނު މިއުޓޭޝަނަކަށް ވެދާނެ ކަމަށް ބައެއް ސައިންސްވެރިން ތިއަރީއެއް ގެންގުޅުއްވަ އެވެ.
"[އެ ބުނަނީ] އެ މީހުންގެ ހަށިގަނޑުގައި ވައިރަސް ބަދަލުވީ މީހާ 'މެރުން' ނޫން ގޮތަކަށް ކަމަށް،" ޑރ. ވޭރީ ވިދާޅުވި އެވެ.
މިކަހަލަ އެތައް ތިއަރީއެއް އެބަ އުޅެ އެވެ. މިއީ ޖަނަވާރަށް ކޮވިޑް ޖެހި އޭގެ ތެރެއިން އައި ވެރިއަންޓެއް ކަމަށް ވެސް ކިޔަ އެވެ.
މިހާރު މުޅި ދުނިޔޭގައި އެންމެ އާންމު ކޮވިޑްގެ ވެރިއަންޓަކީ ޑެލްޓާ އެވެ. އޮމިކްރޮން އަކީ ހަލުވިކޮށް ފެތުރޭ އެކަމަކު ބަލީގެ އަލާމާތް މާ ކުޑަކޮށްލާ ވެރިއެންޓަކަށް ވެއްޖެ ނަމަ މިކަން ވާނީ ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތު ބަދަލުކޮށްލާނެ ކަމަކަށެވެ. އެހެން ވެއްޖެ ނަމަ ކޮވިޑް ވެސް ވާނީ އިންފްލުއެންޒާ ފަދަ، މޫސުމީ ރޯގާތައް ފަދަ ބައްޔަކަށް ކަމަށް އެމެރިކާގެ ސެން ޑިއޭގޯގެ ސްކްރީޕްސް ރިސާޗް ޑިޕާޓްމަންޓް އޮފް އިމިއުނޮލޮޖީ އެންޑް މައިކްރޮބައޮލޮޖީގެ އިކްފެކްޝަސް ޑިޒީޒް އެކްސްޕާޓް ސުމިތު ޗަންދާ، ރޮއިޓާސް އަށް ވިދާޅުވި އެވެ.
ޔޫރަޕިއަން ޔުނިއަންގެ ޕަބްލިކް ހެލްތު އެޖެންސީން ބުރާސްފަތި ދުވަހު ބުނި ގޮތުގައި މުޅި ޔޫރަޕްގެ ކޮވިޑް ބަލީގެ ދެ ބައިކުޅަ އެއް ބަޔަކީ އޮމިކްރޮން ވެރިއަންޓަށް މަދު މަސްތަކެއްގެ ތެރޭގައި ވެދާނެ އެވެ.
އޮމިކްރޮންއާ ބެހޭ ދިރާސާތައް އަދިވެސް ދަނީ ކުރިއަށް ކަމަށް ވާތީ އަދި ހަގީގަތެއް ކަށަވަރެއް ނުވެ އެވެ. އެހެންވެ ތަޖުރިބާކާރުންގެ އިރުޝާދަކީ ބަލިން ރައްކާތެރިވާން ކުރިން ވެސް އަޅަމުން އަންނަ ފިޔަވަޅުތައް އެޅުމާ އެކު ވެކްސިން ފުރިހަމަކުރުމާއި ވެކްސިންގެ ބޫސްޓާ ޑޯޒް ވެސް ޖެހުމެވެ. އަދިވެސް އޮތީ އެހެން މީހުންނާ ދިމާވާއިރު މާސްކް އަޅައިގެން އުޅުމާއި އަތް ދޮވެ ސާފުކޮށްފައި ބެހެއްޓުމާއި ބަންދު ތަންތަނު ތެރޭގައި ގިނަ މީހުން އެއްވެސް ނޫޅުމެވެ. -- ރޮއިޓާސް