ރަންގްނިކުގެ ފުރަތަމަ މެޗުން ޔުނައިޓެޑް މޮޅުވެއްޖެ
ރަންގްނިކުގެ ފުރަތަމަ މެޗުން ޔުނައިޓެޑް މޮޅުވެއްޖެ

މެންޗެސްޓާ (ޑިސެމްބަރު 5) - މެންޗެސްޓާ ޔުނައިޓެޑުގެ އާ ކޯޗު ރާލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ.

ރަންގްނިކުގެ ފުރަތަމަ މެޗުން ޔުނައިޓެޑް މޮޅުވެއްޖެ
ރަންގްނިކުގެ ފުރަތަމަ މެޗުން ޔުނައިޓެޑް މޮޅުވެއްޖެ

ރަންގްނިކުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑުން މިރޭ އޯލްޑް ޓްރަފޯޑުގައި ނުކުތީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑް ކާމިޔާބު ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 13 މިނިޓަށް ވެފައި ވަނިކޮށް އެ ޓީމުގެ މިޑްފީލްޑަރު ފްރެޑް ޖަހައިދިން ރީތި ލަނޑުން، 1-0 އިންނެވެ.

ފްރެޑަކީ އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި، އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވި އެއް ކުޅުންތެރިޔާ އެވެ. ނަމަވެސް ވަގުތީ ކޯޗު ކަމުގައި މައިކަލް ކެރިކުގެ ތިން މެޗުގައި ވެސް ފްރެޑު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕެލަސް ކޮޅަށް ފްރެޑް ޖެހި ލަނޑަކީ އޭނާ މި ސީޒަނުގައި ޖެހި ދެވަނަ ލަނޑެވެ.

މިރޭގެ މެޗަކީ ކްރިސްޓަލް ޕެލަސް ލީގުގައި ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. އަދި ތާވަލުގެ 13 ވަނައިގައި އެ ޓީމު އޮތީ، ރެލިގޭޝަން ޒޯނަށް ވުރެ ހަ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ރެލިގޭޝަން ޒޯނުގައި އޮތް ބާންލީ އާއި ނިއުކާސަލް ޔުނައިޓެޑް އަދި ނޯވިޗް ސިޓީއަށް ވެސް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑް ވަނީ ކުޅުނު 15 މެޗުން 24 ޕޮއިންޓް ހަމަކޮށްގެން ތާވަލުގެ ހަވަނައަށް ޖެހިލައިފަ އެވެ. އެއް މެޗު މަދުން ކުޅެގެން 25 ޕޮއިންޓު ހޯދައިގެން ފަސް ވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ.

ޓޮޓެންހަމް ވަނީ ފުލުގައި އޮތް ނޯވިޗް ސިޓީއާ ވާދަކޮށް 3-0 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ލޫކަސް މޯރާ އާއި ޑޭވިންސަން ސަންޗޭޒް އަދި ސޮން ހެއުން މިން އެވެ.

ލީޑްސް ޔުނައިޓެޑް ވަނީ މިރޭ ބްރެންޓްފޯޑާ ވާދަކޮށް 2-2 އިން އެއްވަރު ކޮށްގެން ޕޮއިންޓެއް ހޯދައިފަ އެވެ. ބްރެންޓްފޯޑް މެޗުން މޮޅުވާން ދަނިކޮށް ލީޑްސް އަށް އެއްވަރުކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ އެންމެ ފަހު މިނިޓުގައި، ޕެޓްރިކް ބެމްފޯޑެވެ.