05 ޑިސެމްބަރ 2021 - 22:17

މިހާރު ކުރިއަށްދާ ކުލަބް މޯލްޑިވްސް ކަޕުގެ ފިރިހެން ޑިވިޝަންގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ރަނަރަފް ވެމްކޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސް ވާދަކުރަން ޖެހިއްޖެ އެވެ.

ދެވަނަ ބުރުގެ ގުރު ނެގުމުގައި ކްލަބް މޯލްޑިވްސް އިން އަމަލުކޮށްފައި ވަނީ ޕޮޓް އުސޫލަށެވެ. ޕޮޓް އެކެއްގައި ހިމަނާފައި ވަނީ ގުރޫޕް އޭ އިން ފެށިގެން ޑީއާ ހަމައަށް ކޮންމެ ގުރޫޕެއްގައި ވެސް ހިމެނޭ އެއްވަނަ ޓީމެވެ. ޕޮޓް އެކެއްގެ ޓީމުތައް ވާދަކުރަން ޖެހޭނީ ޕޮޓް ތިނެއްގެ ޓީމުތަކާ އެވެ. ޕޮޓް ތިނެއްގައި ހިމަނާފައި ވަނީ ގުރޫޕް އީން ފެށިގެން ގުރޫޕް އެޗްއާ ހަމައަށް ކޮންމެ ގުރޫޕެއްގެ ދެވަނަ ހޯދި ޓީމުތަކެވެ. ޕޮޓް ދޭއްގައި ހިމަނާފައި ވަނީ ގުރޫޕް އީން ފެށިގެން އެޗްއާ ހަމައަށް ގުރޫޕްގެ އެއްވަނަ ހޯދި ޓީމުތަކެވެ. ޕޮޓް ދޭއްގައި ހިމެނޭ ޓީމުތައް ވާދަކުރަން ޖެހޭނީ ޕޮޓް ހަތަރެއްގައި ހިމެނޭ ޓީމުތަކާ ދެކޮޅަށެވެ. ޕޮޓް ހަތަރެއްގައި ހިމަނާފައި ވަނީ ގުރޫޕް އޭ އިން ފެށިގެން ޑީއާ ހަމައަށް ކޮންމެ ގުރޫޕެއްގެ ދެވަނަ ހޯދި ޓީމުތަކެވެ.
ގުރޫޕް ސީގެ އެއްވަނަ ހޯދި ޓީމު ވެމްކޯ އާއި ގުރޫޕް އީގެ ދެވަނަ ހޯދި ފިއުލް ސަޕްލައި ވާދަކުރާ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ. އެ މެޗު ފަށާނީ އެ ރޭ 9:30 ގަ އެވެ. އެކަމަކު ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގުރޫޕް ބީގެ އެއްވަނަ ހޯދި ޕޮލިސް ކްލަބާއި ގުރޫޕް އެފްގެ ދެވަނަ ހޯދި ޕްރިޒަން އެވެ. އެ މެޗު ފަށާނީ ބުދަ ދުވަހުގެ ރޭ 8:15 ގަ އެވެ. ހަމަ އެ ގަޑީގައި ގުރޫޕް އޭގެ އެއްވަނަ ހޯދި އެއާޕޯޓްސް ކޮމްޕެނީ އާއި ގުރޫޕް އެޗްގެ ދެވަނަ ހޯދި އެމްޓީސީސީ ވާދަކުރާނެ އެވެ. އެ ރޭގެ 9:30 ގައި ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ ގުރޫޕް ޑީގެ އެއްވަނަ ހޯދި އެޗްޑީސީ އާއި ގުރޫޕް ޖީގެ ދެވަނަ ހޯދި ސިފައިންނެވެ.
ދެވަނަ ބުރުގައި ކުޅޭ އަނެއް ހަތަރު މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ. އެ ރޭ 8:15 ގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ގުރޫޕް ޖީގެ އެއްވަނަ ހޯދި އެމްޕީއޭލް އާއި ގުރޫޕް އޭގެ ދެވަނަ ހޯދި އުރީދޫ އެވެ. ހަމަ އެގަޑީގައި ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ ގުރޫޕް އީގެ އެއްވަނަ ހޯދި ދިރާގާއި ގުރޫޕް ޑީގެ ދެވަނަ ހޯދި ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނެވެ. އެރޭ 9:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ގުރޫޕް އެޗްގެ އެއްވަނަ ހޯދި އެސްޓީއޯ އާއި ގުރޫޕް ބީގެ ދެވަނަ ހޯދި ޓްރޭޑެވެ. ދެވަނަ ބުރުގެ އެންމެ ފަހު މެޗުގައި ވާދަކުރާނީ ގުރޫޕް އެފްގެ އެއްވަނަ ހޯދި ފެނަކަ އާއި ގުރޫޕް ސީގެ ދެވަނަ ހޯދި ސްޓެލްކޯ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ މެޗެއް ވެސް ކާމިޔާބު ކުރާ ޓީމެވެ. ކުއާޓާ ފައިނަލްގެ ކުރިން ވެސް ގުރު ނެގުން އޮންނާނެ އެވެ.