މިއީ ލ. އަތޮޅުގެ މިއުޒިކީ ލެޖެންޑު!
މިއީ ލ. އަތޮޅުގެ މިއުޒިކީ ލެޖެންޑު!

ކަށިކެޔޮ ގަހުގެ ލަކުޑި ބުރިކޮށް އޭގެ ދެ ފަރާތުގައި ފޮތި އައްސައި އެ ޖަހައިގެން އުޅުނުއިރު އަބްދުއްރަހުމާންގެ އުމުރުން ވަރަށް ހަގެވެ. އޭރު ލ. އަތޮޅުގައި މިއުޒިކްގެ ފޯރިއެއް ވެސް ނެތެވެ. އެކަމަކު އުފަން ރަށް، ލ. ކުނަހަންދޫގައި އަމިއްލަ އަށް ލަވަ ހަދައި، ބެރު ޖަހަން ފެށުމާ އެކު އޭނާގެ ނަން އަތޮޅުގެ އެހެން ރަށްތަކުގައި ވިދަން ފެށި އެވެ.

އެއާއެކު، ހާއްސަ ދުވަސްތައް ފާހަގަކުރުމަށާއި މިއުޒިކް ޝޯތައް ބޭއްވުމަށް އެ އަތޮޅުގެ ރަށްތަކާއި ކައިރި ހިސާބުތަކުން، 70 އަހަރުން މަތީގެ އަބްދުއްރަހުމާނަށް ދައުވަތު ލިބެން ފެށި އެވެ.

އަބްދުއްރަހުމާން ބުނާގޮތުން، ލ. އަތޮޅުގައި އެންމެ ފުރަތަމަ ބެރު ޖަހަން ފެށީ އޭނާ އެވެ. ބެރަށް ފަހު އޮނުފަތި ބޭނުންކޮށްގެން، މިއުޒިކްގެ ތެރޭގައި ބޭނުންކުރާ އާލާތްތައް އިތުރުކުރަމުން ދިޔަ އެވެ.

"އަޅުގަނޑަކީ ކުޅިވަރުގައި މުޅި ދުނިޔެ ހޭދަކުރި މީހެއް،" ވަރަށް ރީތިކޮށް ފަރިހި ވެސް ކިޔާ އަބްދުއްރަހުމާން ބުންޏެވެ.

މިދިޔަ މަހުގެ 19 ގައި އަވަހާރަވި، މި ފަހުގެ ތާރީހުގައި ރާއްޖެ ދުށް އެންމެ ކުޅަދާނަ ލަވަކިޔުންތެރިޔާ ހޮޅުދޫ އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) ލ. އަތޮޅުގައި ޝޯއެއް ދިނުމުގައި ވެސް އޭނާ ބައިވެރިވި އެވެ.

އުމުރުން ދުވަސްވުމުން މިއުޒިކް ޝޯތައް ދިނުމަށް ރަށްރަށަށް ނުދިޔަ ނަމަވެސް ކުނަހަންދޫގައި މިހާރު ވެސް ކުލަގަދަކޮށް އީދު ފާހަގަކުރުމުގައި އަބްދުއްރަހްމާން މުހިއްމު ދައުރެއް އަދާކުރެ އެވެ.

މިއީ، މިހާރު ފަސް ދަރިންނާއި ކާފަ ކިޔާ 14 ދަރިން ތިބި އަބްދުއްރަހުމާން، އޭނާގެ މިއުޒިކީ ހަޔާތާ ބެހޭ ގޮތުން ދިން މުހިންމު އިންޓަވިއުއެއްގެ ވީޑިއޯއެކެވެ.