05 ޑިސެމްބަރ 2021 - 17:49

ބަހްރޭންގައި މިހާރު ކުރިއަށްދާ އޭޝިއާ ޔޫތު ޕެރަ ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި ބަންގްލަދޭޝްގެ ޝޮރްމީ މޮޒުމަޑާރް ބަލިކޮށް ޕެރަ ބެޑްމިންޓަންގެ އިންޓަނޭޝަނަލް އިވެންޓަކުން ހައްވާ އީޝަލް ރިޔާޒު ރާއްޖެ އަށް ފުރަތަމަ މޮޅު ހޯދައިދީފި އެވެ.
ޕެރަ ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ ބެޑްމިންޓަން އިން އެކަންޏެވެ. އެ ފުރުސަތު ދިނީ އީޝަލް އަށެވެ. އީޝަލް އަށް ދިން ފުރުސަތުގައި އޭނާ ވަނީ އިންޓަނޭޝަނަލް ޕެރަ އިވެންޓެއްގައި ރާއްޖެ އަށް ފުރަތަމަ މޮޅު ހޯދައިދިން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
ބަންގްލަދޭޝްގެ ޝޮރްމީގެ މައްޗަށް އީޝަލް ކާމިޔާބު ހޯދީ ސީދާ ދެ ސެޓުންނެވެ. އޭނާ ސެޓްތައް ގެންދިޔައީ 21-18 އަދި 21-13 އިންނެެވެ.
"މިއަދަކީ ރާއްޖޭގެ ތާރީހުގައި ފާހަގަ ކުރެވޭނެ ދުވަހެއް. ހައްވާ އީޝަލްގެ މި ކާމިޔާބަކީ އިންޓަނޭޝަނަލް ޕެރަ ބެޑްމިންޓަން އިވެންޓެއްގައި ރާއްޖެ އަށް ފުރަތަމަ ފަހަރަށް މެޗެއް ކާމިޔާބު ކުރެވުނު ދުވަސް،" ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން ކުރި ޓްވީޓްގައި ބުނެފައިވެ އެވެ. އީޝަލްގެ ކާމިޔާބަށް، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ބަންގްލަދޭޝް ކުޅުންތެރިޔާއާ ދެކޮޅަށް މެޗު ކާމިޔާބު ކުރުމުގެ ކުރިން ވެސް އީޝަލް ވަނީ ރާއްޖޭގެ ތާރީހުން ޖާގަ ހޯދައިފަ އެވެ. އޭނާ އަކީ އިންޓަނޭޝަނަލް ޕެރަ މަލްޓި ސްޕޯޓްސް ގޭމްސްއެއްގައި ބެޑްމިންޓަން އިން ރާއްޖެ ތަމްސީލު ކުރާ ފުރަތަމަ އެތުލީޓެވެ.
މި އަހަރަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި ފާހަގަ ކުރެވޭ އަހަރެކެވެ. އޮލިމްޕިކްސްގެ ޕެރަ ކެޓަގެރީ ނުވަތަ ޕެރަ ލިމްޕިކްސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ވާދަކުރި އެވެ. އެ ފުރުސަތު ދިނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ޕެރަ ދުވުމުން ލޯ މެޑަލް ހޯދި މާޒިން އަށާއި އަންހެން ދުވުންތެރިޔާ ފާތިމަތު އަހުމަދަށެވެ. ކަނޑައެޅިފައިވާ ވަގުތުގެ ތެރޭ ފާތުން ރޭސް ފުރިހަމަކޮށް އޭނާ ވެފައި ވަނީ ޕެރަ ލިމްޕިކްސް އިވެންޓެއް ފުރިހަމަ ކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.