ހަތަރެސްފައިގައި 26 އިނގިލި، އެކަމަކު ޝަކުވާއެއް ނެތް
ހަތަރެސްފައިގައި 26 އިނގިލި، އެކަމަކު ޝަކުވާއެއް ނެތް

އުފަން ވީއިރު ވެސް ހަތަރެސްފައިގައި 26 އިނގިލި ހުރި 14 އަހަރުގެ ފިރިހެން ކުއްޖަކަށް، "ބޯވާއެކޭ" ގޮވައި ބުލީކުރާތީ އެ އިހުސާސްތައް ކިޔައިދީފި އެވެ. އެކަމަކު އޮމަރު މާޓިނޭޒް ބުނީ އޭނާގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.

ހަތަރެސްފައިގައި 26 އިނގިލި، އެކަމަކު ޝަކުވާއެއް ނެތް
ހަތަރެސްފައިގައި 26 އިނގިލި، އެކަމަކު ޝަކުވާއެއް ނެތް

އޭނާގެ ހަތަރެސްފައިގެ އިނގި ގިނަކަމުން މާޓިނޭޒްއާ ދިމާއަށް ވަރަށް ގިނަ މީހުން ހައިރާންވެގެން ބަލަ އެވެ.

އޮމަރުގެ އުމުރުގެ އެހެން ކުދިން ކޮންމެ ދުވަހަކު ސްކޫލަށް ދިޔަސް، އޭނާ އަށް އުޅެން ޖެހިފައި ވަނީ ކޮއްކޮމެން ބެލުމާއި ޖަންގަލި ތެރެއަށް ވަދެ ލަކުޑި ކަނޑައިގެން ވިއްކުމާއި އެނޫން ވެސް މަސައްކަތްތަކުގައި އުޅޭށެވެ. އެހެން ނޫނީ އޭނާ އާއި ކޮއްކޮމެންނަށް ދުނިޔެއަކު ނުތިބެވޭނެ އެވެ.

އެލް ސެލްވަޑޯގެ މި ކުއްޖާގެ މައިންބަފައިން ވަނީ މަރުވެފަ އެވެ. އޭނާ އަކީ ހުރި ހަމައެކަނި ބޭބެ ކަމުން އަނެއް ތިން ކުދިން ބެލުމުގެ ޒިންމާ ނަގަނީ އޮމަރެވެ. މިގޮތަށް އާއިލާ ބެލުމުގެ ޒިންމާ އަދާކުރަމުން އަންނަތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އޮމަރު ބުނި ގޮތުގައި ހަތަރެސްފައިގެ އިނގިލިތައް ގިނަވުމުގެ ސަބަބުން އޭނާގެ ރަހުމަތްތެރިޔަކު ނެތެވެ. އެއްވެސް ކުއްޖަކު އޭނާއާ އެކު ކުޅޭކަށް ބޭނުމެއް ނުވެ އެވެ.

އޮމަރުގެ ކާފަ އާއި ބައްޕަގެ ވެސް ހަތަރެސްފައިގެ އިނގިލިތައް ގިނަ އެވެ. އެހެންކަމުން ޔަގީންވަނީ އެއީ ވާރުތަވާ ކަމެއް ކަމަށެވެ.

އޮމަރު ދަންނަ ޑޮކްޓަރަކު ބުނީ އޭނާގެ ބައްޕަ އާއި ކާފަގެ ވެސް އެ މައްސަލަ ހުންނާތީ ބައެއް ދަރިންނަށް އެކަން ދިމާވެދާނެ ކަމަށް ކުރިން ވެސް ގަބޫލުކުރި ކަމަށެވެ. ނަމަވެސް އޭނާ އަށް އެހެން މީހުން ބަލާތީ އޮމަރަށް އުނދަގޫވާ ކަމަށް އެ ޑޮކްޓަރު ވެސް ބުންޏެވެ.

އެއް އުމުރުގެ ކުދިން މަލާމާތްކޮށް ހަނގާ ކުރިޔަސް ގިނަ މީހުން އޮމަރުގެ ހަތަރެސްފަޔަށް ބަލަނީ އެ ނިޔަތަކު ނޫނެވެ. އިންސާނެއްގެ ފަރާތުން އާއްމުކޮށް ނުފެންނަ ސިފަތަކެއް ހުރުމުންނެވެ.

އޮމަރު ބުނި ގޮތުގައި އިނގިލިތައް ގިނަވިޔަސް އޭނާއަކަށް އުނދަގުލެއް ނުވެ އެވެ. އަދި އެހެން މީހުން ބޭނުންކުރާ ގޮތަށް އޭނާ ވެސް ހަތަރެސްފައި ބޭނުންކުރެ އެވެ.

އޮމަރުގެ ހަގަށް ތިބީ ތިން އަންހެންކުދިންނެވެ. އާއިލާގެ ދިރިހުރުމަށް އޭނާ ކުރާ މަސައްކަތް ބުރަ އެވެ. އެހީވާނެ އެހެން ބަޔަކު ނެތެވެ.

އޮމަރުގެ މައިންބަފައިން މަރުވީ މީގެ ތިން އަހަރު ކުރިން ގުދުރަތީ މަރަކުންނެވެ. އޮމަރުގެ ތައުލީމީ ހަޔާތް ގުރުބާންކުރީ އެހާ ހިސާބުންނެވެ.

އެންމެ 14 އަހަރުގައި ވެސް އޮމަރުގެ އެއްވެސް ހިތާމައެއް، ޝަކުވާއެއް ނެތެވެ. ހުސް ފުޅި ފަދަ އެއްޗެހި ބޭނުންކޮށްގެން ކޮއްކޮމެން ކުޅޭތަން ބަލަން އިންނައިރު އޭނާގެ މިވަގުތު އޮތީ އެންމެ ހުވަފެނެކެވެ: ބައިސްކަލެއް ހޯދުމެވެ.