ކްލިކް ކޮލެޖުން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވި ހަރަކާތެއްގައި ނަސާރާ ދީނުގެ ލަވައެއް ޖެހި މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ނަސާރާ ދީނުގެ ލަވައެއް ޖެހި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ހަރަކާތްތަކުގައި އެފަދަ ކަންކަން ކުރުމަކީ ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކަމެއްކަން ހަނދާންކޮށްދެމުން މިނިސްޓްރީން ވަނީ އެކި ހަރަކާތްތައް އިންތިޒާމު ކުރާ ފަރަތްތަކުން އިސްލާމް ދީނާ ހިލާފު ކަންކަން ނުހިނގާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

"ކިޑްސް ސްޕޯޓްސް ފެސްޓިވަލް"ގެ ނަމުގައި ކްލިކް ކޮލެޖުން ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މާޝަލް އާޓްސް ހަރަކާތުގައި ނަސާރާ ދީނުގެ ލަވައެއް ޖެހިކަން އާއްމުންގެ ސަމާލުކަމަށް އައިސް، އެ ހަރަކާތުގެ ވީޑިއޯތައް، ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

މަދަނީ ޖަމިއްްޔާތަކެއް ގުޅިގެން އުފައްދާފައިވާ "ރައްޔިތުންގެ އިއްތިހާދު" އިން ވެސް އެކަން ފުލުހަށް މީގެ ކުރިން ހުށަހަޅާފައިވެ އެވެ.

އެކަމާ ގުޅިގެން އެ ކޮލެޖުން ބުނީ އެ ހަރަކާތުގައި ނަސާރާ ދީނުގެ ލަވައެއް ޖެހީ ގަސްދުގައި ނޫން ކަމަށެވެ. އިވެންޓުގެ ސައުންޑް ކަންތަކާ ހަވާލުވެ ތިބި ފަރާތްކަށްް އެކަން އެނގުމުން ލަވަ ބަދަލުކޮށްފައިވާ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.