05 ޑިސެމްބަރ 2021 - 15:52

ދިވެހިންނަށް އަމާޒުކޮށްގެން، އެހެން ދީންތައް ފަތުރައި ދީނީ އެއްބައިވަންތަކަމާ ދެކޮޅަށް ހިންގާ ވެބްސައިޓްތަކާއި ޕޭޖްތަކާއި އެޕްލިކޭޝަންތަކާއި ޗެނަލްތައް ހުއްޓުވަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އަދި ތަންފީޒު ނުވާ ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޣައިރު ދީންތަކަށް ދިވެހިން ވެއްދުމުގެ ބޭނުމުގައި ދިވެހި ބަހުން ކޮންޓެންޓް ހަދައިގެން ސޯޝަލް މީޑިއާގައި ހިންގަމުން އަންނަ ޕޭޖުތައް ހުއްޓުވުމަށް ނެރުނު އަމުރާ ގުޅިގެން އެ އަމުރު ތަންފީޒުކުރަން، އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކަށް ފުލުހުން ދިނީ 72 ގަޑިއިރެވެ.
ކޯޓު އަމުރު ނެރެ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ފުލުހުން ވަނީ އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކަށް ސިޓީ ފޮނުވައި އަމުރު ތަންފީޒުކުރަން އަންގައިފަ އެވެ. މި އެންގުމާ ހިލާފުވެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.
މި މުހުލަތު ހަމަވެފައި ވާއިރު، ފުލުހުން ބުނީ ޓެކްނިކަލް މަސައްކަތްތަކެއް ކުރާތީ އެކަމަށް އަދި ވަގުތު ނަގާނެ ކަމަށެވެ. ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އަދި އިސްލާމިކް މިނިސްޓްރީގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން އެކަން ތަންފީޒުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދީނާ ދެކޮޅު ކޮންޓެންޓް ރާއްޖޭގައި ބްލޮކް ކުރަން ފުލުހުން އަމުރު ހޯދާފައިވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން ދީންތައް ފެތުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ރޭވިގެން ކުރަމުންދާތާ އެތައް ދުވަހެއް ވެފައިވާއިރު، އެކަމާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ބުނެ އާންމުން ކަންބޮޑުވުންވުން ފާޅުކުރެ އެވެ.