05 ޑިސެމްބަރ 2021 - 12:02

އީރާނުގެ ނަތާންޒްގައި ހުންނަ ނިއުކްލިއާ އިންޖީނުގެ ކައިރީގައި، ރޭ އިރާކޮޅު ބާރުގަދަ ގޮވުމެއް ގޮވުމުގެ ސަބަބުން އެތައް ބަޔަކަށް ހާސްކަމާއި ނުތަނަވަސްކަން ކުރިމަތިވެއްޖެ އެވެ.
މީގެ ކުރިން ވެސް ކޮން ބައެއްކަން ނޭނގޭ ބަޔެއްގެ ހަމަލާއެއް އަމާޒުވެފައިވާ މި އިންޖީނުގެ ކައިރީގައި ބާރުގަދަ އެއްޗެއް ގޮވުމާ އެކު، އެ ސަރަހައްދުގެ އާންމުން ގެތަކަށް ވަދެ އަމާންކަން ހޯދި އެވެ. ގިނަ މީހުންނަށް ގަބޫލުކުރެވުނީ، ދުޝްމަނުންގެ ބަޔަކު ޑްރޯން މަތިންދާބޯޓެއް ބޭނުންކޮށްގެން، އެ އިންޖީނުގެއަށް މިސައިލް ހަމަލާއެއް ދިނީ ކަމަށެވެ.
ބާރުގަދަ ގޮވުމާ ގުޅިގެން ވެސް އެ ސަރަހައްދުގައި އީރާނުގެ ސިފައިންނާއި ފުލުހުންގެ މާ ބޮޑު ހަރަކާތްތަކެއް ފެނިފައެއް ނުވެ އެވެ. އޭގެ ފަހުން އީރާނުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި، އެ ގޮވުމަކީ އެ ސަރަހައްދުގައި އީރާންގެ ސަލާމަތީ ބާރުތަކުން، ދުރާލައި ތައްޔާރުވެގެން ހިންގި އަޖުމަ ބެލުމުގެ ހަރަކާތެއް ކަމަށެވެ.
މަންޒަރު ދުށް އާންމުން ބުނި ގޮތުގައި އެއްޗެއް ގޮވި އަޑާއެކު، މުޅި ނަތާންޒް ސަރަހައްދުގެ އުޑުމައްޗަށް ގަދަ އައްޔެއް އަރައިގެން ދިޔަ އެވެ. އަދި އެ އެއްޗެއް ގޮވީ، ނަތާންޒްގައި ހުންނަ، ޔޫރޭނިއަމް ފައްކާކުރާ އެކުވެންޏާ ވަރަށް ކައިރިން ކަމަށް ވެސް މަންޒަރު ދުށް މީހުން ބުނެ އެވެ.
މަންޒަރު ދުށް އެހެން ބައެއް މީހުން ބުނި ގޮތުގައި، އެއީ ނިއުކްލިއާ އިންޖީނުގެއަށް ހަމަލާއެއް ދޭން އުޅުނު ޑްރޯނެއް ވައްޓައިލުމަށް، އީރާނުގެ ސިފައިން ބިމުން ވައިގެ ތެރެއަށް ފޮނުވައިލި މިސައިލެއް ގޮވި އަޑެވެ.
އީރާންގެ ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި، ނަތާންޒް ސަރަހައްދުގައި ރޭ އިރާކޮޅު ސިފައިން ބޭއްވި އަސްކަރީ ތަމްރީނުތަކެއްގައި، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ވައިގެ ތެރެއަށް މިސައިލެއް ފޮނުވައިލި އެވެ. އަދި އެ ވަގުތު އިވުނު ބާރުގަދަ ގޮވުމުގެ އަޑަކީ އެ މިސައިލް އޭގެ އަމާޒަށް ގޮސް ގޮވުމުން އިވުނު އަޑެއް ކަމަށް ވެސް ސަލާމަތީ ބާރުތަކުން ބުނެ އެވެ.
ސަރުކާރު ޓީވީން ބުނި ގޮތުގައި މިއީ ދުރާލައި ރާވައިގެން އަދި އާންމުންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކުރިއަށް ގެންދިޔަ ތަމްރީނެކެވެ. އީރާންގެ ނިއުކްލިއާ މަޝްރޫއަށް ހުރަސް އެޅުމުގެ ގޮތުން، އެ ގައުމުގެ ނިއުކްލިއާ ކާރުހާނާތަކަށް ހަމަލާ ދޭނެ ކަމަށް އިޒްރޭލުން ތަކުރާރުކޮށް ބުނަމުންދާ ދުވަސްވަރެއްގައި މިފަދަ ކަމެއް ހިނގުމުން، ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނީ އިޒްރޭލުން މިސައިލް ހަމަލާއެއް ދިނީ ކަމަށެވެ.
އީރާނުން ނިއުކްލިއާ މަޝްރޫއެއް ކުރިއަށް ގެންދަނީ، ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގޮތުން ކަމަށް، އެމެރިކާ އާއި އިޒްރޭލުން ތުހުމަތު ކުރެ އެވެ. ނަމަވެސް އީރާނުން ބުނާ ގޮތުގައި އެ ގައުމުގެ ނިއުކްލިއާ މަޝްރޫއުގެ އަމާޒަކީ އެ ގައުމަށް ބޭނުންވާ ކަރަންޓު އުފެއްދުމެވެ.