05 ޑިސެމްބަރ 2021 - 12:21

މިލާން (ޑިސެމްބަރު) - އިޓާލިއަން ސިރީ އާގައި ޓޭބަލްގެ އެއް ވަނައިގައި ލީޑު ކުރަމުން ދިޔަ ނަޕޯލީ ރޭ އަމިއްލަ ދަނޑުގައި އެޓަލާންޓާ އަތުން ބަލިވުމުން، ރޭ ސަލެނިޓާނާ ބަލިކުރި އޭސީ މިލާން ޓޭބަލްގެ އެންމެ ކުރިޔައް ޖެހިލައިފި އެވެ.

އޭސީ މިލާން ވަނީ ރޭ ނަޕޯލީން އެޓަލާންޓާ އަތުން ބަލިވުމުގެ ކުރިން، ލީގުގެ ފުލުގައި އޮތް ސަލެނިޓާނާ އާ ވާދަކޮށް 0-2 އިން މޮޅުވެފަ އެވެ. މެޗުގައި މިލާނުން ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅުގަ އެވެ.
މި ނަތީޖާއާ އެކު އޭސީ މިލާން އެއްވަނައިގައި އޮތީ ކުޅުނު 16 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ ރޭ އޭއެސް ރޯމާ ބަލިކުރި އިންޓަ މިލާނެވެ. ނަޕޯލީން ރޭ އެޓަލާންޓާ އަތުން ބަލިވުމުން ވަނީ ޓޭބަލްގެ ތިންވަނައަށް ވެއްޓިފަ އެވެ. ނަޕޯލީ ތިންވަނައިގައި އޮތީ 36 ފޮއިންޓާ އެކު އެވެ.
އޭސީ މިލާނުން މެޗުގައި ޖެހި ފުރަތަމަ ލަނޑު ފަސްވަނަ މިނެޓްގައި ފުރޭންކް ކެސިއޭ ޖަހައިދިން އިރު، 18 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖެހީ އެލެކްސިސް ސޭލްމޭކާސް އެވެ.
އެޓަލާންޓާ އިން ނަޕޯލީ ބަލިކުރީ 2-3 އިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އެޓަލާންޓާ އެވެ. އެ ޓީމަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު ރުސްލަން މަލިނޯވްސްކީ މެޗުގެ ހަތްވަނަ މިނިޓުގައި ލަނޑު ޖަހައިދީފައިވަނިކޮށް، ހާފު ނިމުމުގެ ކުރިން ނަޕޯލީއަށް އެއްވަރު ކޮށްދިނީ ޕިއޮޓްރޭ ޒިއެލިންސްކީ އެވެ.
ފަހު ހާފު ފެށިގެން ދެވަނަ މިނިޓުގައި ޑްރީސް މާޓެންސް ނަޕޯލީ އަށް ލީޑު ނަގައިދިން ނަމަވެސް އެޓްލާންޓާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަޕޯލީ ބަލިކޮށްފަ އެވެ. ތުރުކީ ޑިފެންޑަރު މެރީ ޑެމިރާލް މެޗުގެ 66 މިނިޓުގައި އެޓަލާންޓާ އަށް އެއްވަރުކޮށްދިން އިރު، ވމޮޅުވި ލަނޑު 71 ވަނަ މިނެޓްގައި ޖަހައިދިނީ ސްވިޒްލޭންޑް މިޑްފީލްޑަރު ރެމޯ ފްރޯލާ އެވެ.