އަޕްގްރޭޑިންގެ ސަބަބުން ދެން ހިދުމަތް މެދެއް ނުކެނޑޭނެ: ބީއެމްއެލް
އަޕްގްރޭޑިންގެ ސަބަބުން ދެން ހިދުމަތް މެދެއް ނުކެނޑޭނެ: ބީއެމްއެލް

ސިސްޓަމް އަޕްގްރޭޑިންގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި ބޭންކުގެ ހިދުމަތްތައް މެދުކެނޑުނު ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ބޭންކުގެ ހިދުމަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓިމް ވިދާޅުވީ އަޕްގްރޭޑިންގައި ދިމާވި މައްސަލަ ހައްލުކޮށްފައިވާއިރު ދެން އޭގެ ސަބަބުން ހިދުމަތްތައް މެދުނުކެނޑޭނެ ކަމަށެވެ. އަދި މި މައްސަލަ ދިމާވާން މެދުވެރިވި ސަބަބު ބަލައި، ރިވިއު ކުރުމަށްފަހު އެކަން ތަކުރާރުވިޔަ ނުދޭން ބަދަލުތައް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓިމް ވަނީ ހިދުމަތްތައް މެދުކެނޑުމުގެ ސަބަބުން ބޭންކުގެ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދިފަ އެވެ. އަދި ހިދުމަތްތައް މެދުކެނޑުނު ވަގުތު ޓްރާންސެކްޝަންތަކުގައި އެއްވެސް މައްސަލައެއް ދިމާވެފައިވާ ނަމަ އެކަން އިންޓަނެޓް ބޭންކިންގެ ޒަރީއާއިން ނުވަތަ މޯބައިލް ބޭންކިން އެޕުން މެސެޖު ފޮނުވުމަށް އޭނާ އެދުނެވެ.

"ނޮވެމްބަރު 21 ވަނަ ދުވަހު ބޭންކުގެ ކޯ ބޭންކިން ސިސްޓަމް ޓެކްނިކަލް އަޕްގްރޭޑިންގެ މަސައްކަތް ކާމިޔާބުކަމާ އެކު ނިންމާލެވުނު. އެކަމަކު އަޕްގްރޭޑުގެ މަސައްކަތަށް ފަހު ދިމާވި މައްސަލަތަކާ ގުޅިގެން ދޭތެރެ ދޭތެރެއިން ހިދުމަތްތައް މެދުކެނޑުނު. މިހާރު ހުރިހާ ސިސްޓަމެއް ވެސް ސްޓޭބަލްވެފައި ވަނީ. އަދި އަޅުގަނޑުމެންގެ ސްޓާފުން ދަނީ މޮނިޓަ ކުރަމުން. އަޕްގްރޭޑިންގެ ސަބަބުން ދެން ހިދުމަތް މެދުނުކެނޑޭނެ،" ޓިމް ވިދާޅުވި އެވެ.

އަޕްގްރޭޑިން މަސައްކަތުގެ ސަބަބުން ހިދުމަތްތައް މެދުނުކެނޑުނު ނަމަވެސް މެއިންޓަނެންސްގެ ސަބަބުން ވަކި ވަގުތަކަށް ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށް ވެސް ޓިމް ވިދާޅުވި އެވެ. މެއިންޓަނެންސްގެ މަސައްކަތް ތާވަލު ކުރާނަމަ އެކަން ކަސްޓަމަރުންނަށް ކުރިން އަންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިސްޓަމް އަޕްގްރޭޑު ކުރުމުގެ މަސައްކަތަކީ ފަހުގެ ޓެކްނޮލޮޖީ އާއި ހިދުމަތްތައް ފުރިހަމަ ކުރުމަށް ދުނިޔޭގެ ހުރިހާ ބޭންކަކުން ވެސް ކުރަމުން އަންނަ ކަމެކެވެ. މި އަޕްގްރޭޑަށް ފަހު ބޭންކުތަކުގައި ބައެއް ފަހަރު މައްސަލަތައް ދިމާވާ ކަމަށް ވެސް ޓިމް ވިދާޅުވި އެވެ.