05 ޑިސެމްބަރ 2021 - 11:40

ހަށި ވިއްކަނިކޮށް ލޯބިވެރިޔާ އަށް ފަޅާއެރުމުން، މާރާމާރީ ހިންގައި ފޭރުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފައި ވާއިރު މި މައްސަލާގައި ހިމެނޭ، ހަށިވިއްކި އަންހެން މީހާ އަކީ މިދިޔަ އޭޕްރީލް މަހު ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނެ ފުލުހުން މައްސަލަ ބެލި އަންހެން މީހާކަން އެނގިއްޖެ އެވެ.
އުމުރުން 20 އަހަރުގެ މި އަންހެން މީހާ މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ރޭ މަގުމަތިން ދަނިކޮށް ދެ ފިރިހެނަކު ވެގެން ހިފަހައްޓައި އުފުލާލައިގެން ގެންގޮސް ކޮޓަރިއަކަށް ވައްދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ވެސް އާންމުވި އެވެ. މި މައްސަލާގައި ދެ ފިރިހެނަކު ހައްޔަރުކޮށް މަހެއްހާ ދުވަސް ވަންދެން ބަންދުގައި ގެންގުޅުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
މި އަންހެން މީހާ މިފަހަރު ހައްޔަރުކުރީ ދެ ފިރިހެނަކާ ބައިވެރިވެގެން އެހެން ފިރިހެނެއްގެ އަތުން ފޭރުނު ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ. މިއީ ދުރާލައި ރާވައިގެން ހިންގި އަމަލެއް ކަމަށް ފުލުހުން އިއްޔެ ކްރިމިނަލް ކޯޓުގައި ބުނި ނަމަވެސް އަންހެން މީހާ ބުނީ ފޭރުމަކާ ހިސާބަށް ދިޔައީ އޭނާ ހަށިވިއްކަން އެއްބަސްވެ ފިރިހެނަކު ގެނެސް އޭނާއާ އެކު އޮއްވައި ލޯބިވެރިޔާ އަށް ފަޅައިއެރުމުން ކަމަށެވެ. މި ދެ މީހުން އެއްކޮށް ތިއްބާ އަންހެން މީހާގެ ލޯބިވެރިޔާ އާއި އެހެން ފިރިހެނަކު ވަދެ ބިރު ދައްކައި އަނިޔާކުރުމަށް ފަހު 12،000ރ. އަތުލާފައިވެ އެވެ.
އަންހެން މީހާ ކައިރިއަށް ހަށި ގަންނަން ދިޔައީ ފުލުހެކެވެ.
މި އަންހެން މީހާ އަކީ ޑްރަގްސް އެޑިކްޓަކަށް ވާތީ އޭނާ އަށް ފަރުވާ ދޭން ރިހެބަށް ވެސް އޭރު ގެންދިޔަ އެވެ. ނަމަވެސް ފަހުން ވީ ގޮތެއް ނޭނގެ އެވެ.
ހަށިވިއްކި ކަމަށް އަންހެން މީހާ ކޯޓުގައި ބުންޏަސް އޭނާއާ ދެކޮޅަށް އެކަމާ ގުޅޭ ތުހުމަތެއް ނުކުރެ އެވެ. އަންހެން މީހާގެ އިތުރުން ދެން ހައްޔަރުކުރި 31 އަހަރުގެ ފިރިހެން މީހާ އާއި 35 އަހަރުގެ ފިރިހެން މީހާ އަށް ވެސް ކޮށްފައިވަނީ ބިރު ދެއްކުމާއި ޖެހުމާއި ފޭރުމުގެ ތުހުމަތެވެ.
މިއީ ފޭރުމުގެ ބޭނުމުގައި ރާވައިގެން ހިންގި އަމަލެއް ކަމަށް ކުރާ ތުހުމަތަށް ތިން މީހުން ވެސް ވަނީ އިންކާރުކޮށްފަ އެވެ.
ވަޅި ވެސް ބޭނުންކޮށްގެން ބިރު ދައްކައި ފޭރުނު މައްސަލާގައި ފުލުހުން ހުށަހަޅާފައިވާ ހެއްކާއި ތުހުމަތުވާ މީހުން ކޯޓުގައި ދެއްކި ވާހަކަތަކަށް ބަލައި ކޯޓުން އިއްޔެ ވަނީ ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް އިތުރުކޮށްދީފަ އެވެ.