"ދޯސްތާނާ 2" އިން ވަކިކުރި ވާހަކަ ދައްކަން ކާތިކް ބޭނުމެއް ނޫން
"ދޯސްތާނާ 2" އިން ވަކިކުރި ވާހަކަ ދައްކަން ކާތިކް ބޭނުމެއް ނޫން

މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ދޯސްތާނާ 2" އިން ވަކިކުރުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ބޮލީވުޑްގެ އުންމީދީ އެކްޓަރު ކާތިކް އާރިއަން ބުނެފި އެވެ.

"އެޖެންޑާ އާޖް ތަކް 2021" ގައި ވާހަކަ ދައްކަމުން އޭނާ ބުނީ އެ ފިލްމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކުމުގެ ޝައުވެރި ކަމެއް ނެތް ކަމަށެވެ. މީގެ ދެ އަހަރު ކުރިން ޝޫޓިން ފަށައި ގިނަ މަންޒަރުތަކެއް ނަގާފައި ވަނިކޮށް ކާތިކް "ދޯސްތާނާ 2" އިން ވަކިކުރި ސީދާ ސަބަބެއް ދަރުމާ ޕްރޮކްޑަކްޝަނުން ވެސް މިހާތަނަށް ހާމަކޮށްފަ އެވެ. އެހެންވެ ފިލްމު ކާތިކް ވަކިކުރި ސީދާ ސަބަބެއް އޮތީ ސާފުނުވެ އެވެ.

ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ފިލްމުން ވަކިކުރީ ބަތަލާ ޖާންވީ ކަޕޫރް ހިމަނައިގެން ފިލްމު ހަދާ ނަމަ އޭގައި މަސައްކަތް ނުކުރާނެ ކަމަށް ބުނެ ބޮޑާހޭކުމުންނެވެ. ޖާންވީ އާއި ކާތިކާ ދެމެދު ކުނިޖެހުނު ކަމަށް ވަނީ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދި އެ ގުޅުން ނިމުމަކަށް އައުމުން ކަމަށްވެ އެވެ. މީގެ އިތުރުން ބައެއް ނޫސްތަކުން ބުނީ ކާތިކް "ދޯސްތާނާ 2" އިން ވަކިކުރީ ޕްރޮފެޝަނަލްކަން ކުޑަވެގެން ކަމަށެވެ.

އޭނާ ފިލްމުން ވަކިކޮށް ދަރުމާ އިން ފިލްމަށް އެހެން އެކްޓަރަކު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ބުންޏަސް އެކަން އަދިވެސް އޮތީ ނުކުރެވި އެވެ. އަދި މިކަމާ ބެހޭ ގޮތުން މީޑިއާތަކުން ކަރަންއާ ސުވާލުކުރާ ކޮންމެ ފަހަރެއްގައި އޭނާ ބުނަނީ "ދޫތަޅުލައިގެން ހުރި" ކަމަށެވެ.

ކާތިކް ބުނި ގޮތުގައި ވަކި ސްޓޫޑިއޯއެއްގެ ފިލްމަކުން އޭނާ ވަކިކުރުމަކީ މާ ބޮޑު ކަމަކަށް ހަދާކަށް ބޭނުމެއް ނޫނެވެ. ސަބަބަކީ އޭނާ އަކީ އެއްވެސް ކޭމްޕަކަށް އެއްވެސް އިރެއްގައި ނިސްބަތްވާ މީހަކަށް ނުވުމެވެ.

"އަހަރެން މިހާރު މި ހުރިހާ ހިސާބަށް އައީ އަމިއްލަ ހުނަރާއި މަސައްކަތުން. އަހަންނަކީ އެއްވެސް ކޭމްޕަކަށް ނިސްބަތްވާ މީހެއް ނޫން. އަދި އެ މުސްތަގުބަލުގައި އެކަން އޮންނާނީ ހަމަ އެހެން." މި ވަގުތު ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރު ބުންޏެވެ.

ކާތިކް، 29، މިހާތަނަށް ގިނައިން މަސައްކަތް ކޮށްފައި ވަނީ ޑައިރެކްޓަރު ލަވް ރަންޖަނާ އެކީގަ އެވެ. އޭނާ ބޮލީވުޑަށް ނުކުތީ ލަވްގެ 2011 ގެ "ޕިޔާރު ކާ ޕަންޗްނާމާ" އިންނެވެ. އަދި ކާތިކަށް ކުރިން ނުލިބޭ ވަރުގެ މަޝްހޫރުކަމެއް ލިބުނީ ލަވް 2018 ގައި ގެނެސްދިން "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އިންނެވެ.

މިދިޔަ މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރި "ދަމާކާ" ގެ ބަތަލުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޫލް ބުލައްޔާ 2"، "ފްރެޑީ"، "ޝެހެޒާދާ"، "ކެޕްޓަން އިންޑިއާ" އަދި "ސަތިއަނާރަޔަން ކީ ކާތާ" ހިމެނެ އެވެ.

ކޮލިން ޑި ކަންހާ ޑައިރެކްޓްކުރާ "ދޯސްތާނާ 2" އަކީ ދަރުމާ އިން 2008 ގައި ގެނެސްދިން "ދޯސްތާނާ" ގެ ސީކްއެލް އެވެ. އާ ފިލްމުގެ ކާސްޓަށް ކާތިކްގެ ބަދަލުގައި އެހެން އެކްޓަރަކު ނަގަން ނިންމާފައިވާ އިރު މީގެ ކާސްޓްގައި އާ އެކްޓަރު ލަކްޝް ލަލްވާނީ ވެސް ހިމެނެ އެވެ.