05 ޑިސެމްބަރ 2021 - 08:27

ބުދަ ދުވަހާ ގުޅޭ
"ފެނިއްޖެ؟" މަލްސާ ބުނި އަޑު އިވުނެވެ.
ވިލްދާން ދިޔައީ ސިއްސައިގެންނެވެ. މަލްސާ އޮތީ ހޭލާކަމަކަށް، ފަހަރެއްގައި ވެސް ވިލްދާން ހިތަކަށްނާރައެެވެ.
"ވިލްދާނަކަށް ނޭނގޭތަ ވިލްދާނަކީ ކިހާ ބާރަށް ގުގުރިދަމާ މީހެއްކަމެއް؟" ތެދުވެ ފާރުގައި ލެނގިލަމުން މަލްސާ ބުންޏެވެ. "ގުގުރިނުދަމަންޏާ އޭގެ މާނައަކީ ވިލްދާން އޮތީ ހޭލައޭ. އެ ވަރު އެނގޭހާ ދުވަހު އަހަންނަށް އެއްކޮށް އުޅެވިއްޖެ ކަންނޭނގެ ދޯ؟"
އޮޅުވައިލަން ނުވަތަ ނޭނގޭކަމަށްހަދަން ވިލްދާނަށް ކުރެވޭނެ ކަމެއް ނެތެވެ. އޭރު ވެސް މަލްސާގެ ފޯނު އޮތީ ވިލްދާން އަތުގައެވެ. އެ ކަން ނުކުރެވުނު ނަމައޭ ވިލްދާން ހިތަށްއެރިއެވެ. އެހެނަސް ވަގުތު ފާއިތުވެއްޖެއެވެ. ކުރިމަތިލުން ނޫން ގޮތެއް ވިލްދާނަކަށް ނެތެވެ. "ލަވް" ޖަހައިފައިވާ ފޯލުޑަރު ތެރޭގައި ހުރީ ފިރިހެނެއްގެ ފޮޓޯތަކެކެވެ. އެ ފިރިހެނަކީ ވިލްދާނެއް ނޫނެވެ. އެހެނަސް ދަންނަ މޫނެއްހެން ވިލްދާނަށް ހީވިއެވެ.
"އަހަންނަށްތާ މަލްސާ މި ނޭނގުނީ،" ފޯނު ދައްކައިލަމުން ވިލްދާން ބުންޏެވެ. "މީ ކާކު؟"
މަލްސާ އެއްވެސް ވަރަކަށް ހާހެއް ނުވެއެވެ. ފޯނު އަތުލާކަށް ވެސް ނޫޅެއެވެ. ހީވާ ކަހަލައެވެ. މަލްސާ ބޭނުންވަނީ ވިލްދާނަށް އެ ފޮޓޯތައް ދައްކާށެވެ.
"ނޭނގޭތަ ތީ ކާކުކަމެއް؟" މަލްސާ ސުވާލުކުރިއެވެ. "އަދޭޝް ނުދަންނަން؟ އިހަށްދުވަހަކު އަހަރުމެން ދިޔައީ ކޮންތާކަށް؟"
އެ ހިސާބުން ވިލްދާންގެ ހަނދާންތައް ނުވަތަށް އެނބުރެން ފެށިއެވެ. ވިލްދާން ހަނދާންކުރަން މަސައްކަތްކުރީ، ލަންކާގެ ނޫރަލިޔާގެ ރީތި މަންޒަރުތަކެއް ފެނުނު ހިސާބާ ހަމައަށެވެ. އެއީ ވެސް ދަންވަރެއްގެ ވަގުތެވެ. ވިލްދާން އިނީ ބޮޑުކޮޓަރީގެ ސޯފާގައެވެ. މަލްސާ އޮތީ އެނދުގައެވެ. ލޯބީގެ ބޮކިތައް ނިވި، ބީރައްޓެހިކަމުގެ އަނދިރިކަން އޮތީ މުޅި ގެއަށް ފެތުރިފައެވެ. ނިދިނައިސްގެން ވިލްދާނާއި މަލްސާ ފޯނާ ކުޅެން ތިއްބައި ނޫރަލިޔާގެ ފޮޓޯއެއް ވިލްދާންގެ ލޮލުގައި އަޅައިގަތެވެ. އެ ފޮޓޯ މަލްސާއަށް ދެއްކުމާ އެކު އޭނަ ވެސް އެ ތަނަށް ހިތްޖެހުނެވެ. އެކަމަކު ދާހިތްވާ ވާހަކައެއް ނުބުނެއެވެ. ހަޔާތުގެ އެ ހިސާބަށް އައި އިރު، ކައިވެނީގެ އެކި ދިމަދިމާއިން ވަނީ ކުދިކުދި ބާކޮޅު ހެދިފައެވެ. މަލްސާ ދިރިއުޅެމުންއައީ، އެތަކެއް ޝަކުވާތަކެއް ހިތުގައި ފޮރުވައިގެންނެވެ. މަލްސާގެ ނަޒަރުގައި މަލްސާއަކީ، ހިތުގެ މިސްރާބު އޮޔާއިވަޔަށް ދޫކޮށްލައިގެން ދެމެމުންދިޔަ ހިކި ހޯލިކޮޅެކެވެ. ހަޔާތާ މެދު މަލްސާ ދުށް ރީތި ހުވަފެންތައް ބިލާހަކަށްވިތާ ކިތަންމެ ދުވަހެކެވެ. އެކަމަކު ވިލްދާނަކަށް އެ ކަމެއް ނޭނގެއެވެ. އެއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟ ވިލްދާން އުޑުން ތަރި ބާލައިދިން ދުވަސްވަރު، ދެ ހަށިގަނޑުގައި އޮންނަނީ އެއް ހިތެކޭ ވިލްދާން ބުނި ބުނުން މަލްސާ ދުވަހަކު ވެސް ހަނދާނެއް ނުނެތެވެ. ވީއިރު މަލްސާ އުފާނުވާކަން ވިލްދާނަށް ނޭނގެންވީ ކީއްވެގެން ހެއްޔެވެ؟
އެއާޕޯޓަށް ދާން ވިލްދާން ބޭނުންވީ ކަނޑުމަގުންނެވެ. މަލްސާއަށް އެ ގޮތް ރަނގަޅެވެ. ފަހުން ހިޔާލު ބަދަލުވެގެން ވިލްދާން ނިންމީ ކާރުގައި ދާށެވެ. އެ ގޮތް ވެސް މަލްސާއަށް ރަނގަޅެވެ. އެއާޕޯޓަށް ގޮސްފައި ވިލްދާން ބޭނުންވީ ޕިއްޒާ ކާށެވެ. މަލްސާ އެ ދިމާއަށް ހިނގައިގަތެވެ. ކުއްލިއަކަށް ވިލްދާންގެ ހިޔާލު ބަދަލުވިއެވެ. ކޭއެފްސީއަށް ވަންނަން ބޭނުންވިއެވެ. މަލްސާ އެ ދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. އެ ގޮތަށް ކަންތައް ވަމުން އަންނަތާ އެތަކެއް އަހަރެއް ވެއްޖެއެވެ. މަލްސާއަކީ ވިލްދާންގެ ހިޔަންޏެވެ. ލޯގަނޑެއް ކުރިމައްޗަށް ހުއްޓުނަސް މަލްސާއަކަށް މަލްސާއެއް ނުފެނެއެވެ.
ލަންކާއަށް ދެވޭތީ އެންމެ އުފާވީ ނާހިދެވެ. ފުރަން އޮތް ދުވަހުގެ ކުރީ ރޭ، އުފަލުން ގޮސް ނާހިދަށް ނުވެސް ނިދުނެވެ. ނާހިދުގެ ޝައުގުވެރިކަން އެހާ ބޮޑުނުވި ނަމަ، އެންމެ ފަހު ވަގުތު ވެސް މަލްސާ އެނބުރި މާލެއައީހެވެ. ވިލްދާން ކަންތައް ކުރި ގޮތުންނެވެ. ކޭއެފްސީގައި ތިބެފައި، އެކުވެރިޔަކު ފެނިގެން ވިލްދާން އެ މޭޒަށް ދިޔަ ގޮތަށް ނައިމައެވެ. އެއީ ވިލްދާން އަލަށް ކުރި ކަމެއް ނޫނެވެ. މަލްސާއަކަށް މައްސަލައެއް ވެސް ނެތެވެ. އެހެނަސް ނާހިދު ވަރަށް ދެރަވެފައި އެ ވާހަކަދެއްކިއެވެ. ހަތަރު އަހަރުގެ ސިކުނޑިއަށް ނުތަކާ ވަރަށް ނާހިދު ޝަކުވާކުރިއެވެ. މަލްސާ ކުރާނީ ކީއް ހެއްޔެވެ؟ މީހެއްގެ ކަށީގައި ހިފާފައި ހުރި ކަމެއް ބަދަލުކުރާނީ ކިހިނެއް ހެއްޔެވެ؟ މަލްސާއަކީ އަނބިމީހާއެވެ. ވިލްދާންގެ މަންމައެއް ނޫނެވެ.
ލަންކާއަށް ގޮސްފައި ދެން ދިޔައީ ނޫރަލިޔާއަށެވެ. އެއީ ހަ ހާސް އެއް ސަތޭކަ އަށާވީސް ފޫޓު އުހުގައި އޮންނަ ތަނެކެވެ. ސައިފަތް ދަނޑުތަކާއި، ފަރުބަދައާއި، ފެނާރުގެ ހިތްގައިމުކަމުގެ ތެރެއަށް ދުންފިނީގެ ޖާދޫ ފެތުރިފައިވާ ރަށެކެވެ. ބިޔަ ފެހި ދަނޑުތަކާއި، އިނގެރޭސިން ދޫކޮށްފައި ދިޔަ ގަދީމީ އިމާރާތްތަކާއި، ތަނުގެ އެވޭލާ ފަރުމާތަކަށް މަލްސާ ހިތްޖެހުނު ވެސް މެއެވެ. މަލްސާއަކީ ފިންޏަށް ގަދަ މީހެކެވެ. އެހެނަސް "ފިނިގަދަކަމުން" މަލްސާ ހޮޓަލުން ބޭރަކަށް ނުނިކުމެއެވެ. އެ ކަން ވެސް ވިލްދާނަކަށް ފާހަގައެއް ނުކުރެވުނެވެ. ކީއްވެގެން ހެއްޔެވެ؟ ވިލްދާންގެ ވުޖޫދަކީ ވިލްދާނެވެ. އޭނަ އެކަންޏެވެ. އެހެން އެންމެންނަކީ ވިލްދާނަށް އުފާތައް ފަހިކޮށްދޭ ނޯކަރުންނެވެ. އެ މީހުންގެ ހިތެއް ނުވަތަ އުންމީދެއް ވެސް ނޯންނާނެއެވެ. އެ ކަން އިހުސާސްވި ދުވަހު މަލްސާ ވަރަށް ރުޔެވެ. އެންމެ ފަހުން ކަރުނަ ހިކުނީއެވެ.
ނޫރަލިޔާގެ ފުރަތަމަ ދުވަހު ވިލްދާނާއި ނާހިދު ގިނައިން އުޅެނީ ބޭރުގައެވެ. ސައިފަތް ދަނޑުތަކާއި، ބަގީޗާތަކުގައެވެ. މަލްސާ ގިނަ ވަގުތު ހޭދަކުރީ ކޮޓަރީގައެވެ. ނޫނެކެވެ. ކޮޓަރިއަކު ނޫނެވެ. ހޮޓަލުގައެވެ. ޓްރެވީން ހޮޓަލުގެ ގޯތިތެރޭގައެވެ. އެއީ އާދައިގެ އެހެނަސް ހިތްގައިމު ތަނެކެވެ. ގޯތިތެރޭގައި ކުޑަ ބަގީޗާއަކާއި ފެންގަނޑެއް އޮވެއެވެ. ބޯ ސުއިޓަރެއް ލައިގެން، ބޮލާ އެއްކޮށް ނިވާކޮށްގެން، ފެންގަނޑު ކައިރީގައި ވަރަށް ގިނަ ވަގުތު މަލްސާ ހޭދަކުރިއެވެ. އޭރު މަލްސާ އަތަކު އަންގިއެއް ނެތެވެ. ކޮންމެހެން މުހިންމެއް ވެސް ނޫނެވެ. ބައެއް ފަހަރު ދެ އަތްތިލަ އުނގުޅައިލުމަށް ފަހު އަތަށް ފުމެލައިފައި، ބައެއް ފަހަރު ސުއިޓަރުން އަތްތިލަ ފޮރުވައިލުމުން މަލްސާއަށް ފުދުނެވެ. ނުފުދުނީ އަދޭޝްއަށެވެ. ޓްރެވީން ހޮޓަލުގެ މެނޭޖަރަށެވެ.
ފުރަތަމަ ދުވަހުގެ ހަވީރުގެ ވަގުތެވެ. އާދައިގެމަތިން ވިލްދާނާއި ނާހިދު ދިޔައީ ތަންތަން ބަލާށެވެ. މަލްސާ އެ ދުވަހު ވެސް ދާހިތް ނުވީއެވެ. ވިލްދާން ދިޔުމުން މަލްސާ ގޯތިތެރެއަށް ނުކުތެވެ. އެ ވަގުތަކީ، ދުންފިނީގެ އަސަރު ބޮޑު ވަގުތެކެވެ. ހޮޓަލުގެ ހޫނުން ބޭރަކަށް އެކަކު ވެސް ނުނިކުމެއެވެ. މަލްސާ ފިޔަވައެވެ. ދޫނިގޮވާ އަޑާއި، ހޮޓަލުގެ ކުރިމަތިން މަގުގެ އަނެއް ފަރާތުގައި އޮތް ފެހި ދަނޑުން މަލްސާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ދަނޑުގައި މިނިވަންކަމާ އެކުގައި ދުވަމުންދިޔަ އަސްތައް މަލްސާ މުނިފޫހިފިލުވައިދިނެވެ.
"ކޮފީ؟" ބަރު ފުސް އަޑެއް މަލްސާގެ ކަންފަތުގައި ޖެހުނެވެ.
މަލްސާ އެނބުރިލިއެވެ. މަލްސާގެ ލޮލުގައި އަދޭޝް އަޅައިގަތީ އެ ވަގުތުއެވެ. ހޮޓަލަށް ފުރަތަމަ އައި އިރު ވެސް، ހޮޓަލުން މަރުހަބާކިއީ އަދޭޝްއެވެ. އަދަބުވެރި، އޯގާތެރި ރާގެއްގައެވެ. އެހެނަސް، އެ ވަގުތު އޭނަގެ މޫނަކަށް މަލްސާ ނުބަލައެވެ. ދަތުރުމަތީގައި ދިމާވި ކަމަކުން އޭރު ވެސް މަލްސާ ހުރީ ހިތްހަމަނުޖެހިފައެވެ. މާލެދާން ބޭނުންވެފައެވެ.
"ވަރަށް ފިނިވެގެން އުޅޭހެން ހީވާތީ ކޮފީތަށްޓެއް ހިފައިގެން މިއައީ." ކޮފީތަށި ދިއްކޮށްގެން ހުރެ އަދޭޝް ބުންޏެވެ.
އަދޭޝް ވާހަކަދެއްކީ ދޫފަރިތަކޮށް، ވިލާތު ރާގަށެވެ. މަލްސާ ކޮފީތަށީގައި ހިފިއެވެ. ޝުކުރުއަދައެއް ނުކުރެއެވެ. އެއީ ގަސްތުގައި މަލްސާ ކުރި ކަމެކެވެ. ކަށަވަރުކޮށްލުމަށް ޓަކައި، ދެވަނަ ފަހަރަށް އަދޭޝްގެ ކޯޓަށް މަލްސާ ބަލައިލިއެވެ. ހަރުކޮށްފައިވާ ނަންކޮޅުގައި އޮތް ނަމާއި މަގާމު ކަށަވަރުކުރުމަށް ޓަކައެވެ. އަދޭޝްއަކީ ހޮޓަލުގެ މެނޭޖަރެވެ.
"ފިރިމީހާޔާ ދަރިފުޅު ކޮބާ؟" އަދޭޝް ބުންޏެވެ.
"އެ މީހުން ބުރެއްޖަހައިލަން ދިޔައީ،" މަލްސާ ޖަވާބުދިނެވެ. "އަހަރެން ހިތަށްއެރީ މި ތަނަށް ނުކުމެލާނަމޭ. ވަރަށް ހިތްގައިމު ތަނެއް މީ."
"މި ހޮޓަލާ ދޭތެރޭގަ ކީކޭ ބުނަނީ؟" އަދޭޝް ސުވާލުކުރިއެވެ.
ވަރަށް ކުރުކޮށް ވެސް މަލްސާއަށް އެ ސުވާލުގެ ޖަވާބު ދެވުނީހެވެ.
"ހޮޓާ ވެސް، ހިދުމަތް ވެސް ވަރަށް ރަނގަޅު،" ކޮފީތަށީގައި ދެއަތުން ރަނގަޅަށް ހިފާލަމުން މަލްސާ ބުންޏެވެ. "މެނޭޖަރު ވެސް ވަރަށް ހެޔޮ."
"ޝުކުރިއްޔާ!" ހިނިތުންވެލަމުން އަދޭޝް ބުންޏެވެ. "ރަނގަޅު ފީޑްބެކެއް ދޭނެކަމަށް އުންމީދުކުރަން. އެންޖޯއި!"
އެ ދުވަހުގެ ވާހަކަ އެ ހިސާބުން ނިމުނީއެވެ. ނުނިމުނީ އަދޭޝްއާ ދޭތެރޭ މަލްސާގެ ހިތުގައި އުފެދުނު ޝުއޫރުތަކެވެ. ފިލައިނުދިޔައީ އޭނަގެ ތަސްވީރެވެ. ހިތްހެޔޮ މިޒާޖެވެ. އުމުރުގެ ގޮތުން ވިލްދާނަށް ވުރެ އަދޭޝް ދޮށި ނުވާނެކަން މަލްސާއަށް ޔަގީނެވެ. އެއް އުމުރެއްގެ ދެ ފިރިހެނުންގެ މިޒާޖު އެހާ ތަފާތީ ކީއްވެގެން ހެއްޔެވެ؟ މަލްސާއަކީ ވިލްދާންގެ އަނބިމީހާއެވެ. ދަރިފުޅުގެ މަންމައެވެ. އަދޭޝްއަށް މަލްސާއަކީ ބީރައްޓެއްސެކެވެ. އެކަމަކު މަލްސާ ހީކަރުވައިގަނެގެން އުޅޭ ތަން ބަލަން އަދޭޝްއަކަށް ނުހުރެވުނެވެ. ކީއްވެގެން ހެއްޔެވެ؟ މަލްސާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އާނއެކެވެ. އަދޭޝްއަކީ ހޮޓަލުގެ މުވައްޒަފެކެވެ. ހިނިތުންވުމާއި އިހުތިރާމުކުރުމަކީ އޭނަގެ ވަޒީފާއެވެ. އެހެނަސް ކޮފީއަކީ، ބުއިމެއްގެ ސިފައިގައި އޭނަ ހަދިޔާކުރި އޯގާތެރިކަމެވެ. އެއަށް ޓަކައި މަލްސާ ކަރުހިއްކައިގެންފައިވާ ޖަޒުބާތެކެވެ.
ދެވަނަ ދުވަހު ސައިބޮއިގެން ކޮޓަރިއަށް އައި އިރު ހޫނުފެން ހުރީ މައްސަލަޖެހިފައެވެ. ހޫނުފެނާ ނުލައި ނޫރަލިޔާއަކު ނޫޅެވޭނެއެވެ. އޭރު ވެސް ފިނިމިން ހުރީ ސާދައިގައެވެ. މަލްސާއަށް ވުރެ ކަންބޮޑުވީ ވިލްދާނެވެ. މައްސަލަ ހައްލުކުރަން އިސްތިގުބާލަށް ދިޔައީ ވެސް ވިލްދާނެވެ. އިރުކޮޅަކަށް ފަހު އެނބުރި އައެވެ.
"އިރުކޮޅަކުން އަންނާނަމޯ ބަލަން،" ވިލްދާން ބުންޏެވެ. އަދި ކަރުދާސްކޮޅެއް ދެއްކިއެވެ. "މި ކަރުދާސްކޮޅު ފޮޓޯއެއް ނަގާބަލަ! ތީ މެނޭޖަރުގެ ނަންބަރު. ކޯޓުލާފަ ދެކޮޅަށް ހިނގެނިކޮށް އޭނައަށް ނިމުނީ. ގަޑިއެއްހާ އިރު ތެރޭ ނައިއްސިއްޔާ ގުޅާތި!"
އެ ދުވަހު ވެސް ވިލްދާނާއި ނާހިދު ބޭރަށް ދިޔައެވެ. މަލްސާ އޮތީ ކޮޓަރީގައެވެ. ދޮޅުގަޑި އިރު ފާއިތުވީ އިރު ވެސް ފެނުގެ މައްސަލަ ހައްލުކުރާކަށް މީހަކު ނައެވެ. މަލްސާއަށް ލިބުނީ ރަނގަޅު ފުރުސަތެކެވެ. އަދޭޝްގެ ނަންބަރު ފޯނުގައި ރައްކާކޮށްފައި އޭނައަށް ގުޅިއެވެ. ކޮޓަރީގެ ނަންބަރު ބުންޏެވެ. ދެން ދެއްކީ ހޫނުފެނުގެ ވާހަކައެއް ނޫނެވެ. މުޅީން އެހެން ވާހަކައެކެވެ.
ނުނިމޭ