05 ޑިސެމްބަރ 2021 - 10:03

ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ދެވަނަ ބުރުގެ އެންމެ ފަހު ޖާގަތައް ވެމްކޯ، ސްޓްލްކޯ، އެއާޕޯޓްސް ކޮމްޕެނީ، ޓްރޭޑް މިނިސްޓްރީ އަދި ޕޮލިހުން ކަށަވަރުކޮށްފި އެވެ.

ފިރިހެން ޑިވިޝަންގެ ގުރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުތަކުގައި ރޭ، ސްޓެލްކޯ އިން ވަނީ ޔޫތު ސްޕޯޓްސް މިނިސްޓްރީ 2-1 އިން ބަލިކޮށްފަ އެވެ. ކުރީގެ ގައުމީ ކެޕްޓަން އައްސަދު އަބްދުލް ގަނީ ކޯޗްކޮށްދޭ ސްޓެލްކޯގެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ އަލީ މާއިސް އެވެ. ޔޫތު މިނިސްޓްރީގެ ލަނޑު ޖެހީ ގާސިމް ޝަމާމް (ޝައްމޭ) އެވެ. ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގުރޫޕް ސީގެ އެއްވަނަ ހޯދި ވެމްކޯއިން ވަނީ ރޭ މާލޭ ސީޓީ ކައުންސިލްގެ މައްޗަށް 3-2 އިން މޮޅުވެފަ އެވެ.
ފުޓްސަލްގެ މަޝްހޫރު ދެތަރިން ކަމަށްވާ އަލީ ހާފިޒް (ހާއްޕެ) އާއި އަބްދުﷲ ޝައްފާން (ޝާކާ) ކުޅޭ ވެމްކޯ ޓީމުގެ ފުރަތަމަ ދެ ލަނޑު ޖެހީ އެ ދެ ކުޅުންތެރިންނެވެ. ފުރަތަމަ ލަނޑު ޖެހީ ހާއްޕެ އެވެ. ދެވަނަ ލަނޑު ޝާކާ އެވެ. އަނެއް ލަނޑު ޖެހީ އަލީ ޝިޔާހެވެ. ސީޓީ ކައުންސިލްގެ ދެ ލަނޑު ވެސް ޖެހީ އަހްނަފް ރަޝީދެވެ.
ގުރޫޕް ސީގެ އެއްވަނަ ވެމްކޯ ހޯދީ ނުވަ ޕޮއިންޓާ އެކު އެވެ. ސްޓެލްކޯ ދެވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ސްޓެލްކޯ ބަލިވީ ވެމްކޯ އަތުންނެވެ. ސިޓީ ކައުންސިލަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
ގުރޫޕް އޭ އިން ދެވަނަ ބުރުން ޖާގަ ހޯދި ދެ ޓީމު ކަމަށްވާ، އެއާޕޯޓްސް ކޮމެޕެނީ އާއި އުރީދޫ އަށް ވެސް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. އެއާޕޯޓްސް ކޮމްޕެނީން ގުރޫޕްގެ އެއްވަނަ ހޯދީ ރޭ، އުރީދޫގެ މައްޗަށް 2-0 އިން މޮޅުވެގެންނެވެ. އެއާޕޯޓްސް ކޮމްޕެނީގެ ލަނޑުތައް ޖެހީ އަޒްޔާން އިބްރާހިމް އާއި އަލީ ޝާފިއު އެވެ. ރޭ ކަސްޓަމްގެ މައްޗަށް މީޑީއާ ނެޓަށް މޮޅު ވެވުނު ނަމަ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތެއް މީޑިއާނެޓަށް ލިބުނީހެވެ. އެކަމަކު 5-1 އިން ބަލިވެ މީޑިއާނެޓް ވެއްޓުނީ ގުރޫޕްގެ ފުލަށެވެ. ކަސްޓަމްގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ހަސަން ނޫރިޝް އެވެ. އަނެއް ދެ ލަނޑު ޖެހީ މުންތާޒް އަބްދުރަޝީދެވެ.
ޕޮލިސް ކްލަބާއި ހުޅުމާލޭ ހޮސްޕިޓަލް ކުޅުނު މެޗު އެއްވަރުވިއަސް، ޕޮލިސް ކްލަބު ވަނީ ގުރޫޕް ބީގެ އެއްވަނައިގައި ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ޕޮލިހުން ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ. މެޗުގައި ޕޮލިހުގެ ލަނޑުތައް ޖެހީ މުހައްމަދު ޝިފާން އާއި އަލީ ފަހްމީ އެވެ. ހުޅުމާލޭ ހޮސްޕިޓަލްގެ ލަނޑުތައް ޖެހީ އަބްދުﷲ ފާރިޝް އާއި ހަސަން ސޮލާހެވެ.
އެ ގުރޫޕްގައި އެންމެ ފޯރިގަދަވީ ޓްރޭޑް މިނިސްޓްރީ އާއި އެލައިޑް އިންޝިއުރެންސް ކުޅުނު މެޗެވެ. މެޗު 5-2 އިން ކާމިޔާބުކޮށް ޓްރޭޑް މިނިިސްޓްރީ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކުރި އެވެ. ޓްރޭޑްގެ ފަސް ލަނޑުގެ ތެރެއިން ޖުމައިލް ޖަމީލް އާއި ޝިފާން އަހްމަދު މަނިކު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑު ޖެހީ އިސްމާއީލް އިހްތިރާމް އެވެ. އެލައިޑްގެ ލަނޑުތައް ޖެހީ އަންސަރު އިބްރާހިމް އާއި ގުހައިސާން އެވެ.
- ގުރޫޕް އޭ: އެމްއޭސީއެލް އަދި އުރީދޫ
- ގުރޫޕް ބީ: ޕޮލިސް އަދި ޓްރޭޑް މިނިސްޓްރީ
- ގުރޫޕް ސީ: ވެމްކޯ އަދި ސްޓެލްކޯ
- ގުރޫޕް ޑީ: އެޗްޑީސީ އަދި އާރްޑީސީ
- ގުރޫޕް އީ: ދިރާގު އަދި ފިއުލް ސަޕްލައި
- ގުރޫޕް އެފް: ފެނަކަ އަދި ޕްރިޒަން
- ގުރޫޕް ޖީ: އެމްޕީއެލް އަދި ސިފައިން
- ގުރޫޕް އެޗް: އެސްޓީއޯ އަދި އެމްޓީސީ
މިރޭ ކުޅޭނީ އަންހެން ޑިވިޝަން ނުވަތަ "18/30 ވިމެންސް ފުޓްސަލް ފިއެސްޓާ"ގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތަކެވެ. ގުރޫޕް ދޭއްގައި އެމްޕީއެލް އާއި ވެމްކޯ އަދި ގުރޫޕް އެކެއްގައި ޕޮލިހާއި ޓްރޭޑް މިނިސްޓްރީ ވާދަކުރާނެ އެވެ. ދެ މެޗު ވެސް ފަށާނީ މިރޭ 9 ޖަހާއިރު އެވެ. ގުރޫޕް ދޭކުން އެމްޕީއެލް އާއި ވެމްކޯ އޮތީ މިހާރު ވެސް ދެވަނަ ބުރު ކަށަވަރުކޮށްފަ އެވެ. މިރޭ ޓްރޭޑް މިނިސްޓްރީ ބޮޑު ތަފާތަކުން މޮޅު ވެއްޖެ ނަމަ އެ ޓީމަށް ދެވަނަ ބުރުގެ ފުރުސަތެއް އެބައޮތެވެ. އެކަމަކު މެޗު އެއްވަރުކޮށްލިޔަސް ޕޮލިހަށް ދެވަނަ ބުރުގެ ޖާގަ ޔަގީން ވާނެ އެވެ. ގުރޫޕް އެކަކުން ދެވަނަ ބުރުގެ ޖާގަ އެއްވަނަ ޓީމުގެ ގޮތުގައި ޔަގީންކުރީ ސިފައިންނެވެ.