05 ޑިސެމްބަރ 2021 - 10:21

ބާސެލޯނާ (ޑިސެމްބަރު 5) - ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވި ފަހުން އެ ޓީމު ފުރަތަމަ ފަހަރަށް ބަލި ވެއްޖެ އެވެ.

ބާސެލޯނާ ބަލިވީ ރޭ ރެއާލް ބެޓިސްއާ ވާދަކޮށް 1-0 އިންނެވެ.
ޒަވީއާ އެކު ބާސެލޯނާ ވަނީ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގައި ބެންފީކާއާ ދެކޮޅަށް ކުޅެ އެއްވަރުކޮށްފަ އެވެ. ރޭ އަމިއްލަ ދަނޑުގައި ބެޓިސް އަތުން ވީ ބައްޔާ އެކު، ލީގު ތާވަލުގެ ހަތް ވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައި ވަނީ ކުޅުނު 14 މެޗުން 23 ޕޮއިންޓެވެ.
ފުރަތަމަ ހާފުގައި ފިލިޕޭ ކުޓީނިއޯ އަށް ލީޑު ނަގަން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ބެޓިސްގެ ކީޕަރު ދިފާއު ކުރިއިރު، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވި އުސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި އެވެ.
ބެޓިސް އިން ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށް ވެފައި ވަނިކޮށް އުފެއްދި ކައުންޓާ އެޓޭކެއްގައި ފޯވަޑް ހުއާންމީ އެވެ.
މެޗަށް ފަހު ޒަވީ ބުނީ، މެޗުން ބަލިވީ ހެދޭ ކުދިކުދި ގޯސްތަކުގެ ސަބަބުން ކަމަށާއި، ކުޅުމަށް ބަލާއިރު މޮޅުވުން ހައްގީ ބަސެލޯނާ ކަމަށެވެ.
"މިއީ ބާސާ، މި ތާނގައި ކުޅޭނީ ހުސް ފައިނަލް. ނަތީޖާއާމެދު ކަންބޮޑުވޭ، އެއީ އަހަރެމެން ބަލިވާކަށް ބޭނުމެއް ނުވޭ އެއްވެސް ހާލެއްގައި. ހައްގު ނޫން މެޗުތަކުން ވެސް މޮޅުވެފައި އެބަހުރި. އެކަމަކު މި މެޗް ނިމިގެން ދިޔައީ އިދިކޮޅަށް. ރަނގަޅަށް ކުޅެވުނު، ޑިފެންސް ވެސް ކުރެވުނު، އެކަމަކު ކައުންޓާ އެޓޭކްތައް މާ ބަލިކަށިވީ،" ޒަވީ ބުންޏެވެ.
"ދެވަނަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނު ވަގުތު ވެސް ދިޔަ. އެ ވަގުތު ނަތީޖާ ނެރެން ޖެހޭ."
ބާސެލޯނާ ދެން ނުކުންނާނީ ޗެމްޕިއަންސް ލީގުގައި ޖަރުމަންގެ ބެޔާން މިއުނިކާ ދެކޮޅަށެވެ. އަންނަ ބުދަ ދުވަހުގެ ރޭ ކުޅޭ އެ މެޗުން މޮޅުވާން ބާސާ އަށް މަޖުބޫރުވާނެ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ޔޫރޮޕާ ލީގުގައި ބެޓިސް ނުކުންނާނީ ސްކޮޓްލެންޑުގެ ސެލްޓިކާ ދެކޮޅަށެވެ. ބެޓިސް ވަނީ އެ ޓީމު ހިމެނޭ ޔޫރޮޕާ ލީގު ގުރޫޕުގެ ދެވަނަ ޔަގީން ކޮށްފަ އެވެ.