05 ޑިސެމްބަރ 2021 - 09:53

ހާޓްފޯޑްޝަޔާ، އިންގްލެންޑް، (ޑިސެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވަހެމްޓަންއާ ވާދަކޮށް މެޗު އެއްވަރުވާން ދަނިކޮށް ފަހު ވަގުތު ޑިވޮކް އޮރީގީ ލިވަޕޫލް މޮޅު ކޮށްދިން އިރު މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި ވަޓްފޯޑް ބަލިކޮށް ޕްރިމިއާ ލީގުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

ރޭގެ މެޗްތައް ކާމިޔާބު ކުރުމުން ސިޓީ އަށް އެއްވަނަ ލިބެނީ ކުޅުނު 15 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 34 ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި ތިންވަނައިގައި އޮތް ޗެލްސީ އަށް ލިބެނީ 33 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ 27 ޕޮއިންޓް ލިބިފަ އެވެ.
މިއީ، މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން ސިޓީން ޕްރިމިއާ ލީގު އެއްވަނައަށް މި ސީޒަނުގައި ޖެހިލި ފުރަތަމަ ފަހަރެވެ. އެންމެ ފަހު އަށް ހަފްތާގައި ވެސް ޓޭބަލް ލީޑުކުރީ ޗެލްސީ އެވެ. ނަމަވެސް ޗެލްސީ ތިންވަނަ އަށް ވެއްޓުނީ ހަތަރު ވަނައިގައި އޮތް ވެސްޓް ހޭމާ ވާދަކޮށް ރޭގެ މެޗުން ބަލިވުމުންނެވެ.
މީގެ ދެ ހަފްތާ ކުރިން ކޮވިޑު ޖެހިގެން ކުޅުމާ ދުރުގައި ހުރި ސިޓީގެ މިޑްފީލްޑަރު ކެވިން ޑީބްރޭނާ ވަނީ ބަލިން ރަނގަޅުވެ، ރޭގެ މެޗުގައި ފުރަތަމަ ފަހަރަށް ކުޅެން އަރައިފަ އެވެ. އަދި އަނިޔާގެ ސަބަބުން މުހިއްމު މެޗްތަކެއް ގެއްލުނު ފޯޑެން އާއި ޖެކް ގްރީލިޝް ވެސް ރޭގެ ފުރަތަމަ 11 ގައި ހިމެނުނެވެ.
ސިޓީން ވަނީ ރޭގެ މެޗުގެ ހަތަރުވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. ފިލް ފޯޑެން ނަގައިދިން ހުރަހެއް ވަޓްފޯޑު ގޯލު ކައިރީ ހުހަށް ހުރެ ބޮލުން ޖަހައި ސިޓީއަށް ލީޑު ނަގައިދިނީ ރަހީމް ސްޓާލިން އެވެ. އަދި 31 ވަނަ މިނިޓުގައި އިލްކޭ ގުންޑޮގާން ފޮނުވާލި ހަމަލާ ވަޓްފޯޑުގެ ކީޕަރު ޑެނިއެލް ބެޗްމަން ދިފާއު ކުރުމުން ރީބައުންސްވެފައި އައި ބޯޅަ ބެނާޑޯ ސިލްވާ އަށް ލިބުމުން އޭނާ ވަނީ ވަޓްފޯޑު ދެ ކުޅުންތެރިން ކައިރިން ނައްޓާލައިފައި ހަނި އޭންގަލުން ބޯޅަ ގޯލަށް ފޮނުވާލައިގެން ސިޓީގެ ދެވަނަ ލަނޑު ޖަހައިފަ އެވެ.
ދެވަނަ ހާފުގައި ބެނާޑީ ސިލްވާ ސިޓީއަށް އިތުރު ލަނޑެއް ޖަހައިދިން އިރު، ވަޓްފޯޑުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ކޮލަމްބިއާގެ ޒުވާން ފޯވަޑް ކޫޗޯ ހެނާންޑޭޒް އެވެ. ވަޓްފޯޑުގެ ކީޕަރު ބެޗްމަން ވަނީ މި މެޗުގައި ސިޓީން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ.
ލިވަޕޫލުން ވުލްވްސްގެ ދަނޑުގައި އެ ޓީމު ބަލިކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި އިތުރު ވަގުތުގެ ފަސް މިނިޓުގެ މިނިޓެއްހާއިރުގެ ކުޅުން ބާކީ އޮއްވަ އެވެ. ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވާން ދަނިކޮށް ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް އެ ޓީމުގެ "ކަލްޓް ހީރޯ" ޑިވޮކް އޮރިގީ އެވެ.
މީގެ ކުރިން ވެސް، ކުޅެން ލިބޭ މަދު ފުރުސަތުތަކުގައި މުހިއްމު މެޗުތަކުގައި ކުޅެން އަރައި އެތައް ފަހަރަކު ލިވަޕޫލަށް ނަތީޖާ ނެރެދީފައިވާ އޮރިގީ އަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އަދި އޭނާއަކީ ލެޖެންޑެއްގެ ގޮތުގައި ވެސް ކްލޮޕް ސިފަކުރި އެވެ.
މެޗުގައި ލިވަޕޫލަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ނާކާމިޔާބުވެފަ އެވެ. ވުލްވެސްގެ ކީޕަރު ހޯސޭ ސާ ލިވަޕޫލުން ފޮނުވާލި ގިން ހަމަލާތަކެއް މަތަކުރިއިރު، ރޮމަން ސައިސް އާއި ކެޕްޓަން ކޮނޯ ކޯޑީ ވަނީ މުހިއްމު ބޯޅަތަކެއް ބްލޮކް ކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑު ވެސް ވަނީ އަލަށް މި ސީޒަނުގައި މެޗަކުން މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން ނިއުކާސަލް މޮޅުވީ ކެލަމް ވިލްސަން ފުރަތަމަ ހާފުގައި ޖަހައިދިން ހަމައެކަނި ލަނޑާ އެކު 1-0 އިންނެވެ.
ސައުތެމްޓަން އާއި ބްރައިޓަން ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އާމަންޑޯ ބްރޯޖާގެ ލަނޑުން ސައުތެމްޓަން މޮޅުވާން ދަނިކޮށް ބްރައިޓަން އަށް ނަތީޖާ އެއްވަރު ކޮށްދިނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 10 މިނިޓު ނިމެނިކޮށް، އެޓީމުގެ ނީލް މޯޕޭ އެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަތަންވެފައި ވަނިކޮށް، ބްރައިޓަންގެ ލިއަންޑްރޯ ޓްރޮސާޑް މަތިން އައި ބޯޅައަކަށް ފުންމައިގެން އެރި ވަގުތު ސައުތެމްޓަން ކުޅުންތެރިޔަކު އޭނާ ކޮއްޕާލުމުން ވެއްޓުނު ވަގުތު އަތް ވިދިގެން އޭނާއަށް ވަނީ މެޑިކަލް ސްޓާފުން ދަނޑުމަތީގައި ހަތް މިނިޓު ވަންދެން ފަރުވާ ދީފަ އެވެ. އަދި ސްޓްރެޗަރުގައި ދަނޑުން ބާލަން ޖެހުނުއިރު، ބަދަލުތައް ހަމަވެފައި ވާތީވެ ބްރައިޓަން އަށް ޓްރޮސާޑްގެ ބަދަލުގައި އިތުރު ކުޅުންތެރިއަކު ނޭރުވުނެވެ.