11 ޑިސެމްބަރ 2016 - 11:23

ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 11) – ވޯލްޑް ކަޕަށް ގެންނަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހަޅުއްވާފައިވާ ބަދަލުތަކުގެ ތަފްސީލް ނުލިބޭތީ އެކަމާ ހިތްހަމަނުޖެހޭ ކަމަށާއި ބަދަލުތަކާ މެދު ވާހަކަ ދެއްކޭނީ ތަފްސީލް ލިބުމުން ކަމަށް ޔުއެފާގެ ރައީސް އަލެކްސެންޑާ ކެފެރިން ވިދާޅުވެއްޖެ އެވެ.
އިންފަންޓީނޯ ވަނީ ވޯލްޑް ކަޕުން 48 ޓީމަށް ފުރުސަތު ދޭން ހުށަހަޅުއްވައިފަ އެވެ. މުބާރާތް ކުރިއަށް ގެންދެވިދާނެ ތަފާތު ޕްލޭންތަކެއް މީޑިއާ މެދުވެރިކޮށް އިންފަންޓީނޯ އިއުލާންކުރައްވާފައިވާއިރު އެކަމާ ބެހޭގޮތުން އަންނަ މަހު ފީފާ ކައުންސިލްގައި މަޝްވަރާކުރާނެ އެވެ.
"އަހަރެން ބޭނުމެއް ނޫން ތިކަމާ ބެހޭގޮތުން ވާހަކަދައްކާކަށް. ސަބަބަކީ ފީފާގެ ފަރާތުން ތިކަމާ ގުޅޭ މައުލޫމާތު ލިބިފައިނުވާތީ. އޮކްޓޯބަރު މަހު ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ބުނި އާ ފޯމެޓްތަކުގެ ޓެކްނިކަލް އެނެލައިސިސްތައް ދޭނެ ކަމަށް. އެކަމަކު އަދި ނުލިބޭ،" ކެފެރިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ނޫސް ކިޔާއިރު ފެންނަނީ އާ ފޯމެޓެއްގެ ވާހަކަ ކަމަށާއި އެކަމަކު އެކަމާ ބެހޭގޮތުން ކުރިއަށް ދެވެނީ އެ ފޯމެޓްތަކާ ބެހޭ އިތުރު މައުލޫމާތު ލިބިގެން ކަމަށެވެ.
އިންފަންޓީނޯގެ ޕްލޭނުގައިވާ ގޮތުގައި ވޯލްޑް ކަޕުން 48 ޓީމަށް ފުރުސަތު ލިބޭނެ އެވެ. އަދި ތިން ޓީމު ހިމެނޭ 16 ގްރޫޕް އޮންނައިރު ކޮންމެ ގްރޫޕަކުން ދެ ވަނަ ބުރަށް ހޮވޭނީ ގަދަ ދެ ޓީމެވެ.
އިންފަންޓީނޯ ވަނީ 48 ޓީމުގެ ވޯލްޑް ކަޕް ކުރިއަށްގެންދާނެ އިތުރު ޕްލޭނެއް ވެސް އިއުލާންކުރައްވައިފަ އެވެ. އޭގެ ތެރޭގައި އޮޓޮމެޓިކުން 16 ޓީމަކަށް ގްރޫޕް ސްޓޭޖުން ފުރުސަތު ދިނުމަށް ފަހު ބާކީ 32 ޓީމުގެ މެދުގައި ނޮކްއައުޓް ބުރެއް ކުޅުމަށް ފަހު ހޮވޭ 16 ޓީމަށް ގްރޫޕް ސްޓޭޖުން ފުރުސަތު ދިނުން ހިމެނެ އެވެ.
އިންފަންޓީނޯ ވިދާޅުވީ ގިނަ ގައުމުތަކެއްގައި ފުޓްބޯޅަ ކުރިއެރުވޭނީ، ގިނަ ގައުމުތަކަށް ވޯލްޑް ކަޕުން ފުރުސަތު ދީގެން ކަމަށާއި ޔޫރޯ އަދި ކޮޕާ އެމެރިކާ އިން ވެސް އެކަންކޮށްފައިވާ ކަމަށެވެ. ޔޫރޯގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރުކުރުމާ އެކު ވޭލްސް އާއި އައިސްލެންޑް ފަދަ ގައުމުތައް ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.