04 ޑިސެމްބަރ 2021 - 21:12

އިސްލާމްއާބާދު (ޑިސެމްބަރު 4) - އިސްލާމް ދީނަށް ފުރައްސާރަކުރި ކަމަށް ބުނެ ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ސިޔާލްކޯޓުގައި ސްރީ ލަންކާގެ ރައްޔިތަކު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައިފި އެވެ.

ވެރިރަށް އިސްލާމްއާބާދުގެ އިރުދެކުނުން 200 ކިލޯމީޓަރު (125 މޭލު) ދުރުގައި ޕަންޖާބުގެ މެދުތެރޭގެ ސިއަލްކޯޓުގައި މި އަނިޔާވެރި އަމަލު ހިންގާފައި ވަނީ ހުކުރު ދުވަހު އެވެ.
އެ ސަރަހައްދުގެ ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ޒުލްފިގާރު އަލީ ވިދާޅުވީ މައްސަލަ އުފެދުނީ ރާޖްކޯ އިންޑަސްޓްރީ ފެކްޓަރީގެ ޖެނެރަލް މެނޭޖަރު އޮޕަރޭޝަންސްގެ މަގާމުގައި ހުރި ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ޕްރިޔަންތާ ދިޔަވަދަނާ އިސްލާމީ ޕާޓީއެއް ކަމަށްވާ ތަހްރީކީ ލައްބައިކަ ޕާކިސްތާން (ޓީއެލްޕީ)ގެ ދީނީ ޕޯސްޓަރެއް ވީދާލުމަށް ފަހު ކުނިވަށިގަނޑަށްލި ޚަބަރު ފެކްޓަރީ ތެރޭގައި ފެތުރުމާ ގުޅިގެންނެވެ. އެ ޚަބަރާ އެކު ކައިރި ހިސާބުތަކުން ވެސް ފެކްޓަރީގެ ބޭރަށް މީހުން ޖަމާވާން ފެށި އެވެ. ގިނަ މީހުންނަކީ ޓީއެލްޕީގެ އެކްޓިވިސްޓުންނާއި ސަޕޯޓަރުންނެވެ.
ޕަންޖާބު ސަރުކާރުގެ ތަރުޖަމާނެއް ކަމަށްވާ ހަސަން ޚަވަރު ވިދާޅުވީ ހައްދުފަހަނައެޅި ހަރުކަށި ވިސްނުމުގެ 800-900 މީހުން ވަނީ މެނޭޖަރު ފެކްޓަރީން ނެރެ އަނިޔާކޮށްފައި ކަމަށެވެ. އޭގެ ތެރޭން ބައެއް މީހުން ތިބީ ދަނޑިބުރިތައް ވެސް ހިފައިގެންނެވެ. ޕްރިޔަންތާ މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ވަނީ އަންދާލައިފަ އެވެ. އޭނާ މަރާލަން ހަމަލާ ދިން ބައެއް މީހުން އެއީ ކޮން ބައެއްކަން ސިއްރުކުރަން ވެސް މަސައްކަތެއް ނުކުރެ އެވެ. ޕްރިޔަންތާގެ ހަށިގަނޑުގައި ރޯކޮށްލާފައިވާ އިރު ސެލްފީ ވެސް ދިޔައީ ނަގަމުންނެވެ.
ޚަވަރު ވިދާޅުވީ ޕްރިޔަންތާގެ ޕޯސްޓް-މޯޓަލް ހަދާފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު އިސްލާމްއާބާދުގައި ހުންނަ ސްރީ ލަންކާ އެމްބަސީއާ ހަވާލު ކުރާނެ ކަމަށެވެ.
ޕްރިޔަންތާ މަރާލުމާ ގުޅިގެން 120 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހާދިސާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ސިފަކުރައްވާފައި ވަނީ "ގައުމަށް ވެސް ލަދުވެތި ދުވަހެއްގެ" ގޮތުގަ އެވެ.
ޕާކިސްތާނުގެ ގާތްގަނޑަކަށް ހުރިހާ ސިޔާސީ އަދި ދީނީ ޕާޓީތަކަކުން ވެސް ދަނީ ޕްރިޔަންތާ މަރާލި ހާދިސާ ކުށްވެރި ކުރަމުންނެވެ.
ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ވަނީ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފަ އެވެ. އަދި އަނިޔާވެރި އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލައްވައިފަ އެވެ.